05 މާޗް 2019 - 11:32

ދުބާއީ، ޔޫއޭއީ (މާޗް 5) - ދާދި ފަހުން ނިމުނު ދުބާއީ ޗެމްޕިއަންޝިޕް ކާމިޔާބުކޮށް ކެރިއަރުގައި 100 ތަށި ހަމަކުރި މަޝްހޫރު ޓެނިސް ކުޅުންތެރިޔާ ރޮޖާ ފެޑެރާ އަށް ގިނަ ބަަޔަކު ތައުރީފުކޮށްފި އެވެ.

މިދިޔަ ހޮނިހިރު ދުވަހު ކުޅުނު ދުބާއީ ޗެމްޕިއަންޝިޕްގެ ފައިނަލުގައި އުމުރުން 37 އަހަރުގެ ފެޑެރާ ވަނީ އަރަމުން އަންނަ މަޝްހޫރު ޓެނިސް ކުޅުންތެރިޔާ ގްރީސްގެ ސްޓެފަނޯސް ސިޓްސިޕާސް ބަލިކޮށްފަ އެވެ. އެ މެޗުގައި ފެޑެރާގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެންގޮސްފަ އެވެ.
ފިރިހެން ކުޅުންތެރިންގެ ތެރެއިން ޓެނިހުގައި އެންމެ ގިނަ ތަށި ހޯދުމުގެ ރެކޯޑް އޮތީ 1970 އާއި 1980 ގެ އަހަރުތަކުގައި ކުޅުނު އެމެރިކާގެ ޓެނިސް ކުޅުންތެރިޔާ ޖިމީ ކޮނޯ އަތުގަ އެވެ. އޭނާ ވަނީ 109 ތަށި ހަމަކޮށްފަ އެވެ. ފެޑެރާ ބުނީ ކޮނޯގެ ރެކޯޑާ ހަމަކުރުމުގެ ހާއްސަ އަމާޒެއް ނެތް ކަމަށެވެ.
"ވަރަށް ގިނަ މީހުން އަހަރެން ގާތުގައި އަހާ އަހަރެން ޓާގެޓްކުރަންތޯ 109 ތަށްޓައް. އެ ސުވާލަށް ޖަވާބު ދިނުމަކީ ފަސޭހަކަމެއް ނޫން. ހަ ދުވަހުން ފަސް މެޗު މޮޅުވުމަކީ. އަދި ފަސް ދުވަހުން ފަސް މެޗުން މޮޅުވުމަކީ އާދައިގެ ކަމެއް ނޫން. އެއީ ވަރަށް ރަނގަޅަށް ފިޓްކޮށް ހުރެގެން ކުރެވޭނެ ކަމެއް،" ފެޑެރާ ބުންޏެވެ.
އޭނާ ބުނީ ވަރަށް ގިނަ ބައެއްގެ ތައުރީފާއި ހިތްވަރު ދިނުމުގެ މެސެޖުތައް ލިބެމުން އަންނަ ކަމަށާއި އެއީ ލިބޭ އެންމެ ބޮޑު އުފާ ކަމަށެވެ. ޓެނިހުގެ ގިނަ ބަޔަކު ދެކޭގޮތުގައި ފެޑެރާ އަކީ ޓެނިހުގެ ތާރީހުގައި އައި އެންމެ މޮޅު ފިރިހެން ކުޅުންތެރިޔާ އެވެ.
"ވަރަށް ހިތްވަރު ލިބޭ. އަސްލު ހަގީގަތުގައި ފިޓްވުމޭ މި ބުނަނީ އެންމެ ކަމަކަށް ނިސްބަތްކޮށެއް ނޫން. މެންޓަލީ އަދި ފިޒިކަލީ އެބަޖެހޭ ޗެލެންޖްތަކާ ކުރިމަތިލާން. އިދިކޮޅަށް ނުކުންނަ ކުޅުންތެރިންގެ ފިޓްނަސްއާ އެއްވަރަށް ތައްޔާރުވާން ޖެހޭ. އެއީ މި އުމުރުގައި އަހަންނަށް އެންމެ އުނދަގޫ ކަންތައް،" ކެރިއަރުގައި 20 ގްރޭންޑް ސްލޭމް ތަށި އުފުލާލާފައިވާ ފެޑެރާ ބުންޏެވެ.
ފެޑެރާ ހޯދި ކާމިޔާބީ އަށް ކޮނޯ ވަނީ މަރުހަބާ ކިޔައިފަ އެވެ. ކޮނޯ ބުނީ ކާމިޔާބީ ތިން އަދަދުން ފާހަގަކުރެވުމަކީ އާދައިގެ ކަމެއް ނޫން ކަަމަށާއި އޭނާ އަށް އެ ލިސްޓުގައި މާ ގިނަ ދުވަސް ވަންދެން އޮވެވިއްޖެ ކަމަށެވެ.
"އަހަރެމެން ކުޅުނިއިރު ޓެކްނިކަލީ މާ މޮޅު ކުޅުންތެރިންނެއް ނެތް. އެކަމަކު މިހާރު ވަރަށް މޮޅެތި ކުޅުންތެރިން ގިނަ. މި ފަދަ ވާދަވެރިކަމެއް އޮތް ދުވަސްވަރެއްގައި 100 ތަށި ހަމަކުރުމަކީ ފަސޭހަ ކަމެއް ނޫން. އަމުދުން ފެޑެރާ އެ ހުރި އުމުރުގައި އެކަން ނުވާނެ ކަމަށް ގިނަ ބަޔަކަށް ޔަގީންވާނެ. އެކަމަކު އޭނަ އެ ދަނީ އެ ހުރިހާ ކަމެއް ވާނެކަން ސާބިތުކޮށްދެމުން،" ކޮނޯ ބުންޏެވެ.
ޓެނިހުގެ ތާރީހުގައި އެންމެ ގިނަ ތަށި ހޯދި އަންހެން ކުޅުންތެރިޔާ ޗެކް ރިޕަބްލިކްގެ މާޓީނާ ނަވްރަޓިލޯވާ ވެސް ވަނީ ފެޑެރާ އަށް މަރުހަބާ ކިޔައިފަ އެވެ. މާޓީނާ ވަނީ 167 ތަށި ކާމިޔާބު ކޮށްފަ އެވެ.