06 މާޗް 2019 - 12:45

މޯލްޑިވްސް އިންޓަނޭޝަނަލް މެރެތަންގެ ފުލް މެރެތަން ހުޅުމާލެ އާއި މާލޭގައި ދުވަން ޖެހޭ ގޮތަށް ރޫޓް ކަނޑައަޅައިފި އެވެ.

އެއާ އެކު މި ރޭސް ވެގެންދާނީ ބްރިޖަކުން ގުޅުވާލާފައިވާ މާލެ އާއި ހުޅުމާލޭގައި ކުރިއަށްގެންދާ ދުވުމުގެ ފުރަތަމަ ވާދަވެރި ރޭހަށެވެ.

ހުކުރު ދުވަހުގެ މެންދަމު 2 ޖަހާއިރު ފުލް މެރެތަން ފަށާނީ ހުޅުމާލޭ ސެންޓްރަލް ޕާކުންނެވެ. އެއަށް ފަހު ހުޅުމާލެ އާއި ހުޅުލެ ގުޅުވައިދޭ ލިންކް ރޯޑް ހުރަސްކޮށް ބްރިޖުން ލާފައި އަރާނީ މާލެ އަށެވެ. އަދި މާލޭގައި އެއް ބުރު ޖެހުމަށް ފަހު އެނބުރި ހުޅުމާލެ އަށް ގޮސް އެ ތަނުގައި ހަތަރު ބުރު ޖެހުމަށް ފަހު ރޭސް ނިންމާނީ ސެންޓްރަލް ޕާކަށެވެ.
އިވެންޓުގައި ދެން އޮންނަ ހާފް މެރެތަން، 10 ކިލޯމީޓަރު އަދި ފަސް ކިލޯމީޓަރުގެ ދުވުން އޮންނާނީ ހުޅުމާލޭގަ އެވެ. ފަތިހު 5:30 ގައި ފަށާ ހާފް މެރެތަން އާއި އެ ދުވަހުގެ ހަވީރު 4:30 ގައި ފަށާ ފަސް ކިލޯމީޓަރު ދުވުން ފަށައި ނިންމާނީ ވެސް ސެންޓްރަލް ޕާކުންނެވެ. ފަތިހު 6:30 ގައި ފަށާ 10 ކިލޯމީޓަރު ދުވުމުގެ ސްޓާޓިން ޕޮއިންޓް ހުންނާނީ ހުޅުމާލޭ ބަސް ޓާމިނަލް ކައިރީގަ އެވެ. އެތަނުން ފަށައި ރަށް ވަށައި ދެ ބުރު ޖަހައި ނިންމާނީ ސެންޓްރަލް ޕާކަށެވެ.
މި އިވެންޓުގެ ރޫޓްތަކުގެ އެންމެ ހާއްސަ ކަމަކީ ރަށް ވަށައި ހުސް ދުވުމުގެ ބަދަލުގެ ދުވުންތެރިންނަށް ރަށުތެރޭގެ އާއްމު ދިރިއުޅުމުގެ ކުލަތައް ފެންނާނެ ގޮތަށާއި އަތިރިމަގުން ގޮނޑޮދޮށާއި މޫދު ފެންނާނެ ގޮތަކަށް ރޫޓް ކަނޑައަޅާފައި އޮތުމެވެ.
މި މެރެތަން އަކީ ދިގު ރާސްތާ ދުވުމުގެ މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖެ މަޝްހޫރުކޮށް ރާއްޖޭގައި ސްޕޯޓްސް ޓޫރިޒަމް ކުރިއެރުވުމުގެ ގޮތުން ބާއްވާ ހަރަކާތެކެވެ. ރޭހުގެ ހުރިހާ ކަމެއް ވެސް ގުޅުވާލާފައިވަނީ ތިމާވެށި ހިމާޔަތްކުރުމާއި ރާއްޖޭގެ ގުދުރަތީ ރީތިކަމާ އެވެ. ރޭހުގެ ޓީޝާޓާއި މެޑަލް ފަރުމާކޮށްފައިވަނީ ރާއްޖޭގެ ގުދުރަތީ ވެށްޓާއި ކަނޑުގެ ދިރުންތައް ސިފަވާގޮތަށެވެ.
އިވެންޓުގެ އިންޓަނޭޝަނަލް އެމްބެސެޑަރަކީ އިންޑިއާގެ ފިލްމީ ތަރި، ސުޕަމޮޑެލް އަދި ދުޅަހެޔޮ ސިއްހަތު ޕްރޮމޯޓްކުރުމުގެ ޗެމްޕިއަން މިލިންދު ސޯމަން އެވެ. އޭނާ ފުލް މެރެތަން އާއި ފަސް ކިލޯމީޓަރުގައި ދުވާނެ އެވެ.
ރޭހުގެ ހެލްތު އެންޑް ފިޓްނަސް އެކްސްޕޯ ރޭ ނެޝަނަލް އާޓް ގެލަރީގައި ވަނީ ފަށައިފަ އެވެ. ރޭ އޮތީ، އިވެންޓުގެ އިޖްތިމާއީ ތީމް ކަމަށްވާ ފަރުތައް ހިމާޔަތްކުރުމާ ގުޅޭ ޕެނަލް ޑިސްކަޝަން އެކެވެ. ބައިވެރިންނަށް ކިޓް ދޫކުރުން މިއަދު 4-10 އަށް އަދި މާދަމާ 12-7 އަށް އޮންނާނެ އެވެ. އަދި މިލިންދު ސޯމަން ދުޅަހެޔޮ ސިއްހަތާ ގުޅޭ ޕްރެޒެންޓޭޝަނެއް މާދަމާ ދޭނެ އެވެ.
ހޮނިހިރު ދުވަހު އާއިލީ ތިން އިވެންޓަކާއި ނިމުމުގެ ރަސްމިއްޔާތު ހުޅުމާލޭގައި އޮންނާނެ އެވެ. އެއީ ސީނިއާސް ޕަވާ ވޯކްގެ ނަމުގައި ބާއްވާ އުމުރުން ދުވަސްވީ މީހުންގެ ހިނގުމާއި ކުޑަކުދިންނަށް ހާއްސަކޮށްގެން ބާއްވާ ކިޑްސްމައިލް 3.2 ކިލޯމީޓަރު، 1.6 ކިލޯމީޓަރު އަދި 800 މީޓަރު ދުވުމެވެ. އެއަށް ފަހު ފިނިޝާ ޕާޓީ އާއި އެވޯޑިން ރަސްމިއްޔާ ފަށާނީ އެ ދުވަހު ހަވީރު 5 ޖަހާއިރެވެ.