05 މާޗް 2019 - 13:04

ރާއްޖޭގެ ދަރަނި ބޮޑުވެ، އެ ދަރަނި ނުދެއްކޭ ހާލަތަށް ދިއުމުގެ ނުރައްކާ ބޮޑު ކަމަށާއި އެކަމަކު އެމްއެމްއޭ އާއި ސަރުކާރުގެ ސިޔާސަތު ރަނގަޅު ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް( އައިއެމްްއެފް) އިން މިއަދު ބުނެފި އެވެ.
ރާއްޖޭގެ މާލީ ހާލަތު ބަލައި، ޓެކްނިކަލް އެހީ ދިނުމަށް އައިއެމްއެފުން ގަވައިދުން ކުރަމުން އަންނަ މަސައްކަތްތަކާ ބެހޭ ގޮތުން މައުލޫމާތު ދޭން މަރުކަޒީ ބޭންކް، އެމްއެެމްއޭގައި ބޭއްވި ނޫސްކޮންފަރެންސްގައި އައިއެމްއެފް ޓީމުގައި އިސްކޮށް ހުންނެވި ފިިލިޕް ކަރެމް ވިދާޅުވީ ދަރަނީގެ މައްސަލަ ހައްލުކުރަން ރާއްޖެއިން މަސަައްކަތް ކުރަމުން އަންނަ ގޮތް ރަނގަޅު ކަމަށެވެ.
"މިހާރު އޮތީ ޑެޓް ޑިސްޓްރެސްއެއްގައެއް ނޫން. އެކަމަކު ޑެޓް ޑިސްޓްރެސްއެއް ކުރިމަތިވުމުގެ ނުރައްކާ ބޮޑުކޮށް އޮތީ،" އޭނާ ވިދާޅުވި އެވެ.
ކަރެމް ވިދާޅުވީ މާލީ ގޮތުން ދެމެހެއްޓެނިވި ގޮތަކަށް ރާއްޖޭގެ ކަންކން ކުރިއަށް ގެންދަން ދައުލަތުގެ ދަރަންޏާއި ދައުލަތުން ގެރެންޓީ ދީގެން ނަގާ ދަރަނި ފަރުވާތެރިކަމާ އެކު މެނޭޖްކުރަން ޖެހޭ ކަމަށެވެ. އަދި މީޑިއަމް ޓާމްއަށް ބަލާއިރު އެފަދަ ދަރަނި އަދިވެސް އިތުރުވާނެ ކަމަށް ބެލެވޭ ކަމަށް ވެސް ވިދާޅުވި އެވެ.
ދައުލަތުގެ ދަރަނި އޮތް ވަރު ބަލައި އާއްމު ކުރުމުގައި ރާއްޖޭގެ އިދާރާތަކުން ކޮށްފައިވާ މަސައްކަތަށް އައިއެމްއެފުން ވަނީ މަރުހަބާ ކިޔައިފަ އެވެ. އަދި ރާއްޖޭގެ ދަރަނީގެ މައްސަލަ ހައްލުކުރަން އާ ސަރުކާރުން ކުރާ މަސައްކަތްތައް އެޖަމާއަތުން ފާހަގަކުރި އެވެ.
"މި ހާލަތާ މެދު އާ ސަރުކާރު ހޭލުންތެރި. އަދި މިހާރަށް ވުރެ ރަނގަޅު އުސޫލުތަކަކާ އެކު ސަރަހައްދުގެ އެހެން ގައުމުތަކުން މާލީ ވަސީލަތްތައް ކަށަވަރު ކުރަން ދުރާލާ މައްސަކަތްތަކެއް ކޮށްފައިވާކަން އަޅުގަނޑުމެން ފާހަގަކޮށްލަން ބޭނުން،" ކަރަމް ވިދާޅުވި އެވެ.
ރާއްޖޭގެ ދަރަނީގެ މައްސަލަ ހައްލުކުުރުމަށްޓަކައި ގިނަ ކަންތައްތަކެއް ކުރަން އައިއެމްއެފުން މިފަހަރު ވެސް ލަފާދިނެވެ. އެގޮތުން ދިން އެއް ލަފަޔަކީ މާލީ ސިޔާސަތުތައް މިހާރަށް ވުރެ ހިފެހެއްޓުންތެރި ގޮތަކަށް ކުރިއަށް ގެންދިއުމެވެ. އެގޮތުން މާލީ ކަންކަމުގައި މިހާރަށް ވުރެ ވަރުގަދަ އުސޫލުތައް ގެންގުޅެން އެ ޖަމާއަތުން ރާއްޖެއަށް ވަނީ ލަފާ ދީފަ އެވެ.
އައިއެމްއެފުން ހުށަހެޅި އަނެއް ކަމަކީ ރާއްޖޭގައި ހިންގާ ތަރައްގީގެ މަޝްރޫއުތައް ރާއްޖޭގެ ގާބިލުކަމާ ގުޅޭ ސްޕީޑެއްގައި ކުރިއަށް ގެންދިއުމެވެ. މިއީ 2016 ގައި ވެސް އައިއެމްއެފުން ފާހަގަކުރި ކަމެކެވެ.
ރާއްޖޭގެ މާލީ ކަންތައްތައް ހަރުދަނާ ކުރުމަށްޓަކައި އައިއެމްއެފުން އަންނަނީ ވަރަށް ގާތުން ބަލައި ޓެކްނިކަލް އެހީތެރިކަން ދެމުންނެވެ. އެގޮތުން އެހީތެރިވާ ދާއިރާތަކުގައި ހިންގުން ހަރުދަނާކުރުމާއި އިންވެސްޓް ކުރުމުގެ ކަންތައްތައް ރަނގަޅު އުސޫލަކުން ކުރިއަށް ގެންދަން އެ ޖަމާއަތުން އަންނަނީ އެހީތެރިވަމުންނެވެ.
އައިއެމްއެފުން ރާއްޖެއަށް ކުރިން ހުށަހެޅި ކަންތައްތައް ކޮށްފައިވާ ގޮތާ މެދު ހިތްހަމަޖެހޭތޯ "މިހާރު" އިން ދެންނެވުމުން ކަރަމް ވިދާޅުވީ 2016 ގެ ހުށަހެޅުންތަކުގެ ތެރެއިން ގިނަ ކަންތައްތަކެއް ރާއްޖެއިން ކޮށްފައިވާ ކަމަށެވެ. ނަމަވެސް އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަން އެބަހުރި ކަމަށް ވިދާޅުވި އެވެ.