ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

އަބަދު ވެސް ވަރަށް ތަފާތު އަދި އިޖުތިމާއީ މައްސަލަތަކާ ގުޅުން ހުރި ކޮންޓެންޓްތަކަށް ހަދާ ފިލްމުތައް ކުޅެން މަޝްހޫރު އެކްޓަރު އަޔޫޝަމަން ކުރާނާ، ޑައިރެކްޓަރު އަނޫބަވް ސިންހާގެ އައު ފިލްމަށް ސޮއިކޮށް އޭގެ މަސައްކަތް ފަށައިފި އެވެ.

މިދިޔަ އަހަރު "މުލްކް" ގެނެސް ދިން އަނޫބަވްގެ އައު ފިލްމުގެ ނަމަކީ "އާޓިކަލް2 15" އެވެ. މި ފިލްމުގައި އަޔޫޝްމަން ފެނިގެންދާ ފުލުހެއްގެ ރޯލުންނެވެ. މި މަހުގެ 1 ވަނަ ދުވަހު ލަކްނޫގައި ޝޫޓިން ފެށި ފިލްމުގެ ކާސްޓުންގެ ތެރޭގައި އިޝާ ތަލްވާރު، މަނޯޖް ޕަހްވާ، ސަޔާނީ ގުޕްތާ، ކުމުދު މިޝްރާ އަދި މުހައްމަދު ޒީޝާން އައްޔޫބް ހިމެނެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން "އާޓިކަލް 15" އަކީ އިންޑިއާގެ ގާނޫނު އަސާސީގައި އެންމެންނަކީ ހަމަހަމަ ބައެއް ކަމަށް ބުނާ މާއްދާ އަށް ބިނާކޮށް ހަދާ ފިލްމެކެވެ.

މިދިޔަ އަހަރު "އަންދާދުން" އާއި "ބަދާއީ ހޯ" އިން ފެނިގެން ދިޔަ އަޔޫޝްމަންގެ މި ފިލްމަކީ އަނޫބަވްއާ އެކު އޭނާ މަސައްކަތް ކުރާ ފުރަތަމަ ފަހަރެވެ. އޭނާގެ ކުރިއަށް ހުރި އިތުރު ފިލްމުތަކުގެ ތެރޭގައި "ޑްރީމް ގާލް" އަދި "ބާލާ" ހިމެނެ އެވެ.

އާންމުކޮށް ފިލްމުތަކުގައި ސަޕޯޓިން ރޯލްތަކުން ފެންނަ އެކްޓަރު ގުލްޝަން ދެވިއާ ފުރަތަމަ ފަހަރަށް ޑަބަލް ރޯލުން ބެލުންތެރިންނާ ބައްދަލު ކުރަން ތައްޔާރުވެއްޖެ އެވެ.

މި މަހުގެ 21 ގައި ރިލީޒް ކުރާ ފިލްމު "މަރުދު ކޯ ދަރުދު ނެހީ ހޯތާ" އިން އޭނާ ފެނިގެން ދާނީ ވަރަށް ތަފާތު ދެ ލުކެއް ދައްކުވައިދޭ ޑަބަލް ރޯލަކުންނެވެ. ބެލެވޭ ގޮތުން ގުލްޝަން ފެންނާނީ ނެގަޓިވް ރޯލަކުންނެވެ. ގުލްޝަންގެ ޕޯސްޓަރުތަކެއް ވެސް މިހާރު ވަނީ ދައްކާލައިފަ އެވެ.

އޭނާގެ މި ފިލްމަކީ "މޭނޭ ޕިޔާރް ކިޔާ" ކުޅެގެން މަޝްހޫރުވި ކުރީގެ ބަތަލާ ބަގިޔާޝްރީގެ ފިރިހެން ދަރިފުޅު އަބިމަންޔޫ ދައްސާނީ ބޮލީވުޑަށް ތައާރަފު ކުރާ ފިލްމެވެ. "މަރުދު ކޯ ދަރުދު ނެހީ ހޯތާ" ގެ ބަތަލާއަކީ ރާދިކާ މަދަން އެވެ.

މި ފިލްމަކީ ވަސަން ބާލާ ލިޔެ، ޑައިރެކްޓްކޮށްފައިވާ އެކްޝަން ކޮމެޑީއެކެވެ.

ސްޓާ ޕްލަސް އިން ދައްކާ ސިލްސިލާ "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" އިން ކުރިފަޅުވައިގެން ގެނެސްދޭ ސިލްސިލާ "ޔޭ ރިޝްތޭ ހޭ ޕިޔާރު ކޭ" މި މަހުގެ 18 ވަނަ ދުވަހުން ފެށިގެން ދައްކާ ގޮތަށް ނިންމައިފި އެވެ،

ސިލްސިލާ ދައްކަން ފަށާ ތާރީހާ އެކު، ސްޓާ ޕްލަސް އިން ވަނީ އޭގެ އައު ޕްރޮމޯއެއް ވެސް ދައްކާލައިފަ އެވެ. "ޔޭ ރިޝްތާ ހޭ ޕިޔާރު ކޭ" ގެ މައިގަނޑު ވާހަކަ ބިނާކޮށްފައި ވަނީ "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" ގައި ކުރިން މިޝްތީގެ ރޯލް ކުޅުނު ކުޑަކުއްޖާއަށެވެ.

އައު ސިލްސިލާގައި އެ ކެރެކްޓާ އިން ފެނިގެން ދާނީ ރިއާ ޝަރުމާ އެވެ. މީގެ ބަތަލުންނަކީ ޝަހީރު ޝެއިހާއި ރިތުވިކް އަރޯރާ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން "ޔޭ ރިޝްތާ ހޭ ޕިޔާރު ކޭ" އިން ކުރީގެ ސިލްސިލާ "ކަސޯޓީ" ގައި ޕްރޭރްނާގެ ރޯލް ކުޅުނު ޝްވޭތާ ތިވާރީގެ ދަރިފުޅު ޕަލަކް ތިވާރީ ވެސް ތައާރަފު ކުރާނެ އެވެ.

ބޮލީވުޑްގެ އެންމެ ކާމިޔާބު ޒުވާން ބަތަލާއިންގެ ތެރޭގައި ހިމެނޭ އާލިއާ ބަޓް ފިލްމު ޕްރޮޑިއުސް ކުރަން ނިންމައި، އަމިއްލަ ފިލްމު ކުންފުންޏެއް ވެސް އުފައްދައިފި އެވެ.

އެކްޓަރު ރަންބީރު ކަޕޫރާ ރައްޓެހިވެގެން އުޅޭ 25 އަހަރުގެ ބަތަލާ ބުނި ގޮތުގައި އޭނާގެ ފިލްމު ކުންފުނީގެ ނަމަކީ އެޓާނަލް ސަންޝައިން ޕްރޮޑަކްޝަންސް އެވެ.

ދެހާސް ބާރަ ވަނަ އަހަރު ކަރަން ޖޯހަރުގެ ފިލްމު "ސްޓޫޑަންޓް އޮފް ދި އިޔާ" އިން ބޮލީވުޑަށް ނުކުތް ބަތަލާ ބުނީ އޭނާގެ ފިލްމު ކުންފުނިން ވަރަށް އަވަހަށް ފިލްމު ހަދަން ފަށާނެ ކަމަށެވެ. އެގޮތުން މިހާރު ވެސް ޕްރޮޖެކްޓެއް ރޭވުމުގެ މަރުހަލާގައި އޮތް ކަމަށާއި ލަސްތަކެއް ނުވެ އެ ފިލްމާ ބެހޭ މައުލޫމާތު ހިއްސާ ކުރާނެ ކަމަށް ބުންޏެވެ.

އާލިއާގެ ފިލްމު ކުންފުނި ކުރިއަށް ގެންދަން ޔަގީނުން ވެސް މެންޓޯ ކަރަން އާއި ބައްޕަ އަދި މަޝްހޫރު ޑައިރެކްޓަރު/ޕްރޮޑިއުސަރު މަހޭޝް ބަޓްގެ އެހީތެރިކަން ލިބޭނެ އެވެ.

މިދިޔަ މަހު ރިލީޒް ކުރި "ގަލީ ބޯއި" ގެ ބަތަލާގެ ކުރިއަށް އޮތް ފިލްމަކީ އެޕްރީލް 19 ގައި ރިލީޒް ކުރާ "ކަލަންކް" އެވެ. އަދި ޑިސެމްބަރުގައި ރިލީޒް ކުރާ "ބުރައްމަސްތުރާ" އިން ވެސް އޭނާ ފެނިގެން ދާނެ އެވެ.