03 މާޗް 2019 - 20:47

ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމުގެ ބިލަށް އާންމުންގެ ހިޔާލު ހޯދަން ހުޅުވާލައިފި އެވެ.
އިކޮނޮމިކް މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ އެ ބިލުމުގެ ބޭނުމަކީ ވިޔަފާރި ތަކުގެ މެދުގައި ވާދަވެރިކަން ހަނިވާ ގޮތަށް ހިންގާ ވިޔަފާރީގެ އަމަަލުތަކުގެ ސަބަބުން ގައުމުގެ އިގްތިސާދީ ކުރިއެރުމަށް ނޭދެވޭ އަސަރު ކުރުން ހުއްޓުވުން ކަމަށެވެ.
ބިލަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 11 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. އިކޮނޮމިކް މިނިސިްޓްރީގެ އީމެއިލަށް ވެސް ބިލާ ބެހޭ ހިޔާލްތައް ފޮނުވޭނެ އެވެ.
އެ ބިލުގައި، ވިޔަފާރީގެ ވާދަވެރިކަމަށް ހުރަސް އަޅާ އެއްބަސްވުންތަކާއި ވިޔަފާރީގެ އަމަލުތައް މަނާކުރުމާއި މާކެޓުގައި ނުފޫޒު ފޯރުވޭނޭ މަގާމެއް ލިބިފައިވާ ވިޔަފާރިއަކުން އެފަދަ މަގާމެއްގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރުން މަނާ ކުރެވޭނެ ނިޒާމެއް ގާއިމް ކުރެވޭނެ ގޮތް ކަނޑައެޅިގެންދާނެ ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.
އެ މިނިސްޓްރީން ބުނިގޮތުގައި އެއް ވިޔަފާރިއެއް އަނެއް ވިޔަފާރިއަކާ ގުޅުމުގެ ސަބަބުން ވިޔަފާރީގެ ދާއިރާގެ ވާދަވެރިކަމަށް އާދަޔާ ހިލާފަށް ހުރަސްއެޅިގެންދާ ދިޔުން ކޮންޓްރޯލު ކުރުމުގެ ގޮތުން ކަމާ ބެހޭ އުސޫލުުތައް އެކުލަވާލުމަށް ވެސް އެ ބިލުގެ ތެރެއިން މަގުފަހިވެގެންދާނެ އެވެ. ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމާބެހޭ ކަންކަން ބަލަހައްޓާ އިދާރާގެ ބާރުތަކާއި މަސްއޫލިއްޔަތުތައް ވެސް އެ ބިލުގައި ބަޔާންކުރެވޭނެ އެވެ.