އެމެރިކާ އާއި ސަައުތު ކޮރެއާގެ ހަނގުރާމައިގެ ތަމްރީނުތައް ދެން ނުބާއްވާނެ
އެމެރިކާ އާއި ސަައުތު ކޮރެއާގެ ހަނގުރާމައިގެ ތަމްރީނުތައް ދެން ނުބާއްވާނެ

ވޮޝިންޓަން (މާޗް 3) - އެމެރިކާ އާއި ސައުތު ކޮރެއާ ގުޅިގެން ކޮންމެ އަހަރަކު ވެސް ބާއްވާ ވަރުގަދަ އަސްކަރީ ތަމްރީނުތައް ދެން ނުބާއްވާ ގޮތަށް ދެ ގައުމުން ނިންމައިފި އެވެ.

އަސްކަރީ ތަމްރީނުތައް ނުބާއްވަން ނިންމީ ކޮރެއަން ޕެނިންސުލާގެ މަސްރަހު ހަމައަކަށް އެޅުވުމަށެވެ. އެމެރިކާ އާއި ސައުތު ކޮރެއާގެ އަސްކަރީ ތަމްރީނުތަކަކީ ނޯތު ކޮރެއާ އިން އެންމެ ރުޅި އަންނަ އެއް ކަންތަކެވެ. ހަނގުރާމައިގެ ތަމްރީނުތައް ނުބާއްވަން ނިންމީ ދެ ގައުމުގެ ޑިފެންސް މިނިސްޓަރުން ހޮނިހިރު ދުވަހު ފޯނުން ކުރެއްވި މަޝްވަރާތަކުގަ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ކުރިން ވަނީ ތަމްރީނުތަކަށް ހިނގާ ޚަރަދު ބޮޑުވުމުން އެކަމުގެ ޝަކުވާ ކޮށްފަ އެވެ. އެކަމަކު ކޮރެއާ ޕެންސުލާގައި ތިބޭ އެމެރިކާ ސިފައިން ބޭލުމަށް ޓްރަމްޕް ވަނީ ދެކޮޅު ހައްދަވައިފަ އެވެ. ކޮރެއާ ސަރަހައްދުގައި އެމެރިކާގެ 30،000 ސިފައިން ތިބެ އެވެ.

ޓްރަމްޕާއި ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން މިދިޔަ ހަފުތާގައި ވިއެޓްނާމުގައި ބޭއްވި ސަމިޓް ވަނީ ނާކާމިޔާބުވެގެން ނިމިފަ އެވެ. ޓްރަމްޕް ވިދާޅުވީ ސަމިޓް ނާކާމިޔާބުވީ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް ކިމް ޑިމާންޑް ކުރެއްވުމުން ކަމަށެވެ. ނަމަވެސް ނޯތު ކޮރެއާގެ ޚާރިޖީ ވަޒީރު ވިދާޅުވީ އެ ގައުމުން އެދިފައި ވަނީ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ބަޔަކަށް ލުއި ދޭން ކަމަށެވެ.