06 މާޗް 2019 - 07:20

ބަލައިލަން އެހާ ހިތްގައިމު އުޅަނދެއް ނޫން ނަމަވެސް ދުނިޔޭގައި މި ވަގުތު އޮތް އެންމެ ބޮޑު އެސްޔޫވީ ކަމަށްވެ އެވެ. އަސްކަރީ ޓްރަކަކާއި ޖިޕެއް މަސްހުނިކޮށްގެން ތައްޔާރާރުކޮށްފައިވާ މި އުޅަނދުގެ ވެރިޔަކީ ޔުނައިޓެޑް އަރަބި އެމިރޭޓްސްގެ ޝެއިހް ހަމަދު ބިން ހަމަދު އަލް ނަހުޔާނެވެ.
ދާބިޔާންގެ ނަން ދީފައިވާ އުޅަނދުގައި 10 ފުރޮޅު ހުންނަ އިރު، ބަރުދަނުގައި 24 ޓަނު ހުންނަ އުޅަނދުގެ ދިގު މިނުގައި 10.8 މީޓަރު އަދި ފުޅާމިނުގައި 2.5 މީޓަރު ހުރެ އެވެ. އުސްމިނަކީ 3.2 މީޓަރެވެ.
މީޑިއާތަކުން ބުނެފައިވާ ގޮތުގައި މި އުޅަނދު ފަރުމާކޮށް، ތައްޔާރު ކުރުމުގައި ވެސް ހަމަދު އަމަލީ ގޮތުން މަސައްކަތް ކުރައްވާފައިވެ އެވެ. ދާބިޔާންގެ ހާއްސަ އިތުރު ކަންކަމަށް ބަލާ އިރު، 600 ހޯސްޕަވަރުގެ ކެޓަޕިލާ ސީ15 ގެ ޑީސެލް އިންޖީނެއް އެކުލެވޭ އެއްޗެކެވެ.
ޝާރްޖާގައި ދާދި ފަހުން ބޭއްވި އޮޓޮމޯޓިވް ޝޯގައި ދާބިޔާން ދައްކައިލި ނަމަވެސް، މީގެ އަގު ހާމައެއް ނުކުރެ އެވެ. އަދި މީގެ ފޮޓޯތައް ހަމަދުގެ އިންސްޓަގްރާމްގައި ވެސް ހިއްސާކޮށްފައިވެ އެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މިހާރު ވެސް އަމިއްލަފުޅު ކަލެކްޝަނުގައި ތަފާތު އެތައް ވައްތަރެއްގެ އަގު ބޮޑު އުޅަނދުފަހަރު ހުރި މި އުޅަނދަކީ އޭނާގެ ކަލެކްޝަނުގައި ހިމެނޭ އެންމެ ތަފާތު އަދި އެންމެ އަގު ބޮޑު އެކައްޗެވެ.
އުމުރުން 63 އަހަރުގެ ހަމަދަކީ އަބޫދާބީގައި ވެރިކަން ކުރާ އާއިލާ އަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ.