އިމާރާތްކުރުމުގެ ހުއްދަ ދޭ އިދާރާތައް ރަޖިސްޓްރީކުރުމުގެ ގަވާއިދު އާންމުކޮށްފި
އިމާރާތްކުރުމުގެ ހުއްދަ ދޭ އިދާރާތައް ރަޖިސްޓްރީކުރުމުގެ ގަވާއިދު އާންމުކޮށްފި

އިމާރާތްކުރުމުގެ ހުއްދަ ދޫކުރާ އިދާރާތައް ރަޖިސްޓްރީކުރުމުގެ ގަވާއިދު ނެޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން މިއަދު ގެޒެޓްކޮށްފި އެވެ.

މިއީ 2017 ވަނަ އަހަރު އެކުލަވާލާފައިވާ، އިމާރާތްކުރުމުގެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދެކެވެ. މި ގަވައިދުގެ މަގްސަދަކީ ހުއްދަ ދޫކުރާ އިދާރާއެއްގެ ޒިންމާތަކާއި މަސްއޫލިއްޔަތު ކަނޑައެޅުމެވެ. އަދި އިމާރާތްކުރުމުގެ ހުއްދަ ދީފާއިވާ އިމާރާތްތަކާ ގުޅޭ ގޮތުން މައްސަލަ ހުށަހެޅޭނެ ނިޒާމަކާއި އެ ކަންތައްތައް ބަލާނެ އުސޫލު ކަނޑައެޅުމެވެ. މި ގަވާއިދަށް އަމަލުކުރަން ފަށާނީ އަންނަ ޖޫން މަހުގެ ތިން ވަނަ ދުވަހުން ފެށިގެންނެވެ.

މި ގަވާއިދުގެ ދަށުން، އިމާރާތްކުރުމުގެ ހުއްދަ ދޭ އިދާރާއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރެވޭނީ ދެ ގިންތިއަކަށެވެ. "ގިންތި 1" ގެ ގޮތުގައި ރަޖިސްޓްރީ ކުރެވޭނީ އެ އިދާރާއެއްގައި މަސައްކަތްކުރާ ޓެކްނީޝަނެއް ހުންނަ ނަމަ އެވެ. ޓެކްނީޝަން ނުހުންނަ އިދާރާތަކަށް ދޭނީ "ގިންތި 2" ގެ ރަޖިސްޓްރޭޝަނެކެވެ. ޓެކްނީޝަނެއް ނެތް ނަމަ، އެ މަސައްކަތްތައް ކުރުމަށް ގިންތި 1 ދީފައިވާ އިދާރާއަކާ އެކު އެއްބަސްވުމެއް ހަދަންޖެހޭނެ ކަމަށް ގަވާއިދުގައިވެ އެވެ.

ޓެކްނީޝަނެއްގެ ޒިންމާއަކީ މި ގަވާއިދުގައިވާ އުސޫލްތަކުގެ ދަށުން ހުއްދަ ދޫކުރުމާއި ކަނޑައަޅާފައިވާ އުސޫލްތަކުގެ ދަށުން ކުރަންޖެހޭ ކަންކަން ހާސިލްކުރުމެވެ.

ހުއްދަ ދިނުމަށް ރަޖިސްޓްރީކޮށްފައިވާ އިދާރާއަކުން މަސައްކަތްކުރާ ގޮތަށް، ނުވަތަ ހުއްދައަށް އެދުމަށް ފަހު އެކަށީގެންވާ ޖަވާބެއް ނުލިބިއްޖެ ނަމަ، އެ ކަމެއް ނެޝަނަލް ޕްލޭނިން މިނިސްޓްރީ އަށް ހުށަހެޅޭނެ ކަމަށް މި ގަވާއިދުގައިވެ އެވެ.

ހުއްދަ ދޫކަރަން ރަޖިސްޓްރީވެފައި ނުވާ އިދާރާއަކުން މި ގަވާއިދުގައިވާ މަސައްކަތްތައް ކުރުމާއި، ރަޖިސްޓްރީކޮށްފައިވާ ތަނަކަށް ބަދަލެއް އައުމުން އެ މައުލޫމާތު މިނިސްޓްރީއަށް ހިއްސާ ނުކުރުމަކީ އަދަބު ލިބޭނެ ކަމެެކެވެ. މިގޮތަށް އަމަލު ނުކުރާ ފުރަތަމަ ފަހަރު 2،500ރ. އާއި 250،000ރ. އާ ހަމައަށް ޖޫރިމަނާކުރުމުގެ ބާރު މިނިސްޓްރީއަށް ދީފައިވެ އެވެ. މައުލޫމާތު ހިއްސާނުކުރާ އިދާރާތަކުން 2،000ރ. އާއި 50،000ރ. އާ ހަމައަށް ޖޫރިމަނާކުރެވޭނެ އެވެ.

މިދިޔަ ޑިސެމްބަރު މަހު، މާލޭގައި އިމާރާތް ކުރަމުން ދިޔަ ތަނަކުން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި ކުޑަކުއްޖަކު މަރުވި ހާދިސާއަށް ފަހު، ވަކީލުންތަކެއް ވަނީ އިމާރާތްކުރުމުގެ ރައްކާތެރިކަމާ ބެހޭ ގޮތުން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފަ އެވެ. އެ މައްސަލާގައި ކޯޓުން ވަނީ، އިމާރާތްކުރުމުގެ ގާނޫނުގެ ދަށުން ހަދަން ޖެހޭ 13 ގަވާއިދެއް ހަދަން ދައުލަތަށް އަމުރުކޮށްފަ އެވެ.

އިމާރާތްކުރުމުގައި ގެންގުޅޭނެ ރައްކާތެރި ކަމުގެ މިންގަނޑާ ބެހޭ ގަވައިދު ފިޔަވައި ދެން ހުރި ގަވާއިދުތައް ނިންމަން ކަނޑައަޅާފައި ވަނީ މާޗު މަހުގެ ނިޔަލަށެވެ. އެ ގަވާއިދު އެ މިނިސްޓްރީ އިން ވަނީ ޖަނަވަރީ 31 ވަނަ ދުވަހު އާންމުކޮށްފަ އެވެ.