އިރުފާން ހާނަށް ހުށަހެޅި ފިލްމެއް ވެސް ވިކީ ކޯޝަލް އަށް
އިރުފާން ހާނަށް ހުށަހެޅި ފިލްމެއް ވެސް ވިކީ ކޯޝަލް އަށް

އިންޑިއާގެ ކުރީގެ އެސްޓްރޮނޯޓް ރާކޭޝް ޝަރުމާގެ ބައޮގްރަފިކަލް ޑްރާމާ "ސާރޭ ޖަހާ ސެ އައްޗާ" ޝާހްރުކް ހާން ދޫކޮށްލުމުން، ޒުވާން އެކްޓަރު ވިކީ ކޯޝަލް އަށް އެ ފިލްމު ހުށަހަޅާފައިވާ ކަމަށް މީޑިއާތަކުން ކުރިން ވަނީ ރިޕޯޓްކޮށްފަ އެވެ. މިހާރު ބުނަނީ ކުރިން އެހެން އެކްޓަރަކަށް ހުށަހެޅި ބައޮޕިކަކަށް ވެސް ވިކީ ސޮއިކޮށްފި ކަމަށެވެ.

އިރުފާން ހާނަށް ހުށަހެޅި ފިލްމެއް ވެސް ވިކީ ކޯޝަލް އަށް
އިރުފާން ހާނަށް ހުށަހެޅި ފިލްމެއް ވެސް ވިކީ ކޯޝަލް އަށް

އޭނާ މި ފަހަރު ސޮއިކުރީ މިދިޔަ އަހަރު ވަރުން ދަވަންއާ އެކު "އޮޮކްޓޯބާ" ގެނެސް ދިން ސުޖިތު ސިރުކާސް، އިރްފާން ހާނާ އެކު ހަދަން ނިންމި، އިންޑިއާގެ މިނިވަންކަމަށް މަސައްކަތް ކުރި އުދަމް ސިންގްގެ ވާހަކަ ކިޔައިދޭ ފިލްމެވެ.

މި ފިލްމު ވިކީ އަށް ހުށަހެޅިކަން ކަށަވަރުކޮށް ދެމުން، "ޕީކޫ" އާއި "ވިކީ ޑޯނާ" ފަދަ ކާމިޔާބު ފިލްމުތައް ގެނެސް ދިން ސުޖިތު ޑެކަން ކްރޮނިކަލް އަށް ބުނީ ވިކީއަކީ އޭނާގެ ފިލްމަށް އެންމެ ފިޓް އެކްޓަރު ކަމަށެވެ.

"އޭނަގެ ޓްރެކް ރިކޯޑަށް ބަލައިފި ކަމަށް ވަންޏާ ވަރަށް ތަފާތު އެކި ކަހަލަ ރޯލްތައް ކުޅެގެން މޮޅު އެކްޓަރެއްކަން އަންނަނީ ސާބިތުކޮށް ދެމުން. އަހަރެން އުދަމް ސިންގްގެ ބައޮޕިކަކަށް ބޭނުން ވަނީ ވިކީ ކަހަލަ އެކްޓަރެއް،" އޭނާ ބުންޏެވެ. "އަނެއް ކަމަކީ އުދަމްއާ އެއްގޮތަށް ވިކީއަކީ ވެސް ޕަންޖާބީއަކަށްވުން. އެހެންވީމާ އެ ރޯލް ކުޅެން ޒުވާން އެކްޓަރަކަށް ވިކީ ވަރަށް ވެސް ބަރާބަރު."

އިންޑިއާގެ އެންމެ ހުނަރުވެރި ޑައިރެކްޓަރުންގެ ތެރޭގައި ހިމެނޭ ސުޖިތުގެ ފިލްމަކުން ފުރުސަތު ލިބުމުން ވިކީ ވެސް ހުރީ ވަރަށް އުފަލުންނެވެ.

"މިއީ ހަގީގަތުގައި ހުވަފަނެއް ހަގީގަތަކަށްވުން ކަހަލަ ކަމެއް. ސުޖިތު ސާ އަކީ އަހެރެންގެ ވިޝް ލިސްޓްގައި އިން ޑައިރެކްޓަރެއް. ވަރަށް އުފާވެފައި މި ހުރީ އެކުގައި މަސައްކަތްކޮށްލަން ފުރުސަތު ލިބުނީމަ،" މި އަހަރުގެ އެންމެ ކާމިޔާބު ފިލްމު ކަމަށްވާ "އުރީ: ދަ ސާޖިކަލް ސްޓްރައިކް" ގެ ބަތަލު ބުންޏެވެ.

ވިކީ ބުނި ގޮތުގައި އުދަމް ސިންގް ކަހަލަ ވަރުގަދަ ޝަހުސިއްޔަތެއްގެ ރޯލް ކުޅެން ލިބުމަކީ ވެސް ފަހުރެކެވެ. އަދި އޭނާގެ ވާހަކަ ބެލުންތެރިންގެ ހިތްތަކާ ކުޅެލާ ގޮތަށް ސުޖިތު ގެނެސް ދޭނެކަމާ ދޭތެރޭ އެއްވެސް ޝައްކެއް ވެސް ނެތް ކަމަށް ބުންޏެވެ.

އިންޑިއާ އަށް މިނިވަންކަން ލިބުމުގެ ހަތް އަހަރު ކުރިން ޖުލައި، 31، 1940 ގައި އުދަމް ސިންގް، 41، އިނގިރޭސިވިލާތުގެ ޖަލެއްގައި މަރައިލީ ޕަންޖާބް ސްޓޭޓްގެ ލެފްޓިނަންޓް ގަވަރުނަރުކަން ކުރި މައިކަލް ޑިޔާ އެވެ. އޭނާ މަރައިލީ 1919 ގައި ޕަންޖާބްހެ އަމްރިތުސާގައި އިނގިރޭސިންނާ ދެކޮޅަށް ހިންގި ޖަލިއަންވާލާ ބާގް ގަތުލުއާންމުގެ ބަދަލު ހިފުމެއްގެ ގޮތުގަ އެވެ.

އުދަމް ސިންގްގެ ވާހަކަ ކިޔައިދޭ ފިލްމެއް ސުޖިތު ހަދަން ނިންމައި، އިރުފާނަށް ފިލްމު ހުށަހެޅީ އޭނާ ފަރުވާއަކަށް އިނގިރޭސިވިލާތުގައި ހުއްޓައި މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ތެރޭގަ އެވެ. ނަމަވެސް ވިކީއާ އެކު ފިލްމެއް ހަދަން ނިންމީ، އިރުފާން ފަރުވާ އަށް ފަހު އަލުން ފިލްމީ މަސައްކަތްތައް އެނބުރި އަންނާނެ ވަގުތެއް ކަށަވަރު ނުވާތީ، ފިލްމު ލަސްކުރަން ބޭނުން ނުވާތީ އެވެ.

އަންނަ މަހު ޝޫޓިން ފަށާ އުދަމް ސިންގް ސިނަމާތަކަށް ގެންނާނީ 2020 ގަ އެވެ.

ވިކީ މި ވަގުތު އަންނަނީ ކަރަން ޖޯހަރު ވެސް އަންނަ އަހަރު ގެނެސްދޭ ތާރީހީ ލޯބީގެ ފިލްމު "ތަހުތު" ގެ މަސައްކަތް ފަށަން ވެސް ތައްޔާރުވަމުންނެވެ.