04 މާޗް 2019 - 09:04

މެޑްރިޑް (މާޗް 4) - ތިން މިނިޓް ތެރޭ އަލްވާރޯ މޮރާޓާ ޖެހި ދެ ލަނޑުން ސްޕެނިޝް ލީގުގައި ރޭ ރެއާލް ސޮސިއެޑާޑް އަތުން 2-0 އިން އެތުލެޓިކޯ މެޑްރިޑުން މުހިއްމު މޮޅެއް ހޯދައިފި އެވެ.
ރޭގެ މެޗަށް ނުކުތްއިރު މެޗުން ނަތީޖާ ނެރުމަށް މުހިއްމު ދެ ސަބަބެއް އޮތެވެ. އެއީ ލީގަށް ވާދަކުރުމުގެ ގޮތުން އެއް ވަނައިގައި އޮތް ބާސެލޯނާގެ ލީޑު ހަނިކުރުމާއި ދެ ވަނައިގައި ފަސް ޕޮއިންޓަށް ލީޑެއް ނެގުމެވެ. އެތުލެޓިކޯ މޮޅުވުމުން ބާސެލޯނާ ލީޑު ވަނީ ހަތް ޕޮއިންޓަށް ކުޑަވެފަ އެވެ.
ލީގުގެ އެއް ވަަނައިގައި ބާސެލޯނާ އޮތީ 26 މެޗުން 60 ޕޮއިންޓާ އެކު އެވެ. އެތުލެޓިކޯ ދެ ވަނައިގައި އޮތީ 26 މެޗުން 53 ޕޮއިންޓް ހޯދައިގެންނެވެ. ތިން ވަނައިގައި އޮތް ރެއާލަށް 26 މެޗުން ވަނީ 48 ޕޮއިންޓް ލިބިފަ އެވެ.
ޗެލްސީން ލޯން އެއްބަސްވުމެއްގެ ދަށުން އެތުލެޓިކޯ އަށް ކުޅެމުން އަންނަ މޮރާޓާ އެންމެ ފުރަތަމަ އެ ޓީމަށް ކުޅެދިން މެޗުތަކުގައި އެންމެ ރަނގަޅު ކުޅުމެއް ނުދެއްކުނެވެ. އެކަމަކު ފަހަކަށް އައިސް އޭނާ އަންނަނީ ފޯމަަކަށް އެޅެމުންނެވެ. ރޭގެ މެޗުގެ 30 ވަނަ މިނިޓްގައި މޮރާޓާ، އެތުލެޓިކޯ އަށް ލީޑުނަގައިދިންއިރު، އަނެއް ލަނޑު ޖެހީ އޭގެ ތިން މިނިޓް ފަހުންނެވެ.
މި މެޗުގައި އެތުލެޓިކޯ އަށް އެންމެ ބޮޑު އުނދަގޫތަކެއް ކުރިމަތިވީ މެޗުގެ 60 ވަނަ މިނިޓްގައި އެ ޓީމުގެ ސްޕެއިން މިޑްފީލްޑަރު ކޯކޭ އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ދެއްކުމުންނެވެ. އެއާ އެކު އެތުލެޓިކޯ އިން މެޗުގެ ބާކީބައިގައި ފަހަތަށް ޖެހިގެން ކުޅެ މެޗު ކާމިޔާބުކުރި އެވެ.
ރޭގެ މެޗަށް ފަހު އެތުލެޓިކޯގެ ކޯޗު ޑިއޭގޯ ސިމިއޯނީ ވަނީ މޮރާޓާ އަށް ތައުރީފްކޮށްފަ އެވެ.
"ވަރަށް ގިނަ ބަަޔަކު ސުވާލުއުފެއްދި އަހަރެމެން މޮރާޓާ ގެނައީމަ. މި ޓީމުގައި ފޯވާޑުން ގިނައިރު މޮރާޓާ ގެންނަން ޖެހޭ ބޭނުމެއް ނެތް ކަމަށް ވެސް ބުނި. އެކަމަކު ހަގީގަތް އަހަރެމެންނަށް އެބަފެނޭ. މޮރާޓާ އަންނަނީ މި ޓީމަށް ތަފާތެއް ގެންނަމުން. އަހަރެމެންނަށް އޭނާ މުހިއްމު،" ސިމިއޯނީ ބުންޏެވެ.
ރޭގެ ނަތީޖާއާ އެކު އެތުލެޓިކޯ ވަނީ ލީގުގައި ޖެހިޖެހިގެން ތިން މެޗުން މޮޅުވެފަ އެވެ. ލީގުގެ ރޭހުގައި ބާސެލޯނާއާ ވާދަކުރަމުން އަންނަނީ އެތުލެޓިކޯ އެވެ. އެކަމަކު ސިމިއޯނީ ވަނީ އެކަމާ ބެހޭގޮތުން ވާހަކަ ދައްކަން ދެކޮޅު ހަދައިފަ އެވެ.
"އެއް ވަނައިގައި އޮތް ޓީމު (ބާސެލޯނާ) އޮތީ ވަރަށް ފޯމުގައި ހަަމަޖެހިގެން. އަހަރެމެން މި މަސައްކަތްކުރަނީ މައްޗަށް ދާން،" ސިމިއޯނީ ބުންޏެވެ.