30 އޯގަސްޓް 2016 - 06:34

ކައިވެނި ހަފުލާއަކަށް ހެދުން އެޅުމަކީ ހާއްސަ ކަމެކެވެ. ކޮންމެ ފެންވަރެއްގައި ބާއްވާ ޕާތީއަކަށް ވިޔަސް ރީތިކޮށް ހެދުން އެޅުން ވެފައި އޮންނަނީ ވަރަށް މުހިންމު ކަމަކަށެވެ. ދައުވަތު ދިން މީހުންނަށް އިހްތިރާމް އަދާކުރުމުގެ ގޮތުން ވެސް މިއީ މުހިންމު ކަމެކެވެ.

ކައިވެނި ޕާޓީއަކަށް ލާން މުނާސަބު ނޫން އެކި ހެދުމާއި އެކްސެސަރީސް ހުރެ އެވެ. އޭގެ ތެރެއިން މައިގަނޑު ދެ އެއްޗެއް ފާހަގަކޮށްލާނަމެވެ. މިއީ ފިރިހެނުންނާއި އަންހެނުން ވެސް ސަމާލުވާންޖެހޭ ކަމެކެވެ.
ޖިންސެއް ލައިގެން ކައިވެނި ޕާޓީއަކަށް ދިއުމަކީ އެއްގޮތަކަށް ވެސް އެކަށީގެންވާ ކަމެއް ނޫނެވެ. ތަންތަނުން ވީދިފައި ހުންނަ ގޮތަށް ފަރުމާކޮށްފައި ހުންނަ "ޑިސްޓްރެސްޑް" ނުވަތަ "ފޭޑަޑް" އަދި ފަލަމަސްގަނޑާ ދިމާލުން ކުލަ މަޑުކޮށް ހުންނަ ޖިންސަކީ ކައިވެނި ޕާޓީއަކަށް މުނާސަބު ނޫން ތިރިއެކެވެ. ކައިވެނި ހަފުލާ އަކީ ވަރަށް "ކެޝުއަލް" އާދައިގެ ހަފުލާއަކަށް ވިޔަސް މިވައްތަރުގެ ޖިންސު ލައިގެން ޕާޓީއަށް ނުދާށެވެ. ޖިންސުގެ ބަދަލުގައި، މަޑު ފޮތިން ފަހާފައި ހުންނަ ފަޓުލޫނެއް ނުވަތަ މިފަދަ ރަސްމީ ތިރިއެއް ރީތިވާނެ އެވެ. އަދި ޖިންސެއް ލާން ބޭނުން ނަމަ، ކަޅު ނުވަތަ ގަދަ ނޫ ފަދަ ގަދަ ކުލައެއްގެ ޖިންސެއް އެކި ސްޓައިލްތަކުގެ މައްޗާ ގުޅުވާލެވޭނެ އެވެ.
ފެޝަންގެ ދުނިޔޭގައި ކުރެވޭ އެންމެ ބޮޑު ސްޓައިލް ކުށަކީ ކައިވެނި ޕާޓީއަކަށް ފެން ފައިވާނަކަށް އަރައިގެން ދިއުމެވެ. ބީޗް ވެޑިންއެއް ނުވަތަ ކުޑަ ކައިވެނި ޕާޓީއަކަށް ވިޔަސް އާދައިގެ ވަދު ޖެހި ފެންފައިވާނަކަށް އެރުމަކީ އެއްގޮތަކަށް ވެސް ކަމުދާ ކަމެއް ނޫނެވެ. ފައިވާނަކަށް އަރަން ބޭނުން ނަމަ ގިނަ ވަދު ލާފައި، ކުޑަ ހީލް އެއް އިންނަ، ރީތި ޑިޒައިނެއްގެ ފައިވާނެއް ރަނގަޅުވާނެ އެވެ. ރަން، ރިހި ނުވަތަ މިފަދަ ކުލައެއްގެ ހީލް އެއް ކައިވެނި ޕާޓީއަކަށް ރަނގަޅުވާނެ އެވެ. ލޯފާ ނުވަތަ ކޮށްޕި ބޫޓަކީ ފިރިހެނުންނަށް އެންމެ ރަނގަޅު ވައްތަރެވެ.