06 މާޗް 2019 - 07:21

އާދިއްތަ ދުވަހާ ގުޅޭ
"ނޫނެކޭ ނުބުނާތި! އިޓްސް ޖަސްޓް އަ ގޭމް!" ޝަހުމާ ބުންޏެވެ.
"އޭނަ ހާދަހާ ބިރުވެރިއޭ،" ރިފްޒާ މަޑުމަޑުން ބުންޏެވެ. "އަހަރެން ދެން އައިޕެޑް ނުވެސް ހުޅުވާނަން."
"އެހެން ނުހަދާތި! މޯމޯ އައިސް މަންމަ މަރާލައިފިއްޔާ މާ ދެރަވާނެ،" ޝަހުމާ ނަސޭހަތްދިނެވެ. "ބައެއް ފަހަރު ތަދުވާކަންތައް ކުރަން ބުންޏަސް ކުރޭ! އޯކޭވާނެ."
ރިފްޒާއަށް އެހީތެރިކަމެއް ލިބުނީ އެންމެ ރަނގަޅު ދިމާއަކުން ނޫނެވެ. ހަމަ އެހެންމެ ރިފްޒާއަށް ލިބުނީ ރަނގަޅު ނަސޭހަތެއް ވެސް ނޫނެވެ. ނަތީޖާއަކަށްވީ ހައްތާ ބޮޑަށް ރިފްޒާއަށް މަގުއޮޅުމެވެ. ހަގީގަތެއް އެކުލެވިފައި ނެތް ބޮޑު ދޮގެއް އެއީ ތެދެއް ކަމަށް ގަބޫލުކުރެވުމެވެ. ރިފްޒާގެ ނިޔަތް ކިތަންމެހާ ވެސް ރަނގަޅެވެ. އެއީ މަންމަގެ ފުރާނަ ސަލާމަތްކުރުމެވެ.
ހަވީރު ގެއަށް އައިސްފައި ވެސް ރިފްޒާ އައިޕެޑަކު އަތެއްނުލައެވެ. އިނީ ޓީވީ ކައިރީގައެވެ. ރިފްޒާއަށް ކަމުދާ އެއްޗެއް އެ ވަގުތަކު ޓީވީއަކުން ނުދައްކައެވެ. އައިޕެޑް ހުޅުވައިލަން ރިފްޒާ ބޭނުމެވެ. އެކަމަކު ބިރު ވެސް ގަނެއެވެ. ކޮޓަރިއަށް އައިޕެޑް ވައްދާކަށް ރިފްޒާ ބޭނުމެއް ނޫނެވެ. ކުއްލިއަކަށް ސޯފާ މައްޗަށް އައިޕެޑް ވެއްޓުނެވެ. ރިފްޒާ ދިޔައީ ސިއްސައިގެންނެވެ.
"ދަރިފުޅު ހަނދާންނެތިގެން މަންމަ ކޮޓަރީގަ ބާއްވާފަ އޮތީ،" ނާސިހާ ބުންޏެވެ. "އައިޕެޑް ނެގިތަނާ މަންމައަތުން ވެއްޓެން ވެސް ވެއްޓިއްޖެ! އޯޕަންކޮށްލަބަލަ އޯކޭތޯ!"
ނާސިހާ ދިޔައީ އުނދުން ކައިރިއަށެވެ. ރިފްޒާ އެންމެ މީރުކޮށް ކަނީ ނާސިހާ ވަކި ހާއްސަ ގޮތަކަށް ހަދާ ނޫޑްލްސްއެކެވެ. ވީމާ، އެ ނޫޑްލްސް ތައްޔާރުކުރުމުގެ މަސައްކަތް ނާސިހާ ފެށިއެވެ. ރިފްޒާ މަޑުމަޑުން އައިޕެޑް ނެގިއެވެ. އައިޕެޑް ހުޅުވާކަށް ރިފްޒާ ބޭނުމެއް ނޫނެވެ. އެތައް އިރަކު އައިޕެޑަށް ބަލަހައްޓައިގެން ރިފްޒާ އިނެވެ.
"ކޮބާ އޯކޭތަ؟" ނާސިހާ އެހިއެވެ.
"އޭނ؟" ރިފްޒާއަށް ބުނެވުނެވެ. "އަދި ނުބަލަން!"
"ދެން ބަލާބަލަ!" ރިފްޒާއަށް ނުވެސް ބަލައި ނާސިހާ ބުންޏެވެ. "ދޭ ކޮޓަރިއަށް. ފަންކާ ނިއްވައިލާފަ އުނދުން ރޯކުރެވޭނީ. ދަރިފުޅަށް މި ތަން މާ ހޫނުވާނެ. ދޭ ރޫމަށް."
ނާސިހާ އެހެން ބުނީ ދަރިފުޅަށް ރަނގަޅަކަށެވެ. ވެގެންއުޅޭ ގޮތް އެނގޭ ނަމަ ނާސިހާ އެހެނެއް ނުބުނީހެވެ. ރިފްޒާ އައިޕެޑް ހިފައިގެން ކޮޓަރިއަށް ވަނެވެ. އެނދުގައި އިށީނދެލިއެވެ. ހިތުގެ ވިންދު ބާރުވަމުންދިޔައެވެ. ސުވިޗަށް ފިތާލުމާއެކު އައިޕެޑް ހުޅުވުނެވެ. އިރުކޮޅަކު އިސްކިރީނަށް ބަލަންއިނދެފައި، ކުޑަކުދިންނަށް ހާއްސަ ޔޫޓިއުބް ހުޅުވައިލިއެވެ. ކާޓޫނު ބަލަން ފެށިއެވެ. ރިފްޒާ އިންނަނީ ސިހިސިހިއެވެ. ފުރަތަމަ ކާޓޫނު ނިމުނެވެ. ދެވަނަ ކާޓޫނު ނިމުނެވެ. މޯމޯއެއް ނައެވެ. ރިފްޒާ ކުޑަކޮށް ހަމަޖެހުނެވެ. ރަނގަޅަށް ކާޓޫނުގެ ތެރެއަށް ވަނެވެ. ތިންވަނަ ކާޓޫނު ނިމުނުތަނާ ކުއްލިއަކަށް މޯމޯގެ ފޮޓޯ އެރިއެވެ. ސިހުނު ނަމަވެސް އެ ފަހަރު ރިފްޒާ އައިޕެޑް އެއްލައެއް ނުލައެވެ. ބަލަން އިނީއެވެ.
"މޯމޯ ކަލޭ މަރާލާނެ.. މޯމޯ ކަލޭ މަރާލާނެ.. މޯމޯ.. މޯމޯ.." އަނެއްކާ ވެސް ހަމަ އެ ލަވައެވެ. "ދަންވަރު އޭނަ އަންނާނެ.. އެނދުގަ އޮއްވާ އަންނާނެ.. ހެނދުނުވާއިރު ކަލޭ އޮންނާނީ މަރުވެފަ.. މޯމޯ.. މޯމޯ.. މޯމޯ ކަލޭ މަރާލާނެ.."
އެ ހިސާބަށް ކިޔައިފައި ދެން ކިއީ ކުރިން ނުކިޔާ އެއްޗެކެވެ.
"މި ނަންބަރު ސޭވްކުރޭ!" ކުޑަކުއްޖާގެ އަޑުން މޯމޯ ބުންޏެވެ. "ބޭނުން ނަމެއް ޖަހާ! އެކަކަށް ވެސް ނަންބަރު ނުދައްކާތި! ދައްކައިފިއްޔާ.. މޯމޯ ކަލޭ މަރާލާނެ.. މޯމޯ ކަލޭ މަރާލާނެ.. މޯމޯ.. މޯމޯ.. ދަންވަރު އޭނަ އަންނާނެ.. އެނދުގަ އޮއްވާ އަންނާނެ.. ހެނދުނުވާއިރު ކަލޭ އޮންނާނީ މަރުވެފަ.. މޯމޯ.. މޯމޯ.. މޯމޯ ކަލޭ މަރާލާނެ.."
މޯމޯ ބުނި ހުރިހާ ކަމެއް ރިފްޒާ ކުރިއެވެ. ޝަހުމާގެ ލަފަޔާ އެއްގޮތަށެވެ. މޯމޯ ބުނި ނަންބަރަށް ރިފްޒާގެ އީމެއިލް އެޑްރެސް ފޮނުވިއެވެ. ހަގީގަތުގައި އެއީ ރިފްޒާ ބޭނުންކުރާ އީމެއިލެއް ނޫނެވެ. އީމެއިލެއް ނެތީމައި އައިޕެޑަށް އެޕުތައް އަޅަން އުނދަގޫވާތީ މަންމަ ހަދައިދިން އެއްޗެކެވެ. ރިފްޒާގެ ފޯނު ނަންބަރު ބުނެދިނެވެ. އެފްބީ އެޑްރެހާއި ދެން ވެސް މޯމޯ ބުނި ހުރިހާ އެއްޗެއް ރިފްޒާ ފޮނުވިއެވެ.
އެރެއަކީ ބޮޑު ރެއެކެވެ. އެކަނި ނިދަންއޮންނާކަށް ރިފްޒާ ބޭނުމެއް ނުވިއެވެ. އެކަނި ނިދާތާ އެތައް ދުވަހެއް ވެފައިވާ ކުއްޖަކު ކުއްލިއަކަށް ބިރުންއުޅެން ފެށުމުން ވެސް މައިންބަފައިން ކަންބޮޑެއް ނުވިއެވެ. އެއީ ކުޑަކުދިންގެ މިޒާޖެއްކަން މައިންބަފައިންނަށް އެނގެއެވެ. ދަރިފުޅު ރުއްސައިލުމަށް ޓަކައި ނާސިހާ އެ އެނދުގައި އޮތެވެ. އެކަމަކު ރިފްޒާއަށް ނިދޭއިރަށް ނާސިހާ އެ ކޮޓަރިން ދިޔައީއެވެ.
ދަންވަރު ތިނެއްޖަހަނިކޮށް ސިއްސައިގެން ގޮސްފައި ރިފްޒާއަށް ހޭލެވުނެވެ. ބަލައިލިއިރު އެނދަކު މަންމައެއް ނެތެވެ. ރިފްޒާ ހިތަށްއެރިއެވެ. ހޭލެވުނީ ކީއްވެގެން ހެއްޔެވެ؟ ކުއްލިއަކަށް އައިޕެޑުން އަޑެއްއިވުނެވެ. މެސެޖެއް އައި އަޑެވެ. ރިފްޒާ ބިރުގަތެވެ. ހަރަކާތެއްކުރަން ނުކެރިފައި އިރުކޮޅަކު އޮތެވެ. ރިފްޒާއަށް ހީވަނީ ދެންމެދެންމެ އެނދު ތަންދޮށުން މޯމޯ ނުކުމެފާނެހެންނެވެ. ބިރުވެރި ލޮލާއި، ކެހިވެރި ހިނިތުންވުމާ އެކުގައެވެ. އޭރު ރިފްޒާގެ ސިކުނޑީގައި މޯމޯލަވަ ޖެހެން ފަށައިފިއެވެ. އަނެއްކާ މެސެޖެއް އައެވެ. ރިފްޒާ މަޑުމަޑުން އައިޕެޑްގެ ކަވަރު ހުޅުވައިލިއެވެ. މެޔަށް ހީވީ ފެންއެއްޗެއް އޮއްސައިލިހެންނެވެ. ވަޓްސްއެޕަށް ހަތަރު މެސެޖު އައިސްފައި އޮތެވެ. މޯމޯގެ ނަންބަރުންނެވެ. ރިފްޒާ އައިޕެޑް ލައްޕައިލިއެވެ. މެސެޖުތައް ބަލާކަށް ރިފްޒާ ބޭނުމެއް ނޫނެވެ. އެކަމަކު އޭރުން މޯމޯ އެނދު ތަންދޮށުން ނުނިކުންނާނެ ހެއްޔެވެ؟ އެހެން ހިތަށްއެރުމާއެކު އަނެއްކާ އައިޕެޑްގެ ކަވަރު ހުޅުވައިލިއެވެ. މެސެޖަށް ފިތައިލިއެވެ. މެސެޖުތައް ހުރީ އިނގެރޭސިބަހުންނެވެ.
"ހަލޯ!" މޯމޯ ފުރަތަމަ ބުނެފައި އޮތީ އެހެންނެވެ.
"ދަންވަރު ކޮންމެހެން ނިދާކަށް ނުޖެހޭނެ." ދެވަނަ މެސެޖުގައި އޮތެވެ.
"ހޭލާ!" ތިންވަނަ މެސެޖުގައި އޮތެވެ.
"އަދިވެސް ނުހޭލެވެނީ؟" ހަތަރުވަނަ މެސެޖުގައި އޮތެވެ.
ބިރުން ގޮސް ރިފްޒާ އޮތީ ރޮވެން ކައިރިވެފައެވެ. މޯމޯގެ ސޫރަ ރިފްޒާގެ ޅަ ސިކުނޑީގައި ބިންވަޅުނެގިފައިވާލެއް ވަރުގަދަކަމުން ރިފްޒާއަށް ހީވަނީ ގާތުގައި މޯމޯ އިންހެންނެވެ.
"ހަލޯ!" ރިފްޒާ ޖެހިއެވެ.
"ތީ ރިފްޒާގެ އައިޕެޑްތަ؟" މޯމޯ ސުވާލުކުރިއެވެ.
"އާނ!" ރިފްޒާ ޖަވާބުދިނެވެ.
އާއިލާ އެހެން މީހުންގެ މައުލޫމާތު ވެސް މޯމޯ އެހިއެވެ. ކޮންމެ ސުވާލަކަށް ރިފްޒާ ޖަވާބުދެއެވެ. މޯމޯ ބުނިގޮތުގައި އައިޕެޑް ނިއްވައިލިޔަސް ކޮޓަރީގަ މޯމޯ އުޅޭނެއެވެ. ރިފްޒާގެ ގެ ހުންނަ ތަން މޯމޯއަށް އެނގެއެވެ. ރިފްޒާ ކުރާ ހުރިހާ ކަމެއް ފެނެއެވެ. ތަކުރާރުކޮށް މޯމޯ ބުނާ އެއްޗަކީ އެއްވެސް މީހެއް ގާތުގައި އެ ވާހަކަ ބުނެފިއްޔާ އެ މީހަކު މަރާލާނެކަމުގައެވެ. ރިފްޒާއަށް މިހާރު ބައިވެރިވެފައިވަނީ މޯމޯ ޗެލެންޖު ކިޔާ ކުޅިވަރެއްގައިކަމާއި، ކުޅިވަރު ކުޅޭ ގޮތް ވެސް ކިޔައިދިނެވެ. އެއީ މޯމޯ ބުނާ ހުރިހާ ކަމެއް ކުރުމެވެ. ނުކޮށްފި ނަމަ ދަންވަރު އައިސް ރިފްޒާގެ މޫނަށް ވަޅިހަރައި މަރާލާނެއެވެ. އެ ކުޅިވަރުގައި ރިފްޒާ ކުރަންޖެހުނު ފުރަތަމަ ކަމަކީ ކޮޓަރީގެ ވީހާ ވެސް ގިނަ ފޮޓޯ ފޮނުވުމެވެ. ހާއްސަކޮށް ކޮޓަރިއަށް ވަންނަ ދޮރާއި، ކޮޓަރީގެ ކުޑަދޮރުތަކާއި، ކަރަންޓު ސޮކެޓުތަކުގެ ފޮޓޯއެވެ. ރިފްޒާ އެ ހުރިހާ ފޮޓޯއެއް ފޮނުވިއެވެ.
އެ ހާދިސާގެ ފަހުން ރިފްޒާގެ މިޒާޖަށް ބަދަލުތަކެއް އައެވެ. އާއިލާގެ މީހުންނާއި ރައްޓެހިންނާ ކުއްލިއަކަށް އެކަހެރިވާން ފެށިއެވެ. ނުތަނަވަސްކަން މޫނުމަތިން ފެންނަން ފެށިއެވެ. ކަންބޮޑުވެފައިހުންނަ ވަގުތު ގިނައެވެ. ކުރަން ހަވާލުކުރާ ކަންކަން ނުކުރުމާއި، އަމިއްލަ ނަފުސަށާއި އެހެން މީހުންނަށް އެއްޗެހިކިޔުން ގިނަވާން ފެށިއެވެ. ޝައުގުވެރިކަމާއެކު ކުރިން ކުރި ހުރިހާ ކަމަކަށް ބެހެއްޓި ޝައުގުވެރިކަން ގެއްލެން ފެށިއެވެ. ރިފްޒާގެ ހިތުގައި އުފެދިފައިވަނީ ބިރުވެރިކަމެވެ. މޯމޯގެ ވާހަކަ މައިންބަފައިން ގާތުގައި ބުނަން ރިފްޒާ ބޭނުމެވެ. އެކަމަކު ބުނެވޭކަށް ނެތެވެ. ރިފްޒާގެ ސިކުނޑީގައި އެނބުރެމުންދަނީ އެ ހާސްކަމެވެ.
ރިފްޒާ ކޮޓަރީގެ ފޮޓޯތައް މޯމޯއަށް ލިބުމުން އެ ހިސާބުން ނިމުނީކީ ނޫނެވެ. ރިފްޒާގެ މަންމައާއި ބައްޕަގެ ކޮޓަރީގެ ފޮޓޯތަކެއް ފޮނުވުމަށް އެދުނެވެ. ފޮޓޯތައް ނަގަންޖެހެނީ އެއްވެސް މީހަކަށް ނާންގައެވެ. ހަމައެހެންމެ ބަދިގެއާއި، އުނދުނާއި، ވަޅިތަކުގެ ފޮޓޯ ވެސް މެއެވެ. ރިފްޒާ އެ ފޮޓޯތައް ނެގީ ވަރަށް ސިއްރުންނެވެ. ބޮޑަށް ރަނގަޅުކޮށްލަން ރިފްޒާ ވީޑިޔޯ ވެސް ފޮނުވިއެވެ. އެ ފަދަ ހުރިހައި ފޮޓޯއެއް ފޮނުވުމުން ރިފްޒާގެ ފުރަތަމަ މަސައްކަތް ނިމުނީއެވެ. މައިންބަފައިން ސަލާމަތްކުރަން ރިފްޒާ ކުރާ މަސައްކަތަށް މޯމޯ ތައުރީފުކުރިއެވެ. މޯމޯ ދެކޭގޮތުގައި ރިފްޒާއަކީ މައިންބަފައިން ފަޚުރުވެރިވާނެ ކަހަލަ ދަރިއެކެވެ. އެ މީހުން ދިރިތިބީ ރިފްޒާގެ ސަބަބުންނެވެ. މޯމޯ ޗެލެންޖު ނިމޭއިރު ރިފްޒާއަށް ވަރަށް ބޮޑު "ސަޕްރައިޒެއް" ލިބޭނެއެވެ.
ދެވަނަ މަސައްކަތަކަށް މޯމޯ އެދުނީ މަލެއް ކުރަހައިފައި އޭގެ ފޮޓޯ ފޮނުވުމަށެވެ. ދެން ބުނީ ރަތްކުލައިގެ ހެދުމެއް ލައިގެން ފޮޓޯއެއް ނަގައިފައި ފޮނުވުމަށެވެ. އޭގެ ފަހުން ދެން ބުނީ ހެދުމެއް ނުލައި ފޮޓޯއެއް ނަގައިފައި ފޮނުވުމަށެވެ. އެ ހުރިހައި ކަމެއް ރިފްޒާ ކުރިއެވެ. އެ ކަމެއް ހިނގަނީ ދަންވަރުގެ ވަގުތުގައެވެ. ރާއްޖެއަށް ދަންވަރު ވަނީ ކޮން ގަޑިއެއްގައިކަން މޯމޯއަށް އެނގެއެވެ. ރިފްޒާއަށް ދީފައިވާ ނަންބަރުތައް ނިސްބަތްވަނީ މެކްސިކޯއާއި، ޖަޕާނާއި، އާޖެންޓީނާއަށް ކަމެއް ރިފްޒާއަކަށް ނޭނގެއެވެ.
ހަފުތާއެއްވީއިރު ރިފްޒާ ކުރަންޖެހޭ ކަންކަން ބިރުވެރިވާން ފެށިއެވެ. މަސައްކަތް ހަވާލުކުރާ ވަގުތު ބަދަލުވިއެވެ. ފުރަތަމަ ކަމަކަށް ބުނީ އިސްކޫލުން ގެއަށް އައިސް ކޮޓަރިއަށް ވަދެފައި، ކަރަންޓު ސޮކެޓެއްގެ ތެރެއަށް މޮހޮރެއް ކޮއްޕައިލައިގެންހުރެ ސުވިޗު ޖެއްސުމަށެވެ. ރިފްޒާ އެ ކަން ކުރިއެވެ. އެ ފަހަރު އެޕާޓުމަންޓުގެ ބްރޭކަރު ވެއްޓުނެވެ. ރިފްޒާއަކަށް ކަމެއް ނުވެއެވެ. ގޭގެ ބުރޭކަރު ވެއްޓުނީ ކީއްވެގެންކަމެއް އެކަކަށް ވެސް ނޭނގެއެވެ. ދެން ބުނީ މަންމަގެ ފޯނު ކުޑަދޮރުން ބޭރަށް އެއްލައިލުމަށެވެ. ރިފްޒާ އެ ކަން ވެސް ކުރިއެވެ. ފޯނު ގެއްލިގެން ނާސިހާ މުޅި ގެ ހޯދިއެވެ. އެންމެ ފަހުން ނުފެނިގެން ހުއްޓައިލީއެވެ.
މޯމޯ ޗެލެންޖުގެ ދެވަނަ ހަފުތާއާ ރިފްޒާ ކުރިމަތިލިއެވެ. އެ ކުޅިވަރަށް ރިފްޒާ ފަރިތަވެއްޖެއެވެ. ކުރިއަށް ވުރެ މާ ހިތްވަރުގަދަވެއްޖެއެވެ. އެކަމަކު، އިނގިއްޔަށް ތިނޯހެއް ހަރައިލަން ބުނި ފަހަރު ރިފްޒާއަކަށް އެ ކަމެއް ނުކުރެވުނެވެ. އެއީ ރިފްޒާއަށް ކުރަން ނުކެރުނު ފުރަތަމަ ކަންތަކެވެ.
ނުނިމޭ