05 މާޗް 2019 - 07:36

މި އަހަރު ސިނަމާތަކަށް އަންނަ ޖޯން އަބްރަހަމްގެ ފުރަތަމަ ފިލްމު ރޯމިއޯ އަކްބަރު ވޯލްޓާ (ރޯ) ގެ ޓްރެއިލާ ދައްކާލައިފި އެވެ.
އޭނާ ޖާސޫސީ އެޖެންޓެއްގެ ރޯލުން ފެނިގެންދާ މި ފިލްމަކީ 1970 ގެ އަހަރުތަކުގެ ވާހަކައެއް ކިޔައިދޭ ތުރިލާއެކެވެ. ރޮބީ ގަރެވާލް ޑައިރެކްޓްކޮށްފައިވާ ފިިލްމުން ޖޯންގެ ތަފާތު ލުކްތަކެއް ވެސް ފެނިގެން ދާނެ އެވެ.
ފިލްމުގެ ނަމުން ދޭހަވާ ގޮތަށް އޭނާގެ މައިގަނޑު ތިން ކެރެކްޓާއަކުން ފެންނާނެ އެވެ.
މި ފިލްމުގެ ބަތަލާއަކީ މޯނީ ރޯއި އެވެ. އިތުރު ކާސްޓުންގެ ތެރޭގައި ޖެކީ ޝްރޮފް، ސިކަންދަރު ކޭރް އަދި ސުޗިތުރަ ކްރިޝްނަމުރުތީ ހިމެނެ އެވެ.
ކުރިން އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތާ އެކު ގެނެސް ދޭން އުޅުނު "ރޯ" ސިނަމާތަކަށް ގެނައުން ވަރަށް ބޮޑަށް ލަސްވެގެން ދިއުމުން، ފިލްމު ޖޯންއާ އެކު ސިނަމާތަކަށް އަންނާނީ އަންނަ މަހުގެ 5 ގަ އެވެ.
މި އަހަރު ރިލީޒްވާނެ ޖޯންގެ އިތުރު ފިލްމުތަކުގެ ތެރޭގައި އޮގަސްޓް 15 ގައި ރިލީޒް ކުރާ "ބަތުލާ ހައުސް" އާއި ޑިސެމްބަރު 6 ގައި ރިލީޒް ކުރާ "ޕާގަލްޕަންތީ" ހިމެނެ އެވެ.
ވިޕުލް ޝާހް ޕްރޮޑިއުސްކޮށް ގެނެސްދޭ އެކްޝަން ފިލްމު "ކޮމާންޑޯ" ގެ ތިން ވަނަ ބައި ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހު ސިނަމާތަކަށް ގެންނަން ނިންމައިފި އެވެ.
މި ފިލްމުގެ ޓީޒާއެއް ވެސް މިހާރު ދައްކާލައިފައިވާ އިރު، ކުރީ ދެބައިގައި ވެސް ބަތަލުގެ ރޯލް ކުޅުނު ވިދުޔަތު ޖަމްވަލް މި ފަހަރު ވެސް ފިލްމުން ފެނިގެން ދާނެ އެވެ. ބަތަލާއިންގެ ރޯލުން ދެވަނަ ބައިން ފެނިގެން ދިޔަ އަދާ ޝަރުމާ އާއި އަންގިރާ ދާރް އަދި ގުލްޝަން ދެވިއާ ވެސް ފެނިގެން ދާނެ އެވެ.
"ކޮމާންޑޯ 3" ގެ ޑައިރެކްޓަރަކީ އަދިތިޔާ ދަތު އެވެ. މި ސީރީޒްގެ ފުރަތަމަ ފިލްމު 2013 ގައި ގެނެސް ދިނުމަށް ފަހު ދެވަނަ ބައި ރިލީޒް ކުރީ 2017 ގަ އެވެ.
ވިދުޔަތުގެ ކުރިއަށް އޮތް ފިލްމަކީ އަންނަ މަހުގެ 5 ގައި ރިލީޒް ކުރާ އެޑްވެންޗަ ފިލްމު "ޖަންގްލީ" އެވެ. މީގެ ޓްރެއިލާ މާދަމާ ދައްކައިލާނެ އެވެ.
ކުރީގެ ބަތަލާ ޕަދުމިނީ ކޯލަޕޫރީގެ ފިރިހެން ދަރިފުޅު ޕްރިޔާންކް ޝަރުމާ އާއި ބޯޖްޕޫރީ އެކްޓަރު ރަވީގެ އަންހެން ދަރިފުޅު ރިވާ ކިޝަން ބޮލީވުޑަށް ތައާރަފު ކުރާ ފިލްމު "ސަބް ކުޝަލް މަންގަލް" ގެ ޝޫޓިން ރާންޗީގައި ފަށައިފި އެވެ.
ފިލްމުގެ ފުރަތަމަ ދުވަހުގެ ޝޫޓިންގައި ޕަދުމިނީ އާއި ރަވީ ވެސް ބައިވެރިވި އެވެ.
ހެއްވާ މަޖާ ހާދިސާއަކަށް ބިނާކޮށް ހަދާ "ސަބް ކުޝަލް މަންގަލް" އަކީ އަލަށް ޑައިރެކްޝަނަށް ނުކުންނަ ކަރަން ވިޝްވަނާތު ކޭޝަޕް ޑައިރެކްޓް ކުރާ ފިލްމެކެވެ. އޭނާ ކުރިން ވަނީ މަޝްހޫރު ބައެއް ޑައިރެކްޓަރުންނާ އެކު، އެސިސްޓަންޓެއްގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ.
އަދި ރިލީޒް ކުރާނެ ތާރީހެއް އިއުލާންކޮށްފައި ނުވާ "ސަބް ކުޝަލް މަންގަލް" ގެ ރޯލަކުން އަކްޝަޔޭ ކަންނާ ވެސް ފެނިގެން ދާނެ އެވެ.
މިދިޔަ އަހަރު "ކެދަރުނާތު" ގެނެސް ދިން ޑައިރެކްޓަރު އަބީޝެކް ކަޕޫރްގެ އައު ފިލްމު "ޝަރާބީ" ގެ ބަތަލުގެ ރޯލުން ފެނުމުގެ ފުރުސަތު ބޮޑީ ޝާހިދު ކަޕޫރާއި އަރުޖުން ކަޕޫރުން ތެރެއިން އެކަކު ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ފިލްމީ ހަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި އެ ދެ ތަރިންނަށް ފިލްމު ހުށަހެޅި ނަމަވެސް، އެއްވެސް ތަރިއަކު އަދި ފިލްމަށް ފެހި ސިގްނަލެއް ނުދެ އެވެ. ޝާހިދު މިވަގުތު އަންނަނީ ތެލެގޫ ފިލްމު "އަރުޖުން ރެޑީ" ގެ ހިންދީ ރިމެކް "ކަބީރު ސިންގް" ގެ މަސައްކަތް ކުރަމުންނެވެ.
އަރުޖުން އަންނަނީ "ޕާނިޕަޓް" ޝޫޓް ކުރަމުންނެވެ.
ޓީ ސީރީޒްއާ ގުޅިގެން އަބީޝެކް ގެނެސްދޭ ފިލްމުގެ ޝޫޓިން ވަރަށް އަވަހަށް ފަށަން ވަނީ ނިންމައިފަ އެވެ.