08 މާޗް 2019 - 08:32

މި އަހަރު ހިންދީ ސިނަމާ އަށް އަންނާނެ އެންމެ ތަފާތު އެއް ފިލްމު ކަމަށްވާ ރަންބީރު ކަޕޫރާއި އާލިއާ ބަޓްގެ ފެންޓަސީ ފިލްމު "ބުރައްމަސްތުރާ" ގެ ލޯގޯ ދައްކާލައިފި އެވެ.
މި އަހަރުގެ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހު ސިނަމާތަކަށް ގެންނަން ނިންމާފައިވާ މި ފިލްމަކީ ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަނުން މިހާތަނަށް ގެނެސްދޭ އެންމެ އަގު ބޮޑު ފިލްމެވެ. އެ ކުންފުންޏަށް މީގެ ކުރިން ވަރަށް ކާމިޔާބު ދެ ފިލްމު ކަމަށްވާ ޔެ ޖަވާނީ ހެ ދީވާނީ (2013) އާއި 2009 ގެ "ވޭކް އަޕް ސިދު" ޑައިރެކްޓްކޮށް ދިން އަޔާން މުކަރްޖީ ލިޔެ، ޑައިރެކްޓްކޮށްފައިވާ "ބުރައްމަސްތުރާ" އަކީ 150 ކްރޯޑް ރުޕީސްގެ ބަޖެޓަކުން ހަދާފައިވާ ފިލްމެކެވެ.
ޝޫޓިން ނިންމާލައި، މިހާރު ޕޯސްޓް ޕްރޮޑަކްޝަން މަރުހަލާގައި އޮތް މި ފިލްމަކީ ތިން ބަޔަކަށް ގެނެސްދޭ ޓްރިލޮޖީއެކެވެ. ކަރަން އާއި އަޔާން ބުނެފައިވާ ގޮތުގައި "ބުރައްމަސްތުރާ" ގެ ވާހަކަ އެއްކޮށް ކިޔައިދީ ނިންމައިލާނީ 8 އަހަރުގެ ތެރޭގަ އެވެ. އެހެންވެ މިއަހަރު ރިލީޒް ކުރާ ފުރަތަމަ ބަޔަށް ފަހު، މީގެ އިތުރު ދެ ބައި އަދި ކުރިއަށް އޮންނާނެ އެވެ.
މިހާރު ލޯބީގެ ގޮތުން ވެސް ގުޅިގެން އުޅޭ ރަންބީރާއި އާލިއާގެ ޖޯޑު ފުރަތަމަ ފަހަރަށް ސްކްރީނަށް އަންނަ މި ފިލްމުގެ ކާސްޓުންގެ ތެރޭގައި އަމީތާބް ބައްޗަން، ޑިމްޕަލް ކަޕާޑިއާ، ނާގުރުޖުނާ އަކިނޭނީ، މޯނީ ރޯއީ، ޕްރަތީކް ބައްބަރު، އަމްރިތާ ޕޫރީ، ދީޕަކް ތިޖޯރީ، ޕްރިޔާ ގޯރް އަދި ދިވްޔެންޑޫ ޝަރުމާ ހިމެނެ އެވެ.
"ބުރައްމަސްތުރާ" ގެ މަންޒަރުތައް ނަގާފައި ވަނީ ބަލްގޭރިއާ، ލަންޑަން، ނިއުޔޯކް އަދި ސްކޮޓްލެންޑްގަ އެވެ. ފިލްމުގެ މިއުޒިކް ތައްޔާރުކޮށް ދީފައި ވަނީ ޕްރިތަމް އެވެ.
"ބުރައްމަސްތުރާ" ގެ ލޯގޯ ދައްކައިލުމާ އެކު ބެލުންތެރިން ދެން އެންމެ ބޮޑަށް އިންތިޒާރު ކުރާނީ މި ފިލްމުގެ ޓްރެއިލާއަށެވެ.