05 މާޗް 2019 - 11:30

މެޑްރިޑް (މާޗް 5) - ރެއާލް މެޑްރިޑްގެ ވިންގް ގަރެތު ބޭލްގެ އޭޖެންޓް ޖޮނަތަން ބާނެޓް، ރެއާލުގެ ސަޕޯޓަރުންނަށް ވަަރަށް ބޮޑަށް ފާޑުކިޔައިފި އެވެ.
އުމުރުން 29 އަހަރުގެ ބޭލް އަށް ފަހަކަށް އައިސް ރެއާލުގެ ގިނަ މެޗުތަކުގައި ފުރުސަތު ލިބެނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގަ އެވެ. ރެއާލުގައި ބޭލަށް މިހާރު ދިމާވާ އެންމެ ބޮޑު ކަމަކީ ސަޕޯޓަރުންގެ ނުރުހުންވުން އަމާޒުވުމެވެ. ރެއާލުގެ ކޯޗު ސަންޓިއާގޯ ސޮލާރީ ވެސް ވަނީ އެކަންތައްތަކުން ރެކެން ވެގެން ތަފާތު ގޮތްގޮތަށް މީޑިއާގައި ވާހަކަ ދައްކައިފަ އެވެ.
ހާލަތު އިތުރަށް ގޯސްވަމުންދާތީ ބޭލްގެ ދިފާއުގައި އޭނާގެ އޭޖެންޓް ޖޮނަތަން ވަނީ ވާހަކަދައްކައިފަ އެވެ.
"ރެއާލުގެ މި ޖީލުގެ ސަޕޯޓަރުން ބޭލްގެ ގޯލުތަކުގެ ވާހަކަތައް ގިނަ އަހަރުތަކެއް ވަންދެން ދައްކާނެ. އެ މީހުން (ސަޕޯޓަރުން) އަދި އަމިއްލަ ނަފްސާ މެދު ލަދުވެސް ގަންނާނެ. އެ ސަޕޯޓަރުން އަދި ބޭލްގެ ފައިގައި ބޮސް ދޭން ޖެހޭނެ،" ރުޅިގަދަވެފައި ހުރެ ޖޮނަތަން މީޑިއާ އަށް ބުންޏެވެ.
ޓޮޓެންހަމަށް 2013 ވަނަ އަހަރު އޭރު ދުނިޔޭގެ ރެކޯޑް އަގެއް ކަމަށްވާ 100 މިލިއަން ޔޫރޯ ދެއްކުމަށް ފަހު ރެއާލުން ބޭލް ގަތް ފަހުން އޭނާ އެ ޓީމާ އެކު ވަނީ ފާހަގަކޮށްލެވޭ ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. މި ސީޒަނުގައި މިހާތަނަށް ކުޅުނު 33 މެޗުން ބޭލް ވަނީ 13 ގޯލު ޖަހައިފަ އެވެ.
"ބޭލް އަށް އިހުތިރާމް ކުރަންޖެހޭ. އެކަމަކު ރެއާލުގެ ސަޕޯޓަރުންގެ ފަރާތުން އެކަމެއް ނުފެނޭ. ރެއާލުގައި ހޭދަކުރި ހަ އަހަރުގައި މިހާތަނަށް ބޭލް ވަނީ އެ ޓީމާ އެކު ހުރިހާ ކާމިޔާބެއް ހޯދާފައި. ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ބޭލް ހިމެނޭ،" ޖޮނަތަން ބުންޏެވެ.
މިދިޔަ މަހު ލެވަންޓޭ ކޮޅަށް ލަނޑު ޖެހުމަށް ފަހު ބޭލް އެ ޓީމުގެ ކުޅުންތެރިންނާ އެކު އުފާފާޅުކުރަން ދެކޮޅު ހެދި މަންޒަރު ގިނަ ބައެއްގެ ލޮލުގަައި އަޅައިގަތެވެ. އެކަމާ ބެހޭގޮތުން ސްޕެއިނުގެ މީޑިއާގައި ގިނަ ވާހަކަތަކެއް ދެކެވުނެވެ. އަދި ރެއާލުގައި ބޭލް ހުރީ ހިތްހަމަ ނުޖެހިފައިކަމަށް ބުނެ ވެސް އަޑުތަކެއް ފެތުރުނެވެ.
"ސްޕެއިނުގެ ނޫސްތަކުގައި ކޮންމެ ވާހަކަތަކެއް ލިޔުނު ކަމުގައި ވިޔަސް އޭގެ ހަގީގަތެއް ނެތް. ބޭލް ހުރީ އުފަލުން. ނޫސްތަކުގައި ލިޔާ މީހުންނަށް ބޭލްއާ ބެހޭ ގިނަ ކަންތައްތަކެއް ނޭނގޭ،" ސްޕެއިނުގެ ނޫސްތަކުގައިވާ ރިޕޯޓްތަކާ ބެހޭގޮތުން ޖޮނަތަން ބުންޏެވެ. "ބޭލް އެއްވެސް ކްލަބަކަށް ބަދަލުވާކަށް ނޫޅޭ. އެއްވެސް ކްލަބަކާ މަޝްވަރާއެއް ވެސް ނުކުރަން."
ޗެމްޕިއަންސް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން މިރޭ މުބާރާތުގެ ދެ ވަަނަ ބުރުގެ ދެ ވަނަ ލެގުގައި އަމިއްލަ ދަނޑުގައި ކުޅޭނީ އަޔަކްސްއާ ދެކޮޅަށެވެ. އަޔަކަސް ދަނޑުގައި ކުޅުނު ފުރަތަމަ ލެގު ނިމުނީ 2-1 އިން ރެއާލް މޮޅުވެގެންނެވެ. މިރޭގެ މެޗު ފަށާނީ ރާއްޖެ ގަޑިން 00:30 ގަ އެވެ.