ސަބްމެރިންއާ ބެހޭ މައުލޫމާތު ލީކު ކުރުމަކީ ގައުމީ ސަލާމަތަށް ނުރައްކަލެއް ނޫން: އިންޑިއާ
ސަބްމެރިންއާ ބެހޭ މައުލޫމާތު ލީކު ކުރުމަކީ ގައުމީ ސަލާމަތަށް ނުރައްކަލެއް ނޫން: އިންޑިއާ

ނިއު ދިއްލީ (އޮގަސްޓް 27) - ފްރާންސްގެ ސަބްމެރިން އުފައްދާ ކުންފުނި ޑީސީއެންއެސް އިން އިންޑިއާ އަށް އުފައްދާ ސަބްމެރިންނާ ބެހޭ މައުލޫމާތު ލީކު ކުރުމަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ނޫން ކަމަށް އިންޑިއާ އިން ބުނެފި އެވެ.

ސްކޯޕީން ކްލާސްގެ ސަބްމެރިންނާ ބެހޭ 22،000 ސަފުހާގެ މައުލޫމާތު ވަނީ ލީކުކޮށްލައިފަ އެވެ. މި ސިއްރު މައުލޫމާތު ލީކުކޮށްފައި ވަނީ އޮސްޓްރޭލިއާގެ މީޑިއާ އިންނެވެ.

ސްކޯޕީން ހަ ސަބްމެރިން ބަނުމަށް ޑީސީއެންއެސް އާއި އިންޑިއާއާ އެކު އެއްބަސްވުމަކަށް އައީ 2005 ވަނަ އަހަރު އެވެ. އިންޑިއާ ސަރުކާރު ކުންފުންޏަކާ ގުޅިގެން އުފައްދާ މި ސަބްމެރިންތަކުގެ އަގަށް 2.6 ބިލިއަން ޑޮލަރު އަރަ އެވެ.

ސަބްމެރިންނާ ބެހޭ މައުލޫމާތު ލީކުވި ގޮތެއް ނޭނގެ އެވެ. ނަމަވެސް މި މައްސަލަ ތަހުގީގުކޮށް އެ މައުލޫމާތު އިންޑިއާއާ ހިއްސާކުރަން ވަނީ ފްރާންސަށް އަންގައިފަ އެވެ.

"އޮސްޓްރޭލިއާގެ ވެބްސައިޓް މެދުވެރިކޮށް ލީކުކުރި ސަބްމެރިންއާ ބެހޭ މައުލޫމާތުތައް ވަނީ ދިރާސާކޮށްފައި. އޭގައި ނެތް އިންޑިއާގެ ސަލާމަތަށް ނުރައްކާވާ ފަދަ އެއްވެސް މައުލޫމާތެއް،" އިންޑިއާގެ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

އިންޑިއާގެ ދިފާއީ ތަޖްރިބާކާރަކު ދި ހިންދޫ ނޫހަށް ބުނީ ލީކުވި މައުލޫމާތަކީ އިންސްޓްރަކްޝަން މެނުއަލެއް ފަދަ މައުލޫމާތުތަކެއް ކަމަށާއި އޭގައި ނުރައްކަލެއް ނެތް ކަމަށެވެ.

ޑީސީއެންއެސް އަށް ވަނީ އޮސްޓްރޭލިއާ އިން ވެސް ސަބްމެރިން ބަނުމުގެ ކޮންޓްރެކްޓެއް ލިބިފަ އެވެ. ނަމަވެސް ލީކުވި މައުލޫމާތުގެ ތެރޭގައި އޮސްޓްރޭލިއާ އަށް އުފައްދާ ޝޯޓްފިން ބަރަކޫޑާ ކްލާސް ސަބްމެރިންއާ ބެހޭ މައުލޫމާތެއް ނުހިމެނެ އެވެ.