28 އޯގަސްޓް 2016 - 06:35

(ބުދަ ދުވަހުގެ ނޫހާ ގުޅޭ)
ނިޔަފައްޗަށް ވުރެ ވަކިތަކަކާ ވައްތަރު ދިގު އެއްޗެހިތަކެއް އިނގިލިތަކުގެ ކޮޅުގައި ހުއްޓެވެ. އިނގިލިތަކުގެ ވަށަމިން ހުރީ ހުރިހާ ދިމާއަކަށް ވެސް އެއްވަރަށެވެ. އަހަންނަށް ފެނުނީ އަތްތިލައިގެ އިނގިލިތައް ތަޅުވާ ތަނެވެ. އެއީ ހީއެއް ނޫނެވެ. ވަހުމެއް ނޫނެވެ. އަހަރެން އެނބުރުނީ އަނެއް ފަރާތަށެވެ. ދޮންބެގެ އެނދު ހުރި ފަރާތަށެވެ. އެނބުރުނުއިރު ދޮންބެގެ ގައިމަތީގައި މީހަކު ހުއްޓެވެ. އޭނަ ލައިގެން ހުރީ ކުރުތާއެއް ކަހަލަ ހެދުމެކެވެ. ކޮޓަރި ފަނޑުކަމުން އެ މީހާގެ މޫނެއް ނުފެއެވެ. އަތް ހުރީ، ކުރިން އަހަންނަށް ފެނުނު އަތް ގޮތަށެވެ. ފައިތިލަ ދޮންބެގެ ގަޔަކު ނުޖެހެއެވެ. އަހަރެން ބަލައިލުމުން އޭނަ ވެސް ބަލައިލިއެވެ. އެ އަށް ފަހު ފަހަތަށް ޖެހެމުން ޖެހެމުން ގޮސް ފާރު ތެރެއަށް ފޭދިގެންގޮސް ގެއްލުނީއެވެ. ދެން ވެސް އިރުކޮޅަކު އަހަރެން އޮތީމެވެ. އަމާންވިކަން ކަށަވަރު ކޮށްފައި ތެދުވީމެވެ. ދޮންބެއަށް ގޮވީމެވެ. އޭނަގެ ނިދި ގަދަކަމުން އަޅައެއް ނުލިއެވެ. ގޭގެ ވަރަށް ގިނަ މީހުންނަށް އެ ވާހަކަ ކިޔައިދިނީމެވެ. އެ ފަހަރު ވެސް މީހަކު ގެނެސްގެން ކޮންމެވެސް ކަމެއް ކުރިއެވެ. އެކަމަކު، އެ ކަމުގެ ޙަޤީޤަތެއް އަހަންނަކަށް ނުކިޔައިދެއެވެ.
ފެންނަ ހުރިހާ ކަމެއް އަހަންނަށް އަމާޒުވަނީ ކީއްވެގެން ހެއްޔެވެ؟ އަހަރެންގެ މައްސަލައަކީ ކޮބައިހެއްޔެވެ؟ ގޭގައި އުޅޭ އެހެން އެއްވެސް މީހަކަށް އެ ކަހަލަ އެއްޗެއް ނުފެންނަނީ ކީއްވެގެންބާއެވެ؟ އެކި ސިފަސިފައިގައި ފެންނަ މަޚްލޫޤުތަކުގެ މަޤްޞަދަކީ ކޮބައިހެއްޔެވެ؟ ވަރަށް ކުޑައިރުއް ސުރެ ވެސް އަހަންނަކީ ތޫނުފިލި ކުއްޖެކެވެ. ކިޔެވުމުގައި އަހަންނަށް ލިބުނު ކާމިޔާބުތައް ގިނައެވެ. ވަޒީފާގެ މައިދާނަށް ނުކުތުމުން ވެސް އަހަރެންނަށް ލިބުނީ ހަލުވި ކުރިއެރުންތަކެކެވެ. އަހަރެން ރުޅިއަންނަ މީހަކު ނެތެވެ. މީހަކަށް ދެރައެއް ނުދެމެވެ. އަހަރެންދެކެ ރުޅިއަންނަ މީހަކު ހުރެދާނެކަމަކަށް ގަބޫލެއް ނުކުރެވެއެވެ. އެކަކު ވެސް އަހަންނަށް ދެރައެއް ދީފާނެހެނެއް ހިއެއްނުވެއެވެ. ކަން އެހެން އޮތް ނަމަވެސް، އަހަރެންގެ ހިތުގައި ޝައްކު އުފެދެން ފެށިއެވެ. ހިތްބިރުގަންނަން ފެށިއެވެ. ކަމަކާ ނުލައި ސިހުމާއި، ޖެހިލުންވުމާއި، ބޭކާރު ފިކުރުތައް ގިނަވާން ފެށިއެވެ. އޭގެ ސަބަބުން އަހަރެންގެ ހުނަރުވެރިކަން ދަށްވާން ފެށިއެވެ. އޮފީހުގެ މަސައްކަތްތައް ނިމޭލެއް ލަސްވެ، ކަންކަން ހަނދާންނެތި، ކުރާ މަސައްކަތުގެ ފެންވަރު ދަށްވާން ފެށިއެވެ. އަހަރެންގެ އިތުރުން އަހަރެންގެ ރައްޓެހިންނަށް ވެސް އެ ކަން ފާހަގަކުރެވެން ފެށިއެވެ.
"މިހާރު ބަރާބަރަށް ނިދޭ ދޯ ދަރިފުޅާ؟" މެންދުރު ގެއަށް ވަނުމުން މަންމަ އެހިއެވެ. "އޭނަ ބުނި ހުރިހާ އެއްޗެއް ކިޔަންތަ؟"
"ކިޔަން،" އަހަރެން ޖަވާބުދިނީމެވެ. "އެ ކަހަލަ އެއްވެސް އެއްޗެއް ނުފެނޭ. އެކަމަކު، ހިތްބިރުގެންފަ ހުންނަނީ. އޭނަ ބުނިތަ އެ ކަހަލަ އެއްޗެހި ފެންނަނީ ކީއްވެގެންކަން."
"ކާން އިށީނދޭ!" މަންމަ ދެއްކީ މުޅީން އެހެން ވާހަކައެކެވެ. "ދޮންބެ ކޮބާ؟"
ކޮންމެވެސް ކަމެއް މަންމަ ފޮރުވަނީހެން އަހަންނަށް ހީވިއެވެ. މަންމައަކީ ދޮހުގަދާ މިހެއް ނޫނެވެ. މަންމަގެ ހަތިޔާރަކީ ވާހަކަ އަނބުރައިލުމެވެ.
"ކީކޭ އޭނަ ބުނީ؟" އަހަރެން ސުވާލުކުރީމެވެ.
"ކޮން ފައިދާއެއް ވާނީ؟" ހިތްހަމަނުޖެހިފައި މަންމަ ބުންޏެވެ. "ދުނިޔެއަކީ ހުރިހާ ވައްތަރެއްގެ މީހުން އުޅޭ ތަނެއް. ޙަސަދަވެރިކަމަކީ އޮންނަ އެއްޗެއް. މައްސަލައަށް ޙައްލު ހޯދުނީމަ ނިމުނީ. އެންމެން ނުޖެހޭ އެއްފާޑަކަށް އުޅޭކަށް."
އަހަރެން ހުރީ ނޭނގުމެއްގެ ތެރޭގައެވެ. ހިތަށްއެރިއެވެ. މަންމަ ބުނީ ތެދެކެވެ. ބިރުވެރިކަމުން ސަލާމަތްވެއްޖެއްޔާ އަހަންނަށް ނިމުނީއެވެ. ބަދުނަސީބުކަމަކީ، ބިރުވެރިކަން ދެގުނައަށް އިތުރުވިކަމެވެ. ރޭގަނޑުގެ ނިދިން އަހަރެން ހޭލައްވައިލީ ކާކުކަމެއް ނޭނގެއެވެ. އަހަރެން ނިދީ ބޮކި ދިއްލައިފައެވެ. ހޭލެވުނުއިރު ބޮކީގެ އަލިކަމެއް ނެތެވެ. އަލީގައި ނިދަން ދޮންބެއަށް އުނދަގުލެވެ. ބޮކި ނިއްވައިލީ ދޮންބެކަމުގައި ހީކުރީމެވެ. ފުރަތަމަ އިވުނީ، ތޫނު އެއްޗެއް ފާރުގައި ހާކާ އަޑެވެ. އަހަރެން އޮތީ ދޮރަށް ފުރަގަސްދީގެންނެވެ. އަޑު އިވުނީ އަހަރެންގެ ބޮލާ ދިމާއިންނެވެ. ލޯމަރައިލައިގެން، ގުޑިނުލައި އޮތީމެވެ. އެ އަޑެއް ނުހުއްޓުނެވެ. އަޑު އިވުނީ ވަކި ތަރުތީބަކުން ނޫނެވެ. އަޑެއް ނުކެނޑުނެވެ. ނިދީގައިކަމަށް ހަދައިފައި އެނބުރިލީމެވެ. ސިއްރުސިއްރުން ބަލައިލީމެވެ. ފުރަގަސްދީގެން ހުރި ހިކި، ދިގު ހިޔަންޏެއް ދޮރުކައިރީގައި ހުއްޓެވެ. އޭނަ ކުރާ ކަމެއް ނޭނގެއެވެ. އަޑު އައީ އެ ދިމާއިންނެވެ. ނިދީގައިކަމަށް ހަދައިފައި މޫނުމަތީގައި އަހަރެން ބާލީސްއެޅީމެވެ. ބޭނުމަކީ، އެ އަޑު އިވުނަނުދިނުމެވެ. އެހެން ހެދުމުން ވެސް އެއްޗެއް އުޅޭ ކަމުގެ އިހުސާސް އަހަންނަށް ކުރެވުނެވެ. އެކަމަކު، އަޑު މަޑުވަމުން ގޮސް ހުއްޓުނެވެ. ހިމޭނުން އިރުކޮޅެއްދިޔައެވެ. ކުއްލިއަކަށް އިވުނީ ގަދަފަދަ އަޑެކެވެ. އެ އަޑު ވައްތަރީ ނިކަން ބާރަށް އަންހެނަކު ހަޅޭއްލަވައިގަތީމަ އިވޭ ކަހަލަ ތޫލި އަޑަކާއެވެ. އެ ފަދަ ހަމަހިމޭން ވަގުތުގައި އެ އަޑުއިވުމުން އަހަރެންގެ މުޅި ގައިން ހީބިހިނަގައިގެންދިޔައެވެ. އެހެންނަމަވެސް، މޫނުމަތިން ބާލީސް ނަގާކަށް ނުކެރުނެވެ. ކުއްލިއަކަށް އެއްޗެއް އައިސް އަހަރެންގެ ގައިމަތީގައި އިށީނެވެ. އެ އައި އެއްޗެއް އިށީނދެގެން އިނީ ބޮކެއް އިށީނދެގެން އިންނަހެންކަން އަހަންނަށް އިހުސާސް ކުރެވުނެވެ. ފައިތިލަ އާއި އަތްތިލަ އަހަރެންގެ ގައިގައި ޖެހިފައި ހުރި ގޮތުންނެވެ. އިރުކޮޅަކު އަހަރެން އޮތީމެވެ. އެ އެތި ދާކަށް ނޫޅުނެވެ. އިތުރު ކަމެއް ނުވެސް ކުރެއެވެ. އިން ގޮތަށް އިނީއެވެ. ބަރެއް ނޫނެވެ. އިރުކޮޅެއްވުމުން ހިތަށްއެރިއެވެ. އެއީ ހީވާ ގޮތްބާއެވެ؟ އަހަރެން، މަޑުމަޑުން ބާލީސް އެއްފަރާތް ކޮށްލީމެވެ. އަހަންނަށް ފެނުނީ އެ އެތީގެ މޫނު އަހަރެންގެ މޫނާ ޖެހޭ ހިސާބަށް ކައިރިކޮށްގެން އޮތް ތަނެވެ. އަހަރެން ބަލައިލުމުން، ކުރިން ހޭރިގަތް ގޮތަށް އަނެއްކާ ވެސް ހޭރިގަތެވެ. އެއާއެކު އަހަރެންގެ މުޅި މޫނަށް ތަތް، ލޮނދި އެއްޗެހިތަކެއް ފެއިބިއެވެ. އަހަރެން ހޭނުނެތުނީ ކީއްވެގެންކަމެއް ނޭނގެއެވެ. ކުރުސި ކިޔަން މަސައްކަތް ކުރީމެވެ. އަޑެއް ނުނިކުތެވެ. ބިރުގެންފައިވާ ވަރުން އަހަރެންގެ މުޅި ހަށިގަނޑު ގަނޑުވެފައިވާ ކަހަލައެވެ. އެ ވަރުން ވެސް ހިތްވަރުކުރީމެވެ. ނަސީބަކުން ކުރުސި ހަނދާން ހުއްޓެވެ. ހުއްޓައި ނުލައި އެ އެތި ހޭރުނެވެ. ކުރުސި ކިޔަން އަހަރެން ކުރި މަސައްކަތް ހުއްޓައެއް ނުލަމެވެ. އަހަންނަށް ކާމިޔާބުވިއެވެ. އެ އެތި ގެއްލުނެވެ. އަހަރެން ތެދުވީމެވެ. ދެން ލިބުނު ބިރުވެރިކަން މާ ބޮޑުވިއެވެ. ދޮންބެ އޮތީ އެނދުގައި ހަތަރެސްފައި ޖަހައިގެންނެވެ. އެކަމަކު ނިދައިފައެވެ. އެހެން އޮވެފައި، މަޑުމަޑުން އެނދުގައި އޮށޯތެވެ. ދޮންބެއަށް ގޮވީމެވެ. ފެނުނު ކަންތައްތަކުގެ ވާހަކަ ކިޔައިދިނީމެވެ. ދޮންބެ ގަބޫލެއް ނުކުރިއެވެ. ބޮކި ދިއްލިއެވެ. އެ ތަނަކު އެ އެއްޗެއް ނެތެވެ.
"ތި ވަރުގެ އަޑުތަކެއް އިވޭއިރު މަށަށް ވެސް ހޭލެވޭނެ،" ދޮންބެ ބުންޏެވެ. "ހުސް ޝައްކުބަލި. ނިދަންއުޅޭ!"
ދޮންބެ ނިދިއެވެ. އަހަންނަކަށް ނުނިދުނެވެ. ވުޟޫކުރީމެވެ. ދެ ރަކުޢަތް ނަމާދެއް ވެސް ކުރީމެވެ. އިރުއަރަންދެން އަހަރެން އިނީ ޤުރުއާންކިޔަވާށެވެ. އަހަރުމެންގެ ކޮޓަރީގެ މަތީގައި ވެސް ކޮޓަރިއެއް ހުރެއެވެ. ފަރުނީޗަރު ވެއްދުމުން އެ ކޮޓަރީގައި އޮންނަނީ ކިރިޔާ ހިނގޭވަރުގެ ތަންކޮޅެވެ. އެހެންނަމަވެސް، ފަތިސްވަންދެން މީހުން ދުވާ އަޑާއި، ފުރޮޅުލީ އެއްޗެހި ދުއްވާ އަޑު ވެސް އިވުނެވެ.
ކޮންމެ ފަހަރަކު ވެސް އަހަންނަށް ފެންނަ ކަންކަން މަންމައަށް ކިޔައިދެމެވެ. މަންމަ ގަބޫލުކުރާހެން ހީވެއެވެ. ކޮންމެ ފަހަރަކު ވެސް މީހަކު ގެނެސްގެން އެ ކިޔަވާ އެއްޗެއް ކިޔަވާތީއެވެ. އަހަރެން ހިތްހަމަޖައްސައިދޭން ވެސް މަންމަ ވާހަކަދައްކައެވެ. އެކި ފަހަރު އެކި ވާހަކަދައްކަމުން ގޮސް މަންމަގެ ރާގު ބަދަލުވިއެވެ.
"ދަރިފުޅު މާ އެކަނިވަނީ،" މަންމަ ވިސްނާކަމަށް ހެދިލައިފައި ބުންޏެވެ. "ބޭކާރުކަންކަމާ ވިސްނަން ވަގުތު ލިބެނީ އެހެންވެގެން. ތި އުމުރުގެ ކުދިން އުޅޭހެން އުޅެން ދަރިފުޅު ދަސްކޮށްބަލަ! ކޮންއިރަކުން މީހަކާ އިންނަނީ؟"
ސަމާސައަކަށް ބުނި ނަމަވެސް، އޭގެ ޖަވާބެއް އަހަންނަކަށް ނުދެވުނެވެ. އެ ކަމާ އަހަރެން ވިސްނާފައެއް ނެތެވެ. އަހަރެންގެ ލޯބިވެރިޔަކު ވެސް ނުހުރެއެވެ. އަނބިންނަކީ ވިއްކަން ހުންނަ އެއްޗެއް ނޫނެވެ. ފުރަތަމަ އަހަންނަށް ޖެހުނީ އަހަރެން ގަޔާވާ ކަހަލަ އަންހެއްކުއްޖަކު ހޯދާށެވެ. ލޯބީގެ ކަނޑަށް އެންގަނޑު އެއްލައިގެން، ކޮށައިލާނެކަމުގެ އިންތިޒާރުގައި އަހަރެން އިނީމެވެ. އަހަރެންގެ ހަޔާތަށް އަޒްރާ އައީ އެ ދުވަސްވަރުއެވެ. އަޒްރާއަކީ ވަރަށް ރީތި ކުއްޖެކެވެ. ދިވެއްސަކާއި ބޭރު މީހަކު އިނދެގެން ލިބިފައިވާ ކުއްޖެކެވެ. ނުދަންނަ މީހަކަށް އަޒްރާ ފެނިއްޖެ ނަމަ ހީކުރާނީ ޔޫރަޕު ކުއްޖެއް ކަމަށެވެ. މުއްސަނދި ޢާއިލާއެކެވެ. އަޒްރާގެ ރީތިކަމުގެ ޖާދޫގައި ޖެހިފައި އަހަރެން ދީވާނާވި ކަހަލައެވެ. ގިނަ ވަގުތު އަހަރެން އުޅުނީ އަޒްރާގެ ގޭގައެވެ. އޭރުން މާ ހިތްހަމަޖެހެއެވެ. އެހެންނަމަވެސް، އަހަރެން ދާ ކޮންމެ ތާކަށް ބިރުވެރިކަމާއި ނާމާންކަން ހިޖުރަކުރާ ކަހަލައެވެ.
ރޭގަނޑެއްގެ ވަގުތެވެ. ގަޑިން އޭރު ދިހައެއް ޖަހައި އިރުކޮޅެއް ވެއްޖެއެވެ. އަޒްރާ މާ މީރުކޮށް ނޫޑްލްސް ކައްކާތީ އަހަރެން އިނީ ކާމޭޒު ދޮށުގައެވެ. އެއީ އަށްވަނަ ފަންގިފިލާގައި ހުރި އެޕާޓުމަންޓެކެވެ. ތަށްޓަށް ނޫޑްލްސް އަޅައިގެން އައިސް އަޒްރާ އިށީނީ އަހަރެންގެ ކުރިމަތީގައެވެ. އަޒްރާގެ ފުރަގަހުގައި ހުރީ ކުޑަދޮރެކެވެ. އެ ދޮރު ހުޅުވެނީ ކާރުބާރު ބޮޑު މަގަކަށެވެ. އެ އިން ހިސާބަކު ވެސް އެހާ އުސް އިމާރާތެއް ނުހުރެއެވެ. ކުޑަދޮރު ހުރީ ހުޅުވައިފައެވެ. ދުއްވާ އެއްޗެހީގެ އަޑުފައްގަނޑު އޭރު ވެސް އިވެއެވެ. އަޒްރާ ކާން އިނދެފައި އަނގައަށް ނޫޑްލްސްކޮޅު ލާންވެގެން ކުޑަކޮށް ބޯ ތިރިކޮށްލި ވަގުތެވެ. އަހަންނަށް ފެނުނީ ކުޑަދޮރުން ބަލަހައްޓައިގެން ހުރި މީހެއްގެ މޫނެވެ. މޫނަށް ވުރެ ތިރިއެއް ނުފެނެއެވެ. ވަރަށް ރޫ ގިނަ މުސްކުޅި މީހެކެވެ. ބޮލަކު އިސްތަށްޓެއް ނެތެވެ. ބޮޑު ދެ ލޯ ވަރަށް ހުދެވެ. އޭނަގެ މޫނުގައި ހުރީ ކުރިން ނުދެކޭ ކަހަލަ ސިފައެކެވެ. ހީވަނީ، މޫނުގައި ކަޅުތެޔޮ ލައިފައި، ފުށް އެއްޗަކަށް މޫނު ކޮއްޕައިލައިފައި ނަގައިފައި ހުރިހެންނެވެ. މުޅި މޫނުގައި ފާޑެއްގެ އޮފެއް ހުއްޓެވެ. ރޫތަކުގައި ހުރި ހުދުކަމެއްގެ ސަބަބުން ހީވަނީ މޫނު ފަޅަފަޅައިގެން ގޮސްފައި ހުރިހެންނެވެ. އަހަންނަށް ބަލަހައްޓައިގެން އޭނަ ހުރުމުން، އޭނައަށް ބަލަހައްޓައިގެން އަހަންނަށް ވެސް އިނދެވުނީއެވެ.
ނުނިމޭ