މެންޗެސްޓާ ސިޓީ ކުންފުނިން އިންޑިއާ ކްލަބެއް ގަންނަނީ
މެންޗެސްޓާ ސިޓީ ކުންފުނިން އިންޑިއާ ކްލަބެއް ގަންނަނީ

އަބޫ ދާބީ (މާޗް 5) – އިންޑިއާގެ ކްލަބެއް ގަތުމާ މެދު ވިސްނަމުން އަންނަ ކަމަށް ޕްރިމިއާ ލީގުގެ މެންޗެސްޓާ ސިޓީ ހިންގާ އަބޫ ދާބީގެ ސިޓީ ފުޓްބޯލް ގްރޫޕުގެ ޗީފް އެގްޒެކެޓިވް ފެރަން ސޮރިއާނޯ ވިދާޅުވެއްޖެ އެވެ.

އެ ގްރޫޕުގެ ދަށުގައި މިހާރު ހަތް ކްލަބެއް އެބައޮތެވެ. އެއީ ސިޓީގެ އިތުރުން އެމެރިކާގެ ނިއު ޔޯކް ސިޓީ އެފްސީ އާއި އޮސްޓްރޭލިއާގެ މެލްބަމް ސިޓީ އާއި ޖަޕާނުގެ ޔޮކޮހާމާ އެފް މެރިނޯސް އާއި އުރުގުއޭގެ އެތުލެޓިކޯ ޓޯކޫ އާއި ސްޕެއިނުގެ ޖިރޯނާ އަދި ޗައިނާގެ ތިން ވަނަ ޑިވިޝަނުގެ ސީޗުއާން ޖިއުނިއު އެފްސީ އެވެ.

ސޮރިއާނޯ ވިދާޅުވީ ފުޓްބޯޅަ އަށް ހަގީގީ ތާއީދާއި ފުރުސަތުތައް ހުރި ގައުމުތަކަށް ޝައުގުވެރިކަން އެބަހުރި ކަމަށާއި އޭގެ ތެރޭގައި ޗައިނާގެ އިތުރުން އިންޑިއާ ވެސް ހިމެނޭ ކަމަށެވެ.

"އިންޑިއާ އަށް ބަލަމުން އަންނަތާ ދެ އަހަރު މިވަނީ. އަހަރެން ބުނާނީ މި އަހަރުގެ ތެރޭގައި އިންޑިއާގައި އިންވެސްޓްމަންޓެއް ކުރާނެޔޭ،" ސޮރިއާނޯ ވިދާޅުވި އެވެ.

މި ކުންފުނީގެ ވެރިޔަކީ ޔޫއޭއީގެ ރައީސް ޚަލީފާ ބިން ޒަޔެދު އަލް ނަހްޔާންގެ ކޮއްކޯފުޅު އަދި އަބޫ ދާބީގެ ޝާހީ އާއިލާ އަށް ނިސްބަތްވެވަޑައިގަންނަވާ މަންސޫރު ބިން ޒަޔެދު އަލް ނަހްޔާން އެވެ. އެ ކުންފުނީގެ އަމާޒަކީ 2023 އަންނަންވާއިރަށް ދުނިޔޭގެ އެކިކަންކޮޅުތަކުގައި އެ ކުންފުނީގެ 12 ކްލަބް އޮތުމެވެ.

މެންޗެސްޓާ ސިޓީ އަކީ އެ ކްލަބް ނިސްބަތްވާ މެންޗެސްޓާގެ އަނެއް ކްލަބް ކަމަށްވާ މެންޗެސްޓާ ޔުނައިޓެޑާ ބަލާއިރު އާދައިގެ ކްލަބެކެވެ. އެކަމަކު އަބޫ ދާބީގެ މަހުޖަނުން ހަވާލުވެ އެ ކްލަބް ވަރުގަދަކޮށް ތިން ފަހަރު ލީގު ވަނީ ކާމިޔާބުކޮށްފަ އެވެ.

އެ ގްރޫޕުން އިންވެސްޓްކުރަން ތައްޔާރުވަމުން އަންނަ އިންޑިއާ އަކީ ފުޓްބޯޅަ އަށް ކުރިން މާބޮޑު ޝައުގެއް ނެތް އެކަމަކު ފަހަކަށް އައިސް ފުޓްބޯޅައިގެ ފޯރި ގަދަވަމުން އަންނަ ގައުމެކެވެ. އިންޑިއަން ސުޕަ ލީގުގައި ދުނިޔޭގެ މަޝްހޫރު ބައެއް ކުޅުންތެރިން ކުޅެ، ޒުވާނުންގެ ޝައުގުވެރިކަން އަންނަނީ ފުޓްބޯޅަ އަށް ބޮޑުވަމުންނެވެ. އިންޑިއާގައި އޮތް ބިޔަ އާބާދީ އަކީ ފުޓްބޯޅަ މާކެޓްކުރެވިއްޖެ ނަމަ މާލީ ގޮތުން ބޮޑު ފައިދާއެއް ނެރެވޭވަރުގެ އާބާދީއެކެވެ. އެހެންވެ ފީފާ އިން ވެސް އަބަދުވެސް އައީ އިންޑިއާގައި ފުޓްބޯޅަ އާލާކުރެވޭނެ މަގެއް ހޯދަމުންނެވެ.