04 މާޗް 2019 - 10:23

ނޭޕްލްސް (މާޗް 4) – ދެ ވަނައިގައި އޮތް ނަޕޯލީ އަތުން 2-1 އިން މޮޅުވެ އިޓާލިއަން ލީގުގެ އެއް ވަނައިގައި ޔުވެންޓަސް އިން 16 ޕޮއިންޓުގެ ލީޑެއް ނަގައި ލީގު ކާމިޔާބުކުރުމާ ގާތަށް ޖެހިލައިފި އެވެ.
ޔުވެންޓަސް އެއް ވަނައިގައި އޮތީ 72 ޕޮއިންޓާ އެކު އެވެ. ނަޕޯލީ އަށް ލިބިފައިވަނީ 56 ޕޮއިންޓެވެ. ބާކީ އޮތީ 12 މެޗެވެ. އެ ދެ ޓީމާ އެންމެ ގާތުގައި ތިން ވަނައިގައި 48 ޕޮއިންޓާ އެކު އޮތީ އޭސީ މިލާނެވެ.
ނަޕޯލީގެ ސްޓޭޑިއަމުގައި ކުޅުނު މެޗުގެ 25 ވަނަ މިނެޓުގައި ނަޕޯލީގެ ގޯލްކީޕަރު އެލެކްސް މެރެޓް އަށް ވަނީ ރަތްކާޑެއް ދައްކައިފަ އެވެ. އެއީ ނަޕޯލީގެ ޑިފެންސް ލައިނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ޔުވެންޓަސްގެ ކްރިސްޓިއާނޯ ރޮނާލްޑޯ މުޅިން ހުހަށް އަރައި މެރެޓް ކައިރިން ނައްޓާލި ވަގުތު ހުރަސް އަޅައި ވައްޓާލުމުންނެވެ. އެ ބޯޅައިން ލިބުނު ހިލޭ ޖެހުމަކުން ޔުވެންޓަސްގެ މިރެލަމް ޕިޔަނިޗް ވަނީ ގޯލް ޖަހައިފަ އެވެ. ޔުވެންޓަސް އިން ލީޑު ފުޅާކުރީ 39 ވަނަ މިނެޓުގައި އެމްރޭ ޗޭން ޖެހި ގޯލުންނެވެ.
ދެ ވަނަ ހާފުގެ ވަރަށް ކުރީކޮޅު ޔުވެންޓަސްގެ ޕިޔަނިޗަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރެފްރީ ރަތެއް ދެއްކި އެވެ. އެއާ އެކު ކުޅުންތެރިންގެ ގޮތުން ދެ ޓީމު އަނެއްކާ ވެސް ހަމަހަމަވި އެވެ. އަދި ނަޕޯލީގެ ހޯސޭ ކަލެޔޮން 61 ވަނަ މިނެޓުގައި ގޯލް ޖަހައި ތަފާތު ވެސް ކުޑަކުރި އެވެ. އެކަމަކު ޔުވެންޓަސް އިން ވަނީ ނަތީޖާ ދަމަހައްޓައިފަ އެވެ.