ގްލިމޯ ޑެލް ޓޯރޯގެ "ޒެންބާޓޯ" އަކީ އެކްޝަން ފިލްމެއް
ގްލިމޯ ޑެލް ޓޯރޯގެ "ޒެންބާޓޯ" އަކީ އެކްޝަން ފިލްމެއް

މިދިޔަ އަހަރު ފިލްމު "ދަ ޝޭޕް އޮފް ވޯޓާ" އިން އެންމެ މޮޅު ޑައިރެކްޓަރުގެ އޮސްކާ އެވޯޑް ހޯދި ގްލިމޯ ޑެލް ޓޯރޯ "ޒެންބާޓޯ" ގެ ނަމުގައި އެކްޝަން ފިލްމެއް ލިޔެ، ޑައިރެކްޓްކުރަން ނިންމައިފި އެވެ.

މި ފިލްމު ޕްރޮޑިއުސްކުރާނީ ޕެރަމައުންޓް ޕިކްޗާޒާއި މަޝްހޫރު ޑައިރެކްޓަރު/ޕްރޮޑިއުސަރު ޖޭޖޭ އަބްރަމްސްގެ ކުންފުނި ބޭޑް ރޮބޮޓްސް ގުޅިގެންނެވެ.

ވެރައިޓީން ބުނި ގޮތުގައި މިހާރު ސްކްރިޕްޓިން މަރުހަލާގައި އޮތް "ޒެންބާޓޯ" އަކީ ލީތަލް ފައިޓިންގެ ހުނަރު ލިބިފައިވާ ޒުވާން އަންހެން ކުއްޖަކަށް ބިނާކޮށް ހަދާ ފިލްމެކެވެ. ގްލިމޯ ކުރި ޓްވީޓެއްގައި ވަނީ މި ފިލްމާ ގުޅޭ މަސައްކަތްތައް ކުރަމުން އަންނަތާ މިހާރު ހައެއްކަ އަހަރު ވެދާނެ ކަމަށް ބުނެފަ އެވެ.

ޢެކަމަކު "ޒެންބާޓޯ" އާ ބެހޭ އެއްވެސް ތަފުސީލެއް އަދި ހާމައެއް ނުކުރެ އެވެ.

"ޕެސިފިކް ރިމް" އާއި "ހެލްބޯއި" ފަދަ ފިލްމުތައް ގެނެސް ދިން ޑައިރެކްޓަރު މިހާރު އަންނަނީ ނެޓްފްލިކްސްއާ ގުޅިގެން ހަދާ ސްޓޮޕް-މޯޝަން އެނިމޭޓެޑް ފީޗާ "ޕިނޯކިއޯ" ގެ މަސައްކަތް ފެށުމަށް ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައްވަމުންނެވެ.

އޭނާ ޕްރޮޑިއުސްކޮށް ގެނެސް ދޭން ޕްލޭންކޮށްފައި ހުރި ފިލްމުތަކުގެ ތެރޭގައި ސީބީއެސްއާ ގުޅިގެން އޮގަސްޓް 29 ގައި ރިލީޒް ކުރާ "ސްކޭރީ ސްޓޯރީޒް ޓު ޓެލް އިން ދަ ޑާކް" އާއި ސްކޮޓް ކޫޕާ ޑައިރެކްޓް ކުރާ "އެންޓްލާޒް" ހިމެނެ އެވެ.