04 މާޗް 2019 - 14:57

ނިއު ރޭޑިއަންޓާއި ގައުމީ ޓީމުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ހުނަރުވެރި މިޑްފީލްޑަރު ހަމްޒާ މުހައްމަދު (ހަމްޕު) މާޒިޔާ އަށް ސޮއިކޮށްފި އެވެ.

މިދިޔަ އަހަރުގެ ސާފް ސުޒުކީ ކަޕް ކާމިޔާބުކުރި ގައުމީ ޓީމުގައި މުހިއްމު ދަައުރެއް އަދާކުރި ހަމްޕު ވަނީ މާޒިޔާއާ އެކު ތިން އަހަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. ހަމްޕު އަކީ މި ސީޒަނަށް ޓީމު ވަރުގަދަކުރުމުގެ ގޮތުން މާޒިޔާ އިން ސޮއި ހޯދި ދެ ވަނަ ކުޅުންތެރިޔާ އެވެ. ގައުމީ ޓީމާއި ޓީސީ ސްޕޯޓްސް ކްލަބްގައި މޮޅު ކުޅުމެއް ދެއްކި އުއްމީދީ މިޑްފީލްޑަރު އިބްރާހިމް ވަހީދު ހަސަން (އިއްބެ) ވެސް ވަނީ މާޒިޔާއާ ގުޅިފަ އެވެ.
ނިއުގެ ޔޫތު ޓީމުން 2014 ވަނަ އަހަރު ވިދާލި ހަމްޕު، އެންމެ ފުރަތަމަ ޕްރެކްޓިހަށް ނުކުތީ މާޒިޔާ އަށެވެ. އެކަމަކު އޭނާ ސޮއިކުރީ ނިއު އަށެވެ. ދިގު މުއްދަތުގެ އެއްބަސްވުމެއްގައި ނިއުއާ އެކު ސޮއިކޮށް މިދިޔަ ފަސް ވަރަކަށް އަހަރު ހަމްޕު ވެފައިވަނީ އެ ޓީމުގެ މުހިއްމު ކުޅުންތެރިޔަކަށެވެ. ނިއު އިން މިދިޔަ އަހަރުތަކުގައި ހޯދި ހުރިހާ ކާމިޔާބެއްގައި ހަމްޕުގެ ދައުރު ބޮޑެވެ. އެ ޓީމާ ހަވާލުވި ހުރިހާ ކޯޗުން ވެސް ވަނީ ހަމްޕުގެ ކުޅުމަށް ތައުރީފުކޮށްފަ އެވެ.
ނިއުއާ އެކު ހަމްޕު ހަދާފައިވާ އެއްބަސްވުން އުވާލީ މި މަހުގެ ކުރީކޮޅުގައި އެފްއޭއެމް ޕްލޭޔާ ސްޓޭޓަސް ކޮމިޓީންނެވެ. ހަމްޕު އެފްއޭއެމަށް މައްސަލަ ހުށަހެޅީ ދިގު މުއްދަތުގެ ކޮންޓްރެކްޓެއްގައި ނިއުއާ އެކު ހުރިއިރު، އޭނާ އަށް ގަވާއިދުން މުސާރަ ދީފައިނުވާތީ އެވެ.
ކޮންމެ މަގާމެއްގައި ކުޅުވިޔަސް ނިއުގައި މިދިޔަ އަހަރުތަކުގައި އެއް ފެންވަރެއްގައި ރަނގަޅު ކުޅުމެއް ދެއްކި އެއް ކުޅުންތެރިއަކީ ހަމްޕު އެވެ. އޭނާ ވަނީ ނިއުގެ ކެޕްޓަން ބޭންޑް އަޅައިގެން ވެސް ގިނަ މެޗުތަކެއްގައި ކުޅެފަ އެވެ. ނިއުގެ އިތުރުން ހަމްޕު ވަނީ ގައުމީ ޓީމުގައި ވެސް ލިބުނު ފުރުސަތުތަކުގައި ތަފާތު ދައްކައިފަ އެވެ. އަދި ގިނަ މެޗުތަކެއް ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނެވެ.
މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި މާޒިޔާ ދޫކޮށް ދިޔަ ކުޅުންތެރިންނަކީ ދަ ގްރާންޑޭ އަށް ސޮއިކުރި ޔަސްފާދު ހަބީބު (މުލަކޭ) އާއި ޓީސީ އަށް ބަދަލުވި އިސްމާއިލް އީސާ (މެސީ) އެވެ. އަދި އަހުމަދު އިމާޒް (އާއްކޮ) އާއި ގާސިމް ސައްމާމު (ސައްމެ)ގެ އެއްބަސްވުން ވެސް މާޒިޔާ އިން އާ ނުކުރާއިރު، ވަރަށް އަވަހަށް އެ ދެ ކުޅުންތެރިން ވެސް އެހެން ޓީމަކަށް ބަދަލުވާނެ އެވެ.
މިދިޔަ އަހަރު މާޒިޔާ އަށް ކޯޗުކޮށްދިން އިސްމާއިލް މަހަފޫޒް (އިންމަ) ވެސް މި އަހަރު އެ ޓީމުން ނުފެންނާނެ އެވެ. އިންމަ ވަނީ އަލަށް ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ދަ ގްރާންޑޭއާ ހަވާލުވެފަ އެވެ. ޓީމަށް އާ ކޯޗެއް ހަމަޖެއްސުމުގެ މަސައްކަތް މާޒިޔާ އިން އަންނަނީ ކުރަމުންނެވެ.