04 މާޗް 2019 - 22:06

ގދ. ފަރެސްމާތޮޑާގައި ރޭ ދަންވަރު ހިންގި މާރާމާރީއެއްގައި ޒުވާނެއްގެ ބޮލުގައި ކޯރާޑިއަކުން ޖަހައި ބޯފަޅާލައިފި އެވެ.
އެ ރަށު ކައުންސިލް މެމްބަރު އިބްރާހިމް ސޮބާހު ވިދާޅުވީ ފަރެސް އަދި މާތޮޑާ އަވަށުގެ ދެ ގުރޫޕަކަށް ނިސްބަތްވާ ޒުވާނުންތަކެއްގެ މެދުގައި ހިންގި އެ މާރާމާރީގައި ޒަހަމްވެފައިވަނީ ޝަބާން މުހައްމަދު، 21، އެވެ.
ކޯރާޑީން ބޮލުގައި ޖެހި ޒަހަމް ވުމުން އޭނާ އެންމެ ފުރަތަމަ ގެންދިޔައީ އެ ރަށު ސިއްހީ މަރުކަޒަށެވެ. އަދި ފަހުން ގދ. ތިނަދޫ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު މިއަދު ހަވީރު މާލެ ގެނެސްފައިވާ ކަމަށް ސޮބާހު ވިދާޅުވި އެވެ.
"ޓެސްޓުތަކުން ދައްކާ ގޮތުގައި ޝަބާންގެ ބޮލުގެ ނާށިގަނޑުގައި ވަނީ ރެނދުލާފައި. އެކަމަކު އޭނާގެ ހާލު މިހާރު ސީރިއަސްއެއް ނޫން،" ކައުންސިލަރު ވިދާޅުވި އެވެ.
މި މައްސަލައާ ގުޅިގެން، ފަރެސް އަވަށުގެ ހަތަރު މީހަކު މިރޭ ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.
ފުލުސް އޮފީހުން ބުނީ އެ މީހުން ފިލައިގެން އުޅެނިކޮށް ހައްޔަރުކުރީ އެ އަތޮޅު ނަޑެއްލާއިން ކަމަށެވެ. އެ ރަށުގައި ޕޮލިސް ސްޓޭޝަނެއް ނުހުރެ އެވެ.
ފުލުހުން ބުނިގޮތުގައި އެ އެންމެން ވެސް ހައްޔަރުކުރީ ކޯޓު އަމުރަކަށެވެ.
ކައުންސިލަރު ސޮބާހު ވިދާޅުވި ގޮތުގައި ރޭ މާރާމާރީ ހިންގީ، ދެ ގުރޫޕުގެ މެދުގައި ކުރިން ޖެހުނު މައްސަލައަކާ ގުޅިގެންނެވެ. އަދި 1998 ވަނަ އަހަރު، ފަރެސް އަދި މާތޮޑާ ގުޅާލި ފަހުން އަބަދު ވެސް ދެ އަވަށުގެ މެދުގައި ވާދަވެރިކަމާއި "ހަނގުރާމަ" އޮންނަ ކަމަށާއި އެކަމަކު ރޭ މާރާމާރީ ހިންގީ، އެކަން ވަރަށް ބޮޑަށް ކުޑަވެފައިވައި ވަނިކޮށް ކަމަށް އޭނާ ވިދާޅުވި އެވެ.