05 މާޗް 2019 - 07:37

ކުޅަދާނަ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ އަށް ބޮޑުބޭބެ ކިޔާ ޝަރުމިން ސޭގަލް ބޮލީވުޑަށް ތައާރަފުކުރާ ފިލްމުގެ ނަމަކީ "މަލާލް" ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މަޝްހޫރު އެކްޓަރު އަދި ކޮމީޑިއަން ޖާވިދު ޖެފްރީގެ ފިރިހެން ދަރިފުޅު މީޒާން ޖެފްރީއާ އެކު ޝަރުމިން ބޮލީވުޑަށް ދޫކޮށްލާ ފިލްމުގެ ޝޫޓިން ވެސް މިހާރު ފަށާފައިވާ އިރު، ފިލްމާ ބެހޭ މާ ބޮޑު ތަފުސީލެއް އަދި ހާމައެއް ނުކުރެ އެވެ.
ނަމަވެސް ފިލްމީ ހަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނާ ގޮތުގައި "މަލާލް" އަކީ ބަންސާލީގެ ސިގްނޭޗާ ސްޓައިލް ކަމަށްވާ އިންޑިއާ ރަހަގަނޑު ބޮޑު އަދި ހިތްގައިމު ބިޔަ ސެޓްތަކެއްގައި ޝޫޓް ކުރާ ފިލްމެކެވެ.
ބަންސާލީގެ އާއިލާ އިން ފުރަތަމަ ފަހަރަށް ފިލްމީ ތަރިއަކު ބެލުންތެރިންނަށް ދޫކޮށްލާ އިރު، ޝަރުމިންއަކީ ބަންސާލީގެ ކޮއްކޮ ބޭލާ ސޭގަލްގެ ދަރިއެކެވެ.
މި އަހަރުގެ މެދު ތެރޭގައި ރިލީޒް ކުރަން އަމާޒު ހިފާފައިވާ ފިލްމާ ބެހޭ ގޮތުން މީޒާން ބުނީ ބަންސާލީގެ ފިލްމަކުން ބޮލީވުޑަށް ނުކުތުމަކީ އެކްޓަރަކަށް ލިބޭނެ އެންމެ ބޮޑު ޝަރަފު ކަމަށެވެ.
"އެންމެ ބޮޑު އުފަލަކީ ސީދާ ސަންޖޭ ސާގެ އިރުޝާދާއި ބެލުމުގެ ދަށުން ފިލްމީ ކެރިއަރު ފަށައި ގަނެވޭތީ،" ބަންސާލީ ޕްރޮޑިއުސް ކުރާ ފިލްމާ ބެހޭ ގޮތުން އޭނާ ބުންޏެވެ.
މީޒާންއާ ބެހޭ ގޮތުން ބަންސާލީ ޕްރޮޑަކްޝަންގެ ސީއީއޯ ޕްރޭރްނާ ސިންގް ބުނީ އަލަށް ނެރޭ އެކްޓަރާ އެކު ބަންސާލީ ތިން ފިލްމެއްގެ ޑީލެއް ހަދާފައިވާ ކަމަށެވެ. އަދި "މަލާލް" އަކީ އޭގެ ތެރެއިން ފުރަތަމަ ފިލްމު ކަމަށް ވެސް ބުންޏެވެ.
"މަލާލް" އަކީ 2011 ގައި ރިލީޒް ކުރި "ދޭކް އިންޑިއާ ސާކަސް" ގެ ޑައިރެކްޓަރު މަންގޭޝް ހަޑަވާލޭ ޑައިރެކްޓް ކުރާ ފިލްމެކެވެ.
މިދިޔަ އަހަރު "ޕަދުމާވަތު" ގެނެސް ދިން ބަންސާލީ މިހާރު އަންނަނީ ސަލްމާން ހާނާ އެކު ފިލްމެއް ޑައިރެކްޓް ކުރަން ވެސް ތައްޔާރުވަމުންނެވެ.