ތިން ވަނަ ހޯދައި މަރީ މެރެތަން ރެކޯޑް މުގުރާލައިފި
ތިން ވަނަ ހޯދައި މަރީ މެރެތަން ރެކޯޑް މުގުރާލައިފި

ތުރުކީގެ ރަންއެޓޯލިއާ މެރެތަންގައި މިއަދު ރާއްޖޭގެ މަރިޔަމް އަބްދުލްކަރީމް (މަރީ) ދުވެ، އަންހެން ބައިގެ ތިން ވަނަ ހޯދައި ގައުމީ މެރެތަން ރެކޯޑް ދެ ވަނަ ފަހަރަށް މުގުރާލައިފި އެވެ.

މިދިޔަ އަހަރުގެ ދުބާއީ މެރެތަންގައި 3 ގަޑި 34:24 މިނެޓުން ދުވެ ހެދި ރެކޯޑް އޭނާ މިއަދު މުގުރާލީ، 3 ގަޑި 30:32 މިނެޓުން ދުވެގެންނެވެ. އެއާ އެކު އޭނާ އަށް ވަނީ ރޭހުގެ އަންހެން ބައިގެ ތިން ވަނަ ލިބިފަ އެވެ.

ކަސްރަތު އިންސްޓްރަކްޓަރެއްގެ ވަޒީފާ އަދާކުރަމުން ހުސް ވަގުތު ދުވާ އުމުރުން 43 މަރީ ދުވުމުގެ ތެރެއަށް ވަންތާ ހަތަރު އަހަރުވީ އޭނާ ވަނީ އެތުލެޓިކްސްގައި ރޯޑް ރޭސްތަކަށް ހާއްސަ ފަސް އިވެންޓުގެ ގައުމީ ރެކޯޑުގެ ހައްގުވެރިކަން ހޯދައިފަ އެވެ. އެއީ ފަސް ކިލޯމީޓަރު، 10 ކިލޯމީޓަރު، 20 ކިލޯމީޓަރު، ހާފް މެރަތަން (21 ކިލޯމީޓަރު) އަދި މެރެތަން (42 ކިލޯމީޓަރު) އެވެ. ރާއްޖޭގެ މެރެތަން ރެކޯޑް ހަދާފައިވާ ޑރ. ހުސެއިން ހަލީމް (ކުޑަހުސެން) ގެ ކޭއެޗް ސްޕޯޓްސް އެކަޑަމީން ތަމްރީންވާ މަރީ ދަތުރުކޮށްފައިވާ ހިސާބަށް ދިވެހި އެހެން ދުވުންތެރިޔަކަށް ދެވިފައެއް ނުވެ އެވެ.

މަރީ މިދިޔަ އަހަރުގެ ދުބާއީ މެރެތަންގައި މުގުރާލީ، ހުޅުމާލޭގައި 2007 ވަނަ އަހަރުގެ ޑިސެމްބަރު މަހު ބޭއްވި އެމްޓީސީ މެރެތަންގައި ޒުލޭހާ އަލީ 3 ގަޑި 48 މިނެޓުން ހެދި ރެކޯޑެވެ.

މަރީ ފަސް ކިލޯމީޓަރުގެ ރެކޯޑް ގާއިމްކުރީ 2017 ވަނަ އަހަރުގެ ނޮވެމްބަރު މަހު ދިރާގު މޯލްޑިވްސް ރޯޑް ރޭހުގައި 20:47 މިނެޓުން ދުވެގެންނެވެ. ކުރިން ރެކޯޑް އޮތީ މަޝްހޫރު ދުވުންތެރިއާ ސަމްހާ އަހުމަދުގެ އަތުގަ އެވެ.

ރާއްޖޭގެ އަންހެނުންގެ 10 ކިލޯމީޓަރު، 20 ކިލޯމީޓަރު އަދި ހާފް މެރެތަން ދުވުމުގެ ރެކޯޑް މަރީ ހެދީ 2017 ވަނަ އަހަރު އޮސްޓްރޭލިއާގައި އޮތް ގޯލްޑްކޯސްޓް އެއާޕޯޓް މެރެތަންގަ އެވެ. އޭނާ 2016 ވަނަ އަހަރު ދިރާގު ރޯޑް ރޭހުގައި 44:18 މިނެޓުން ދުވެގެން ހެދި ފަސް ކިލޯމީޓަރުގެ ރެކޯޑް އާކުރީ ގޯލްޑްކޯސްޓް މެރެތަންގެ ހާފް މެރެތަން ރޭހުގައި 10 ކިލޯމީޓަރުގެ ރާސްތާ 44:07 މިނެޓުން ކަޑައްތުކޮށްގެންނެވެ. ހަމަ އެ އިވެންޓުގައި އޭނާ ހާފް މެރެތަން ރެކޯޑް ހެދީ 1 ގަޑި 34 މިނެޓުންނެވެ. ކުރިން އެ ރެކޯޑް އޮތީ 1 ގަޑި 42 މިނެޓުން ދުވެފައިވާ ސަމްހާ އަތުގަ އެވެ.

ވިހި ކިލޯމީޓަރަކީ، އެހާ އާއްމު ނޫން އިވެންޓެއް ނަމަވެސް އެއީ ވެސް އިންޓަނޭޝަނަލް އެސޯސިއޭޝަން އޮފް އެތުލެޓިކްސް ފެޑެރޭޝަން (އައިއޭއޭއެފް) އިން ބަލާ އަދި ރާއްޖޭގައި ވެސް މިހާރު ރަސްމީކޮށް ޓައިމިން ރެކޯޑްކުރެވޭ އިވެންޓެކެވެ.

ކުރީގެ އެއް ވަނަ ދުވުންތެރިޔާ ނަސީރު އިސްމާއިލްގެ ރަނާސް މޯލްޑިވްސްގެ ތެރެއިން ދުވުމުގެ ތެރެއަށް ނުކުތް މަރީ އަކީ ހީޓް ހެލްތު އެންޑް ފިޓްނަސްގެ ފުލް ޓައިމް ކަސްރަތު އިންސްޓްރަކްޓެކެވެ. އެކަމަކު އޭނާ ވަނީ 2015 ވަނަ އަހަރު ފުރަތަމަ ފަހަރަށް ގައުމީ ކަސްރަތު މުބާރާތުގައި ވާދަކޮށް 5000 މީޓަރު ދުވުމުންނާއި 1500 މީޓަރު ދުވުމުން ރަން މެޑަލް ހޯދައިފަ އެވެ. މަރީ ވަނީ 2016 ވަނަ އަހަރުގެ ގައުމީ މުބާރާތުގައި ވާދަކޮށް ތިން ރަން މެޑަލާ އެކު އެންމެ މޮޅު އެތުލީޓުގެ އެވޯޑް ހޯދައި އެންމެން ހައިރާންކޮށްލައިފަ އެވެ. އެ މުބާރާތުގައި 5000 މީޓަރު ދުވުން 21 މިނެޓު 52 ސިކުންތުން މަރީ ނިންމި އިރު އެއީ ރާއްޖޭގެ ގައުމީ އެތުލެޓިކްސް މުބާރާތުގައި އަންހެން ދުވުންތެރިޔަކު އެ އިވެންޓް ނިންމި އެންމެ އަވަސް ވަގުތެވެ.