07 މާޗް 2019 - 07:18

ބޮލީވުޑްގެ އެންމެ ކާމިޔާބު އެކްޓަރުންގެ ތެރޭގައި ހިމެނޭ ސަލްމާން ހާން މިހާތަނަށް ކުޅުނު ހުރިހާ ފިލްމެއްގެ ރައިޓްސް ގަންނަން އޭނާ ނިންމައިފި އެވެ.
ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި 53 އަހަރުގެ އެކްޓަރުގެ ހުރިހާ ފިލްމެއްގެ ރައިޓްސް އަމިއްލަ އަށް ހޯދަން ނިންމާފައި ވަނީ އެ ހުރިހާ ފިލްމުތަކެއް އެއް ޕްލެޓްފޯމަކުން ބެލުންތެރިންނަށް ބަލައިލެވޭނެ އިންތިޒާމެއް ހަމަޖެއްސުމުގެ ގޮތުންނެވެ. އެގޮތުން އޭނާގެ ފިލްމުތައް ބަލައިލެވޭ ޑިޖިޓަލް ޕްލެޓްފޯމެއް ތައާރަފުކުރަން ނިންމާފައިވާ ކަމަށްވެ އެވެ. އޭގެ ތެރޭގައި ސަލްމާން ނުކުޅެ އެކަމަކު އަމިއްލަ އަށް ޕްރޮޑިއުސް ކުރި ފިލްމުތައް ވެސް ހިމެނެ އެވެ.
ސަލްމާން މި ފަހުން ކުޅުނު ގިނަ ފިލްމުތަކުގައި އޭނާ ޕްރޮޑިއުސަރެއްގެ ގޮތުގައި ހިއްސާވި ނަމަވެސް ކުރިން ކުޅުނު ގިނަ ފިލްމުތަކުގެ ހައްގު އޮތީ އެ ފިލްމުތައް އުފެއްދި ޕްރޮޑިސަރުންގެ އަތްމަތީގަ އެވެ.
އިންޑިއާގައި 1989 ގައި ނެރުނު "މޭނޭ ޕިޔާރް ކިޔާ" އިން މަޝްހޫރުވުމުގެ ކުރިން ސަލްމާންގެ އެކްޓިން ކެރިއަރު ފެށީ 1988 ގެ "ބީވީ ހޯ ތޯ އެއިސީ" އިންނެވެ.
ބޮލީވުޑްގެ އެންމެ ނުފޫޒު ގަދަ ހުރިހާ ޑައިރެކްޓަރުންނާ އެކުހެން މަސައްކަތްކޮށް، މަގުބޫލު އެތައް ފިލްމެއް މިހާތަނަށް ކުޅެފައިވާ ސަލްމާނަކީ ބޮލީވުޑްގެ އެކްޓަރުންގެ ތެރެއިން ބޮކްސް އޮފީހުގައި 100 ކްރޯޑަށް ވުރެ ބޮޑު އާމްދަނީއެއް ހޯދި ފިލްމުތައް އެންމެ ގިނަ އެކްޓަރު ވެސް މެ އެވެ. އެ އަދަދު 13 އަށް އަރަ އެވެ.
މިދިޔަ އަހަރު ނެރުނު "ރޭސް 3" ގައި ވެސް އުޅުނު ސަލްމާން ދެން އެންމެ އަވަހަށް ސްކްރީނުން ފެންނާނީ އަންނަ ފިތުރު އީދުގައި ރިލީޒް ކުރާ "ބާރަތު" އިންނެވެ.
އޭނާގެ ކުރިއަށް ހުރި އިތުރު ފިލްމުތަކުގެ ތެރޭގައި ސަންޖޭ ލީލާ ބަންސާލީ ޑައިރެކްޓް ކުރާ ފިލްމަކާއި ސޫރަޖް ބަރްޖަތިއާ ޑައިރެކްޓް ކުރާ ފިލްމެއްގެ އިތުރުން "ދަބަންގް 3" އަދި "ކިކް 2" ހިމެނެ އެވެ.
ސަލްމާން ޕްރޮޑިއުސް ކުރާ ފިލްމެއް ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ މި މަހުގެ 29 ގައި ރިލީޒް ކުރާ "ނޯޓްބުކް" އެވެ.