މިލިންދު ސޯމަން ރާއްޖޭގައި: "ރީތި ގައުމެއް، ދުވެލަން ވެސް އަންނަން ޖެހޭ ތަނެއް"
މިލިންދު ސޯމަން ރާއްޖޭގައި: "ރީތި ގައުމެއް، ދުވެލަން ވެސް އަންނަން ޖެހޭ ތަނެއް"

މޯލްޑިވްސް އިންޓަނޭޝަނަލް މެރެތަން އަކީ ދިވެހިން ދުވުމަށް ލޯބި ޖެއްސުމުގެ އިތުރުން، ރާއްޖޭގެ ރީތިކަން ބެލުން ނޫން އެހެން ސަބަބަކަށް ދުނިޔޭގެ އެކިކަންކޮޅުތަކުން މީހުން މި ގައުމަށް އައުމަށް އެޅޭނެ ބާރަކަށް ވާނެ ކަމަށް މި މެރެތަންގެ އިންޓަނޭޝަނަލް އެމްބެސެޑަރު އިންޑިއާގެ ސުޕަ މޮޑެލް އަދި ފިލްމީ ތަރި މިލިންދު ސޯމަން ބުނެފި އެވެ.

މިލިންދު ސޯމަން ރާއްޖޭގައި: "ރީތި ގައުމެއް، ދުވެލަން ވެސް އަންނަން ޖެހޭ ތަނެއް"
މިލިންދު ސޯމަން ރާއްޖޭގައި: "ރީތި ގައުމެއް، ދުވެލަން ވެސް އަންނަން ޖެހޭ ތަނެއް"

ކުރިއަށް އޮތް ހަފުތާ ބަންދުގައި ހުޅުމާލޭގައި ބާއްވާ މި މެރެތަންގައި ބައިވެރިވުމަށް މިއަދު މެންދުރުފަހު ރާއްޖެ އައިސް، އިވެންޓުގެ އޮންލައިން މީޑިއާ ޕާޓްނަރު "މިހާރު" ގެ ނޫސްވެރިން ގާތު ސޯމަން ބުނީ ރާއްޖޭގައި ދުވެ، ރާއްޖޭގެ ހިތްގައިމު ގޮނޑުދޮށުން ހިތްހަމަޖެހުން ހޯދައި ކަނޑު އަޑި ބެލުމަށް ކެތްމަދުވެފައިވާ ކަމަށެވެ.

މިލިންދު ސޯމަން ރާއްޖޭގައި: "ރީތި ގައުމެއް، ދުވެލަން ވެސް އަންނަން ޖެހޭ ތަނެއް"
މިލިންދު ސޯމަން ރާއްޖޭގައި: "ރީތި ގައުމެއް، ދުވެލަން ވެސް އަންނަން ޖެހޭ ތަނެއް"

"މަތިން ފެންނަލެއް ވަރަށް ރީތި،" ފުރަތަމަ ފަހަރަށް ރާއްޖެ އައި އުމުރުން 53 އަހަރުގެ ސޯމަން ބުންޏެވެ. "އާދަޔާހިލާފު ތަޖުރިބާއަކަށް މި ދަތުރުވާނީ. ވަރަށް އުފާވެފައި މިހިރީ މި ގައުމަށް އައިސް، މި ތަނުގައި ދަތުރުކޮށް، ޑައިވްކޮށް އަދި މޯލްޑިވްސް އިންޓަނޭޝަނަލް މެރެތަންގައި ދުވެލަން ލިބޭތީ،"

މިލިންދު ސޯމަން ރާއްޖޭގައި: "ރީތި ގައުމެއް، ދުވެލަން ވެސް އަންނަން ޖެހޭ ތަނެއް"
މިލިންދު ސޯމަން ރާއްޖޭގައި: "ރީތި ގައުމެއް، ދުވެލަން ވެސް އަންނަން ޖެހޭ ތަނެއް"

ފެތުންތެރިއެއްގެ ގޮތުގައި ވިދާލައި ފަހުން މޮޑެލްކޮށް އަދި ބޮލީވުޑްގެ ފިލްމުތަކުގައި ވެސް އެކްޓްކުރި ސޯމަން މިހާރު ހުސްވެފައި ހުރީ ދުވުމަށާއި ދުޅަހެޔޮ ސިއްހަތު ޕްރޮމޯޓްކުރުމަށަވެ. އޭނާ ބުނީ މޯލްޑިވްސް އިންޓަނޭޝަނަލް މެރެތަންގެ ބައިވެރިންނާ ބައްދަލުކޮށްލަން ކެތްމަދުވެފައިވާ ކަމަށެވެ.

މިލިންދު ސޯމަން ރާއްޖޭގައި: "ރީތި ގައުމެއް، ދުވެލަން ވެސް އަންނަން ޖެހޭ ތަނެއް"
މިލިންދު ސޯމަން ރާއްޖޭގައި: "ރީތި ގައުމެއް، ދުވެލަން ވެސް އަންނަން ޖެހޭ ތަނެއް"

"އަހަރެން ވަރަށް ލޯބިކުރަން ދުވުންތެރިންނާ ބައްދަލުކުރަން. ދުވުންތެރިންނަކީ ވަރަށް ވަރުގަދަ ބަޔެއް. އަހަރެން ބޭނުންވޭ ނުދުވާ މީހުން ދުވުމުގެ ތެރެއަށް ވެސް ވައްދަން ވެސް. އަހަންނަށް ހީވަނީ މޯލްޑިވްސް އިންޓަނޭޝަނަލް މެރެތަން އިން އެކަން ވެސް ކުރާނެހެން. ދިވެހިންނަކީ ފިޓް ބަޔަކަށް ހަދައި އަދި ދިވެހިންނަށް ހަނދާން ނައްތާނުލެވޭ ވަރުގެ އިވެންޓެއް ބާއްވައިދޭނެ،" ސޯމަން ބުންޏެވެ.

މި މެރެތަން އިން ހާސިލްވާނެ އަނެއް ކަމަކީ، ސޯމަން ބުނި ގޮތުގައި އޭނާ ފަދަ ބައިނަލްއަގްވާމީ ދުވުންތެރިން ރާއްޖެ ގެނައުމެވެ. ރާއްޖޭގެ ރީތިކަން ދުށުމަށް އެތައް މިލިއަން މީހުން ކޮންމެ އަހަރަކު އަންނައިރު އެހެން ސަބަބުތަކަށްޓަކައި ވެސް މިތަނަށް މީހުން އަންނަން ޖެހޭ ކަމަށް ސޯމަން ދެކެ އެވެ.

"އަހަންނަށް ޔަގީން ދުނިޔޭގެ އެކިކަންކޮޅުތަކުން އެތައް ބަޔަކު އެހެން ސަބަބަކަށްޓަކައި ރާއްޖެ ގެނައުމަށް މި މެރެތަން ހިތްވަރަކަށް ވާނެ ކަމަށް،" ސޯމަން ބުންޏެވެ.

މި މެރެތަން އަކީ ހަގީގަތުގައި ވެސް، ދިގު ރާސްތާ ދުވުމުގެ މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖެ މަޝްހޫރުކޮށް ރާއްޖޭގައި ސްޕޯޓްސް ޓޫރިޒަމް ކުރިއެރުވުމުގެ ގޮތުން ބާއްވާ ހަރަކާތެކެވެ. ރޭހުގެ ހުރިހާ ކަމެއް ވެސް ގުޅުވާލާފައިވަނީ ތިމާވެށި ހިމާޔަތްކުރުމާއި ރާއްޖޭގެ ގުދުރަތީ ރީތިކަމާ އެވެ. ރޭހުގެ ޓީޝާޓާއި މެޑަލް ފަރުމާކޮށްފައިވަނީ ރާއްޖޭގެ ގުދުރަތީ ވެށްޓާއި ކަނޑުގެ ދިރުންތައް ސިފަވާގޮތަށެވެ.

ރޭސް ޑިރެކްޓަރު ހުސެއިން ޝުޖާއު ބުނީ ދުނިޔެ އަށް މަޝްހޫރު ސެލެބްރިޓީއެއް އިންޓަނޭޝަނަލް އެމްބެސެޑަރަކަށް ހަމަޖެއްސީ ވެސް، މި އިވެންޓަކީ ރާއްޖެ ޕްރޮމޯޓްކުރުމުގެ ބައިނަލްއަގްވާމީ ހަރަކާތަކަށް ވުމާއި އަދި ސޯމަން އަކީ ދުޅަހެޔޮ ސިއްހަތު ޕްރޮމޯޓްކުރުމުގައި ވަރަށް ބޮޑު މަސައްކަތްތަކެއް ކުރަމުން އަންނަ މީހަކަށް ވާތީ ކަމަށެވެ.

އަންނަ ހުކުރު ދުވަހުގެ ދުވަހުގެ މެންދަމު 2 ޖަހާއިރު މެރެތަންގެ ފުލް މެރެތަން ރޭސް ފަށާއިރު ހާފް މެރެރަން ފަށާނީ ފަތިހު 5:30 ގަ އެވެ. އެއަށް 6:30 ގައި 10 ކިލޯމީޓަރު ދުވުން އޮންނާނެ އެވެ. ފަސް ކިލޯމީޓަރުގެ ދުވުން ފަށާނީ އެ ދުވަހުގެ ހަވީރު 4:30 ގަ އެވެ. ފަސް ކިލޯމީޓަރުގެ ދުވުން ފިޔަވައި އަނެއް ތިން ރޭހުގެ ޖާގަތައް މިހާރު ވަނީ ފުރިފަ އެވެ.

އަދި ހޮނިހިރު ދުވަހު އާއިލީ ތިން އިވެންޓަކާއި ނިމުމުގެ ރަސްމިއްޔާތު އޮންނާނެ އެވެ. އެގޮތުން ސީނިއާސް ޕަވާ ވޯކްގެ ނަމުގައި އުމުރުން ދުވަސްވީ މީހުންގެ ހިނގުމާއި ކުޑަކުދިންނަށް ހާއްސަކޮށްގެމް ކިޑްސްމައިލް 3.2 ކިލޯމީޓަރު، 1.6 ކިލޯމީޓަރު އަދި 800 މީޓަރު ދުވުމެއް އޮންނާނެ އެވެ. އެއަށް ފަހު ފިނިޝާ ޕާޓީ އާއި އެވޯޑިން ރަސްމިއްޔާ ފަށާނީ އެ ދުވަހު ހަވީރު 5 ޖަހާއިރެވެ.

އައި-ރަނާސް އަދި އޮބްޖެކްޓް ގުޅިގެން ބާއްވާ މި މެރެތަންގައި، ސޯމަން ދުވާނީ ފުލް މެރެތަން އާއި ފަސް ކިލޯމީޓަރުގެ ރޭހުގަ އެވެ. މީގެ އިތުރުން ރޭސް އެކްސްޕޯގައި، ބުރާސްފަތި ދުވަހު އޭނާ ދުޅަހެޔޮ ސިއްހަތާ ބެހޭގޮތުން ޕްރެޒެންޓޭޝަނެއް ދޭނެ އެވެ.

ސޯމަން ވަނީ 1984 އިން ފެށިގެން ޖެހިޖެހިގެން ހަތަރު އަހަރު އިންޑިއާގެ ގައުމީ ފެތުމުގެ ޗެމްޕިއަންކަން ހޯދައި 1984 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސް އިން ރިހި މެޑެއްޔެއް ހޯދައިފަ އެވެ.

އޭގެ ހަތަރު އަހަރު ފަހުން މޮޑެލް ކުރަން ފެށި ސޯމަން 1995 ވަނަ އަހަރު އަލީޝާ ޗިނާއީގެ "މޭޑް އިން އިންޑިއާ" ވީޑިއޯ ލަވަ ކުޅުމާ އެކު ވަރަށް ބޮޑަށް މަޝްހޫރުވެގެންދިޔަ އެވެ. އެ ހިސާބުން އޭނާ ޓީވީ ސިލްސިލާތަކާއި ބޮލީވުޑްގެ ފިލްމްތައް ކުޅެން ފެށި އެވެ.

ފިލްމީ ކެރިއަރަށް މަޑުޖެހިލުމެއް ގެނައުމަށް ފަހު ސޯމަން މީގެ ހަޔެއްކަ އަހަރު ކުރިން އަނެއްކާ ވެސް ކުޅިވަރުގެ ތެރެއަށް ވަދެ ވަރުގަދަ ދުވުންތެރިއަކަށްވީ އެވެ. އޭނާ ވަނީ އިންޑިއާގެ އެންމެ ބޮޑު އެއް ދުވުމުގެ ހަރަކާތް ކަމަށްވާ ޕިންކެތޮން 2012 ވަނަ އަހަރު ތައާރަފްކޮށްފަ އެވެ. އުރަމަތީގެ ކެންސަރުގެ ހޭލުންތެރިކަން އިތުރުކުރުމާއި އަންހެނުންގެ މެދުގައި ދުޅަހެޔޮ ސިއްހަތު ޕްރޮމޯޓްކުރުމަށް ފެށި މި އިވެންޓް ފުޅާވެ މިހާރު މިއީ އަންހެނުން ބާރުވެރިކޮށް އާއިލާތަކާއި މުޖުތަމައު އަދި ގައުމަށް އަންހެނުންނަކީ މިހާ މުހިއްމު ބަޔެއްކަން އަންގައިދީ ވިސްނައިދިނުމުގެ ބޮޑު ހަރަކާތެކެވެ. އައި ރަނާސް އިން ވަނީ ޕިންކެތޮން މިދިޔަ އަހަރު ރާއްޖެ އަށް ތައާރަފްކޮށްފަ އެވެ.

ސޯމަން ވަނީ 2017 ވަނަ އަހަރު އަލްޓްރަތަންގައި ވެސް ދުވެފަ އެވެ. މިއީ ތިން ދުވަހުގެ ތެރޭ 520 ކިލޯމީޓަރު ކަޑައްތުކުރަން ޖެހޭ ދުވުމާއި ބައިސިކަލް ދުއްވުމުގެ އިވެންޓެކެވެ. އޭނާ އަކީ އެ އިވެންޓް ހުސްފައިގައި ފުރިހަމަ ކުރި ހަމައެކަނި ބައިވެރިޔާ އެވެ. ސޯމަން އަކީ ހުސްފަޔާ ދުވުން ޕްރޮމޯޓްކުރުމުގެ ޗެމްޕިއަނެއް ވެސް މެ އެވެ.