ސައިފް އަލީ ހާންގެ ހޮރޯ ކޮމެޑީއަކީ "ބޫތު ޕޮލިސް"
ސައިފް އަލީ ހާންގެ ހޮރޯ ކޮމެޑީއަކީ "ބޫތު ޕޮލިސް"

"ބޫތު ޕޮލިސް" ކިޔާ ހޮރޯ ކޮމެޑީއަކަށް ސައިފް އަލީ ހާން ސޮއިކޮށްފި އެވެ.

ސްޓާ ސްޓޫޑިއޯ އިން ޕްރޮޑިއުސްކޮށް، ޕަވަން ކިރްޕަލާނީ ޑައިރެކްޓް ކުރާ މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ފާތިމާ ސަނާ ޝެއިހާއި އަލީ ފަޒަލް ވެސް ހިމެނެ އެވެ. ޕަވަން ވަނީ މީގެ ކުރިން ވެސް ބިރުވެރި ފިލްމުތަކެއް ގެނެސްދީފަ އެވެ. އޭގެ ތެރޭގައި "ރާގިނީ އެމްއެމްއެސް 2" އާއި "ފޯބިއާ" ހިމެނެ އެވެ.

"ބޫތު ޕޮލިސް" ވެގެން ދާނީ ސައިފާއި ފާތިމާ އަދި އަލީގެ ވެސް ފުރަތަމަ ހޮރޯ ކޮމެޑީއަށެވެ. މި ފިލްމުގެ ޝޫޓިން ފަށަން އަންނަ އޮގަސްޓް މަހަށް ތާވަލުކޮށްފައިވާ އިރު، 3ޑީ ފޯމެޓްގައި ގެނެސްދޭ "ބޫތު ޕޮލިސް" ސިނަމާތަކަށް އަންނާނީ އަންނަ އަހަރު ކަމަށް ބެލެވެ އެވެ.

މިދިޔަ އަހަރު ރިލީޒްކޮށް، ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި "އިސްތިރީ" އަށް ފަހު، ހޮރޯ ކޮމެޑީ ޖޯންރާގެ ފިލްމުތަކަށް ބޮލީވުޑްގައި ވަރަށް ބޮޑު ސަމާލު ކަމެއް ވަނީ ހުއްޓިފަ އެވެ. އެގޮތުން އެ ފިލްމު ގެނެސްދިން މެޑޮކްސް ފިލްމްސް އިން އަންނަ އަހަރު "ރޫހު،އަފްޒާ" ކިޔާ ހޮރޯ ކޮމެޑީއެއް ގެނެސްދޭނެ އެވެ.

އަދި އަކްޝޭ ކުމާރު ވެސް "ލަކްޝްމީ" ކިޔާ ހޮރޯ ކޮމެޑީއަކަށް ސޮއިކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

މިދިޔަ އަހަރު ރިލީޒް ކުރި "ބާޒާރު" އިން ފެނިގެން ދިޔަ ސައިފް މިހާރު އަންނަނީ އަޖޭ ދޭވްގަންއާ އެކު ތާރީހީ ހަނގުރާމަ ފިލްމު "ތާނަޖީ: ދި އަންސަންގް ވޮރިއާ" ގެ މަސައްކަތް ކުރަމުންނެވެ. އޭނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި އަމިއްލަ އަށް ޕްރޮޑިއުސް ކުރާ "ޖަވާނި ޖާނެމަން" ވެސް ހިމެނެ އެވެ.

ފާތިމާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި އަނޫރާގް ބާސޫ ސެޕްޓެމްބަރު ގެނެސްދޭ އެންތޮލޮޖީ ފިލްމު ހިމެނެ އެވެ.

އަލީގެ "މިލަން ޓޯކީޒް" މި މަހުގެ 15 ގައި ސިނަމާތަކަށް އަންނާނެ އެވެ.