މިދިޔަ އަހަރު 2،500 އަށް ވުރެ ގިނަ މީހުންގެ މައްޗަށް ދައުވާކުރަން ފޮނުވި
މިދިޔަ އަހަރު 2،500 އަށް ވުރެ ގިނަ މީހުންގެ މައްޗަށް ދައުވާކުރަން ފޮނުވި

މިދިޔަ އަހަރު 2،500 އަށްވުރެ ގިނަ މީހުންގެ މައްޗަށް ދައުވާކުރަން ކޯޓުތަކަށް ފޮނުވާފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނެފި އެވެ.

އެ އޮފީހުގެ އަހަރީ ރިޕޯޓުގައިވާ ގޮތުން 2،534 މީހެއްގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވާއިރު އޭގެ ތެރެއިން 2،004 މީހެއްގެ މައްޗަށް ދައުވާކުރަން ހުށަހަޅާފައި ވަނީ ސުޕީރިއާ ކޯޓުތަކަށެވެ. އަދި 530 މީހެއްގެ މައްސަލަ ހުށަހަޅާފައިވަނީ މެޖިސްޓްރޭޓް ކޯޓުތަކަށެވެ.

ސުޕީރިއާ ކޯޓުތަކަށް ހުށަހެޅި މައްސަލަތަކުގެ ތެރެއިން 980 މީހުންގެ މައްޗަށް ދައުވާކުރަން ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާއިރު ޑްރަގް ކޯޓަށް 973 މީހުންގެ މައްސަލަ އަދި ޖުވެނަލް ކޯޓަށް 51 ކުދިންގެ މައްސަލަ ފޮނުވާފައިވެ އެވެ.

ދައުވާކުރާ މީހުންގެ ތެރޭގައި ހިމެނެނީ 100 އަންހެނުންނާއި 2،434 ފިރިހެނުންނެވެ. އަދި 18 އަހަރުން ދަށުގެ 75 ކުއްޖަކު ވެސް ހިމެނެ އެވެ.

މިދިޔަ އަހަރު ދައުވާކުރި އެ އަހަރުގެ މައްސަލަތަކަށް ބަލާއިރު، 116 މައްސަލައެއްގައި 1،790 މީހެއްގެ މައްޗަށް ދައުވާކޮށްފައިވެ އެވެ. ޑައިމޯފިން ބޭނުންކުރުމުގެ ދައުވާ 426 މީހެއްގެ މައްޗަށް އަދި ކެނެބިސް ބޭނުންކުރުމުގެ ކުށުގައި 319 މީހެއްގެ މައްޗަށް ދައުވާކުރަން ހުށަހަޅާފައިވެ އެވެ. ވައްކަންކުރުމުގެ ކުށުގައި 98 މީހުންނަށް ދައުވާކޮށްފައިވާއިރު ރޭޕްގެ ނުވަ މައްސަލައަކާއި މީހަކު މެރުގެ ތިން މައްސަލައެއްގައި ވެސް ދައުވާކުރަން ހުށަހަޅާފައިވާ ކަމަށް ރިޕޯޓުގައިވެ އެވެ.

މިދިޔަ އަހަރު ދައުވާކުރަން ފޮނުވި އެހެން އަހަރުތަކުގެ މައްސަލަތަކަށް ބަލާއިރު 79 ބާވަތެއްގެ ކުށުގައި 744 މީހެއްގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވެ އެވެ. އޭގައި ވެސް އެންމެ ގިނައިން ހިމެނެނީ ޑައިމޯފިން ބޭނުންކުރުމުގެ މައްސަލަ އެވެ. އެގޮތުން ޑައިމޯފިން ބޭނުންކުރުމުގެ 161 މައްސަލައެއް ހުށަހަޅާފައިވާއިރު ދެ ވަނަ އަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ ކެނެބިސް ބޭނުންކުުރުމުގެ ދައުވާ އެވެ. އެ ކުށުގައި 152 މީހެއްގެ މައްޗަށް އަދި ވައްކަމާ ގުޅުންހުރި މައްސަލަތަކުގައި 83 މީހެއްގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވެ އެވެ.

ތަހުގީގީ އިދާރާތަކުން ހުށަހެޅި މިދިޔަ އަހަރުގެ މައްސަލަތަކުގެ ތެރެއިން 2،288 މައްސަލައެއްގައި ފިޔަވަޅު އަޅާފައިވެ އެވެ. މިދިޔަ އަހަރު ހުށަހެޅި މައްސަލަތަކުގެ ތެރެއިން ދައުވާކުރަން 1،790 މީހުންގެ މައްސަލަ ކޯޓަށް ހުށަހަޅާފައިވެ އެވެ. ހެއްކާއި ގަރީނާ ނެތިގެން 87 މީހުންގެ މައްސަލަ އަނބުރާ ފޮނުވާލާފައިވާއިރު 156 މީހުންގެ މައްސަލައަކީ އަލުން ހުށަހަޅަން އަނބުރާ ފޮނުވާލި މައްސަލަތަކެވެ.

މިިދިޔަ އަހަރު ތަހުގީގީ އިދާރާތަކުން ފޮނުވި މައްސަލަތަކުގެ އަދަދަކީ 2،008 އެވެ. އޭގެ ތެރެއިން ޕީޖީން ނިންމި މައްސަލައިގެ އަދަދަކީ 2،002 އެވެ.