05 މާޗް 2019 - 10:14

ކަނޑުގެ ދިރުންތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުން ކުރުމުގައި ރާއްޖެއާ އެކު މަސައްކަތް ކުރެވޭނެ ކަމަށް ނޯވޭގެ ސްޓޭޓް ސެކްރެޓަރީ މެރިއަން ހޭގަން ވިދާޅުވެއްޖެ އެވެ.
ރާއްޖެ ވަޑައިގެންނެވި ރަސްމީ ދަތުރުގެ ތެރެއިން "މިހާރު" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ހޭގަން ވިދާޅުވީ ރާއްޖެ އާއި ނޯވޭއަކީ ވަރަށް އެއްގޮތް ކަންތައްތަކެއް ހިމެނޭ ދެ ގައުމު ކަމަށެވެ. އާބާދީ ކުޑަވުމާއި ކަނޑުގެ ސަރަހައްދު ބޮޑުވުމުގެ އިތުރުން ތިމާވެށީގެ އެއް ކަހަލަ މައްސަލަތަކެއް ދެ ގައުމަށް ވެސް ދިމާވަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންކަމުން އެ މައްސަލަތަކަށް ހައްލު ހޯދަން ދެ ގައުމު އެކުވެގެން ބައިނަލްއަގުވާމީ ބައްދަލުވުންތަކުގައި ވެސް މަސައްކަތް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ދެ ގައުމުން އެއް ބަޔަކު އަނެއް ބަޔަކު ބާރުވެރި ކުރުމަށް ބައިނަލްއަގްވާމީ މައިދާނުގައި މަސައްކަތް ކުރެވޭނެ. މޫސުމަށް އަންނަ ބަދަލުތަކުގެ ވާހަކަ ދައްކާ އިރު ވަކާލާތު ކުރާނެ ގިނަ ބަޔަކު ބޭނުންވޭ. އެގޮތަށް ރާއްޖެ އާއި ނޯވޭއަކީ އެކުގައި މަސައްކަތް ކުރެވޭނެ ގައުމުތަކެއް،" ހޭގަން ވިދާޅުވި އެވެ.
ރާއްޖޭގެ އިގުތިސާދުގެ ބޮޑު ބައެއް މަސްވެރިކަން ހިއްސާކުރާ އިރު، ހޭގަން ވިދާޅުވީ ދެމެހެއްޓެނިވި މަސްވެރިކަން ނުވަތަ ކަނޑުގެ ބާވަތްތައް ބޭނުން ކުރުމުގައި ރަނގަޅު އުސޫލުތަކެއް ގެންގުޅެން ނޯވޭގެ އެހީތެރިކަން ރާއްޖެއަށް ލިބޭނެ ކަމަށެވެ.
މީގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެށީގެ މައްސަލަތަކުގައި ވެސް ދެ ގައުމުން އެއްގައުމު އަނެއް ގައުމަށް އެއްބާރުލުން ދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ހޭގަން ވަނީ ތިލަފުއްޓަށް ވަޑައިގެން، ކުނި ނައްތާލާ ގޮތް ބައްލަވައިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ތިމާވެށީގެ މައްސަލަތަކުގެ ތެރެއިން ރާއްޖެއަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ހައްލެއް ގެންނަން އަމިއްލަ ފަރާތްތަކުގެ އެއްބާރުލުން މުހިއްމެވެ. އެގޮތުން ކުނި އަންދައިގެން ހަކަތައަށް ބަދަލުކުރުމާއި ގަސް ކާނާ ފަދަ އެއްޗެހި އުފައްދައިގެން ކުނިން ނަފާ ހޯދޭނެ މަގުތައް ތަނަވަސްކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
ހޭގަން ވިދާޅުވި ގޮތުގައި އެ ދާއިރާތަކަށް ހާއްސަ ކުންފުނިތައް ހޯދައިދިނުމުގައި ނޯވޭއަށް ބޮޑު އެހީތެރިކަމެއް ވެދެވިދާނެ އެވެ.