ގެފުޅު ހިފައިފާނެކަމުގެ އިންޒާރު ބީޖޭޕީގެ ލީޑަރަކު ދީފި
ގެފުޅު ހިފައިފާނެކަމުގެ އިންޒާރު ބީޖޭޕީގެ ލީޑަރަކު ދީފި

ނިއު ދިއްލީ (މާޗް 5) - ރާމް ޖަންމަބޫމީގައި ބާބްރީ މިސްކިތް އަލުން އިމާރާތްކޮށްފި ނަމަ ހިންދޫން ގޮސް ކައުބާ ހިފާނެ ކަމަށް ވިދާޅުވެ އިންޑިއާގައި ވެރިކަން ކުރާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) ގެ ލީޑަރެއް ކަމަށްވާ ސުބްރަމާނިއަން ސުވާމީ އިންޒާރު ދެއްވައިފި އެވެ.

ރާމް ޖަމްމަންބޫމީ އަކީ ހިންދޫން ކަލާނގެއެއް ކަމަށް ދެކޭ ރާމާ އުފަންވި ތަނަށް ކިޔާ ނަމެކެވެ. ބީޖޭޕީގެ ސީނިއާ ލީޑަރަކު މިހެން ވިދާޅުވުމާ ގުޅިގެން ދުނިޔޭގެ ހުރިހާ ކަންކޮޅަކުން ވެސް މުސްލިމުންގެ ރުޅިވެރިކަން އޭނާ އަށް ވަނީ އަމާޒުވާން ފަށައިފަ އެވެ. ހިންދޫން ހަރުކަށި ގްރޫޕަކުން ބާބްރީ މިސްކިތް ތަޅާލީ މީގެ 27 އަހަރު ކުރިންނެވެ.

ގެފުޅު ހިފައިފާނެ ކަމަށް ވިދާޅުވެ ސްވާމީ ޓްވީޓެއް ކުރެއްވީ ދާދި ފަހުން ދުބާއީގައި ނިމުނު އޮގަނައިޒޭޝަން އޮފް އިސްލާމިކް ކަންޓްރީޒް (އޯއައިސީ) ގެ ބައްދަލުވުމުގައި ކަޝްމީރުގެ މުސްލިމުންނާ ދެކޮޅަށް އިންޑިއާ އިން ހިންގާ އުދުވާން ކުށްވެރިކޮށް ގަރާރެއް ފާސްކުރުމާ ގުޅިގެންނެވެ. އޯއައިސީގެ ބައްދަލުވުމުގައި ވަނީ އަޔޯދިޔާގައި ބާބްރީ މިސްކިތް އަލުން އިމާރާތްކުރާނެ ގޮތުގެ 50 ޕޮއިންޓުގެ ޕްލޭނެއް ވެސް އެކުލަވާލައިފަ އެވެ.

އެމެރިކާގެ ހާވަޑް ޔުނިވާސިޓީން އިކޮނޮމިކްސް އިން އުމުރުން 26 އަހަރުގައި ޕީއެޗްޑީ ހާސިލް ކުރައްވާފައިވާ ސްވާމީ ވިދާޅުވީ އޯއައިސީގެ ގަރާރު އަނބުރާ ނުގެންގޮސްފި ނަމަ ހިންދޫން ކައުބާ ހިފާނެ ކަމަށެވެ. ސްވާމީގެ ޓްވީޓަށް ފަހު، އަޔޯދިޔާގެ މުސްލިމުން ބުނަމުން ދަނީ އެ މީހުންނަށް އަނެއްކާ ވެސް ރައްކާތެރިކަން ކުޑަވެއްޖެ ކަމަށެވެ. އަދި މުސްލިމުންނާއި ހިންދޫންގެ ކުރިމަތިލުމެއް ފެށިދާނެކަމުގެ ބިރު ބޮޑު ކަމަށް ވަނީ ބުނެފަ އެވެ.

ހިންދޫންގެ ހަރުކަށި ފަރާތްތަކުން ބާބްރީ މިސްކިތް ތަޅާލީ 1992 ވަނަ އަހަރުގެ ފަހުކޮޅު އެވެ. އެ ހަމަނުޖެހުމުގައި މުސްލިމުންގެ 2،000 މީހުން ވަނީ މަރުވެފަ އެވެ.

ސެޕްޓެމްބަރު 2010 ގައި އިލާހުއާބާދުގެ ހައި ކޯޓުން ވަނީ ރާމް ޖަމްމަންބޫމީގެ މައި ސައިޓް ތިން ބަޔަކަށް ބަހާލުމަށް ހުކުމްކޮށްފަ އެވެ. މީގެ ތެރޭން ދެބައި ހިންދޫންނަށް އަދި އަނެއް ބައި މުސްލިމުންނަށް ދިނުމަށް ވަނީ އަންގައިފަ އެވެ. ނަމަވެސް އެ ނިންމުން ހިންދޫންނާއި މުސްލިމުން ވެސް ވަނީ އިސްތިއުނާފް ކޮށްފަ އެވެ. އަދިވެސް ގޮތެއް ނުނިމެ އެވެ.

ސޯޅަ ވަނަ ގަރުނުގެ ބާބްރީ މިސްކިތް ތަޅާލީ އެ މިސްކިތް ހުރި ތަނުގައި ފައްޅިއެއް ހެދުމަށެވެ. ހިންދޫންގެ ގިނަ ބަޔަކު ގަބޫލް ކުރަނީ ބާބްރީ މިސްކިތް ހަދާފައި ވަނީ ލޯޑް ރާމް އުފަންވި ތަނުގައި ކަމަށެވެ. އަދި މޫގަލް އެމްޕަޔާ މިސްކިތް ހެދީ އެ ތަނުގައި ހުރި ފައްޅި ތަޅާލުމަށް ފަހު ކަމަށް ހިންދޫން ބުނެ އެވެ. އެހެންވެ އެ ތަނުގައި ފައްޅިއެއް ހަދަން ހިންދޫން ހިންގި ހަރަކާތުގެ އެންމެ އިސްކޮށް ހުރީ ބީޖޭޕީގެ ކުރީގެ ލީޑަރު ލާލް ކްރިޝްނާ އަދުވާނީ އެވެ.

މިސްކިތް ތަޅާލުމުގައި ޖިނާއީ ކުށުގެ ރޭވުންތައް ރާވާފައިވާ ކަމުގެ ތުހުތުގައި ބީޖީޕީީގެ އިސް ލީޑަރުންގެ މައްސަލަ ޚާއްސަ ކޯޓަކުން ބަލަން އިންޑިއާގެ ސްޕްރީމް ކޯޓުން ވަނީ އަންގައިފަ އެވެ.

އިންޑިއާ ޕާލަމެންޓުގެ މެންބަރު ސުބްރަމާނިއަމް ސުވާމީ ވަނީ މިދިޔަ ސެޕްޓެމްބަރު މަހު ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިހާބުގެ ނަތީޖާ އޮޅުވާލައިފި ނަމަ އިންޑިއާ އިން ރާއްޖެ ހިފަން ޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ.