28 އޯގަސްޓް 2016 - 06:41

ވަޓްސްއެޕް އަމިއްލަކުރަން ފޭސްބުކުން ކުރި މަސައްކަތް ކާމިޔާބުކުރީ ފެބްރުއަރީ 19، 2014 ގަ އެވެ. އެ އަށް ފަހު، ފޭސްބުކާ އެއް ހިމާޔަތެއްގައި ވަޓްސްއެޕް ހިންގި ނަމަވެސް މެނޭޖްކުރަމުން އައީ ވަކިވަކިންނެވެ.
ވަޓްސްއެޕް 19.3 ބިލިއަން ޑޮލަރަށް ފޭސްބުކުން ގަތުމަށް ފަހު ވަޓްސްއެޕް ބޭނުންކުރާ މީހުން ނުރުހޭނެ އެއްވެސް ކަމެއް ނުކުރާނެ ކަމަށް ދޭހަވާ ގޮތަށް ވާހަކަދެއްކި އެވެ. އެހެން ނަމަވެސް މިހާރު ވަނީ ވަޓްސްއެޕް ބޭނުންކުރާ ނަމަ އެއްބަސްވާން ޖެހޭ މިންގަނޑުތަކަށް ބަދަލުގެނެސްފަ އެވެ. ވަޓްސްއެޕް ބޭނުންކުރާ މީހުންގެ މައުލޫމާތު ފޭސްބުކާ ހިއްސާކުރަން ވަނީ ނިންމާފަ އެވެ.
ބޭނުންކުރާ މީހުންގެ މައުލޫމާތު ފޭސްބުކާ ހިއްސާކުރުމަކުން އެ މީހުން ކަންބޮޑުވާންޖެހޭ ކަމެއް އޮތަ ނުދޭނެ ކަމަށް ވަޓްސްއެޕުން ބުނެ އެެވެ. ވަޓްސްއެޕް ބޭނުންކުރާ މީހުންގެ ފޯނު ނަމްބަރު ފޭސްބުކް ސިސްޓަމާ ގުޅާލަނީ އެކުވެރިން ހޯދަން ފަސޭހަ އަށް ކަމަށް ވަޓްސްއެޕުން ބުނެ އެވެ. ބޭނުންކުރާ ނަމަ އެއްބަސްވާން ޖެހޭ މިންގަޑުގައި ބުނެފައި ވަނީ ފޭސްބުކް އާއިލާގައި ވަޓްސްއެޕް ބޭނުންކުރާ މީހުންގެ މައުލޫމާތު ހިއްސާކުރަނީ ބޭނުންކުރާ މީހުންނަށް ލުއިކޮށްދިނުމަށް ކަމަށެވެ.
ފޭސްބުކް ނެޓްވޯކްގައި ވަޓްސްއެޕް ބޭނުންކުރާ މީހުންގެ މައުލޫމާތު ފެތުރިގަތް ނަމަވެސް ވަޓްސްއެޕް މެސެޖްތަކަށް ދޯހަޅިކަމެއް ނާންނާނެ ކަމަށް ވަޓްސްއެޕުން ބުނެ އެވެ. ބޭނުންކުރާ މީހުންގެ މެސެޖްތަކާއި ޒާތީ މައުލޫމަތުތަކަކީ ފޭސްބުކް މެދުވެރިކޮށް އެއްވެސް ބަޔަކަށް ވިއްކައި ބަހާނެ އެއްޗެއް ނޫން ކަމަށް ވެސް ބުނެ އެވެ.
ވަޓްސްއެޕް ބޭނުންކުރާ މީހުންގެ މައުލޫމާތު ފޭސްބުކުން ބޭނުންކުރާނީ އެކުވެރިންނާއި ދުރުތާ ތިމާގެ ގުޅުން ގާތްކޮށް ބަދަހިކުރުމަށް އެހީތެރިވުމަށް ކަމަށް ބުނެ އެވެ. އެ ނޫން އެއްވެސް ބޭނުމެއް، އެއްވެސް ބަޔަކު ނުހިފާނެ ކަމަށް ބުނެ ވަޓްސްއެޕުން ޔަގީންކަން ދެ އެވެ.