06 މާޗް 2019 - 10:10

ދާދި ފަހުން ފުލުހުންގެ ވަޒީފާ އަނބުރާ ދިން ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ރިޔާޒަށް އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމު އިއްޔެ ދީފި އެވެ.

ގާނޫނީ ދާއިރާ އިން މަތީ ތައުލީމް ހާސިލު ކުރައްވާފައިވާ ރިޔާޒަށް އެސިސްޓެންޓް ކޮމިޝަނާކަން ދެއްވައި ލިޔުން ހަވާލުކޮށްދެއްވީ އެކްޓިން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު (އެމްސީ) އެވެ.
ސްލޫކީ މައްސަލައެއްގައި ރިޔާޒު ފުލުހުންގެ ވަޒީފާއިން ވަކިކޮށްފައި ވަނީ ސެޕްޓެމްބަރު، 2017 ގަ އެވެ. އޭނާ އަށް އަލުން ވަޒީފާ ދިނުމަށް ސިވިލް ކޯޓުން ހުކުމް ކޮށްފައިވަނީ މިދިޔަ ޑިސެމްބަރު މަހު އެވެ.
ރިޔާޒަކީ ފަހުގެ ތާރީހުގައި ރާއްޖޭގައި ހިންގާފައިވާ ބޮޑެތި މައްސަލަތަކުގެ ތަހުގީގުގައި އުޅުއްވާފައިވާ އަދި ފުލުހުންގެ ފަރާތުން ކޯޓަށް ވަޑައިގަންނަވާ ސީނިއާ ވަކީލެކެވެ.
ރިޔާޒުގެ އިތުރުން ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި އަބްދުﷲ އަހުމަދަށް ވެސް އިއްޔެ ވަނީ އެސިސްޓެންޓް ކޮމިޝަނާގެ މަގާމު ދީފަ އެވެ. އަދި އިންސްޕެކްޓާ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި ޔޫނުސް ސޮބާހަށް ވަނީ ޗީފް ސްޕްރިންޓެންޑެންޓުގެ މަގާމު ދީފަ އެވެ.
ފުލުހުންގެ އިތުރުން ސިފައިންގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން މިދިޔަ ސަރުކާރުން ވަކިކޮށްފައިވާއިރު އެ ބޭފުޅުންނަށް އަލުން ވަޒީފާ ދިނުމަށް ކޯޓުން ވަނީ ދާދިފަހުން ހުކުމް ކޮށްފަ އެވެ.