ޕާކިސްތާނުގެ ވައިގެ ސަރަހައްދު ހުޅުވާލަން ފަށައިފި
ޕާކިސްތާނުގެ ވައިގެ ސަރަހައްދު ހުޅުވާލަން ފަށައިފި

އިސްލާމްއާބާދު (މާޗް 3) - ކަޝްމީރުގެ މަސްރަހު ހޫނުވެ އެއް ގައުމު އަނެއް ގައުމަށް ވައިގެ ހަމަލާތައް ދޭން ފެށުމުން ޕާކިސްތާނުން މިދިޔަ ހަފުތާގައި ބަންދުކުރި އެ ގައުމުގެ ވައިގެ ސަރަހައްދު ކޮމާޝަލް ފްލައިޓްތަކަށް ހުޅުވާލަން ފަށައިފި އެވެ.

ޕާކިސްތާނުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނީ އިރުމަތީގެ ލާހޯރުގެ އައްލާމާ އިގްބާލް އިންޓަނޭޝަނަލް އެއާޕޯޓުގެ އޮޕަރޭޝަންތައް ކޮންމެވެސް ވަރަކަށް ފެށުމަށް މިއަދު ހުއްދަ ދީފައިވާ ކަމަށެވެ.

ކަރާޗީ، ގުއެޓާ، ޕިޝާވަރު އަދި ވެރިރަށް އިސްލާމްއާބާދުގެ އެއާޕޯޓުގެ އޮޕަރޭޝަންތައް ހުކުރު ދުވަހު ވަނީ ކޮންމެވެސް ވަރަކަށް ފަށައިފަ އެވެ. ނަމަވެސް ގިލްގިޓް ބަލްތިސްތާން، ޕަންޖާބް އަދި ސިންދުގެ އެތެރޭގެ އެއާޕޯޓްތައް އާދިއްތަ ދުވަހު ވެސް ވަނީ ބަންދުކޮށްފަ އެވެ. ހޯމަ ދުވަހުގެ މެންދުރު ފަހު އެ އެއާޕޯޓްތައް ވެސް ހުޅުވާލާނެ ކަމަށް ބެލެވެ އެވެ.

ހަމަލާތަކާ ގުޅިގެން އިންޑިއާގެ ބައެއް އެއާޕޯޓްތައް ވެސް ބަންދުކުރި އެވެ.

ކަޝްމީރުގައި މިދިޔަ މަހު 14 ވަނަ ދުވަހު ދިން ހަމަލާތަކާ ގުޅިގެން އިންޑިއާގެ ހަނގުރާމަ މަތީ ޖެޓްތަކުން ވަނީ ޕާކިސްތާނުގައި ހަރަކާތްތެރިވާ ޖައިޝީ މުހައްމަދުގެ މައި ކޭމްޕަށް މިދިޔަ އަންގާރަ ދުވަހު ބޮން އަޅައިފަ އެވެ. ރައްދުގައި ޕާކިސްތާނުން ވައިގެ ހަމަލާދީ އިންޑިއާގެ ދެ ފައިޓާ ޖެޓް ވައްޓާލައި ޕައިލެޓަކު ވަނީ ބުދަ ދުވަހު ހައްޔަރުކޮށްފަ އެވެ. ނަމަވެސް ސުލްހައިގެ ރަމްޒެއްގެ ގޮތުން ޕައިލެޓް ވަނީ ހުކުރު ދުވަހުގެ ރޭ މިނިވަންކޮށް، އިންޑިއާއާ ހަވާލުކޮށްފަ އެވެ.