03 މާޗް 2019 - 10:19

މިލާން (ފެބްރުއަރީ 3) – ސަސުއޮލޯ އަތުން އުނދަގުލުން 1-0 އިން ހޯދި މޮޅާ އެކު، ވާދަވެރި އިންޓަ މިލާން ފަހަތަށް ޖައްސާލައި އޭސީ މިލާނުން އިޓާލިއަން ލީގުގެ ތިން ވަނަ އަށް އަރައިފި އެވެ.
މިލާން 48 ޕޮއިންޓާ އެކު ތިން ވަނަ އަށް އެރިއިރު ހުކުރު ދުވަހުގެރޭ ކަލިއާރީ އަތުން 2-1 އިން ބަލިވި އިންޓަ ވަނީ ހަތަރު ވަނަ އަށް ވެއްޓިފަ އެވެ. އެ ޓީމަށް ލިބިފައިވަނީ 47 ޕޮއިންޓެވެ. މިލާން ތާވަލުގެ ދެ ވަނަ އަށް ސީޒަނެއްގެ ފަހުބައިގައި މިއެރީ ހަ އަހަރަށް ފަހު އެވެ.
އިންޓަ ބަލިވުމުގެ ފައިދާ ނަގައި ހަތަރު ވަނަ އަށް ރޯމާ އަށް ލިބުނު ފުރުސަތު ގެއްލުނީ ރޭ ވާދަވެރި ލާޒިއޯ އަތުން 3-0 އިން ބަލިވުމުންނެވެ. ރޯމާ މިހާރު އޮތީ 44 ޕޮއިންޓާ އެކު ފަސް ވަނައިގަ އެވެ. އެއް މެޗު މަދުން ކުޅެފައިވާ ލާޒިއޯ ވަނީ 41 ޕޮއިންޓް ހަމަކޮށް ހަ ވަނަ އަށް ޖެހިލައިފަ އެވެ. ތާވަލުގެ އެއް ވަނައިގައި 69 ޕޮއިންޓާ އެކު އޮތް ޔުވެންޓަސް އާއި ދެ ވަނައިގައި 56 ޕޮއިންޓާ އެކު އޮތް ނަޕޯލީން މިރޭ ބައްދަލުކުރާނެ އެވެ.
އަމިއްލަ ދަނޑުގައި މިލާން ކުޅުނު މެޗުގައި އެ ޓީމުގެ ހަމައެކަނި ލަނޑަކީ ފުރަތަމަ ހާފުގައި ސަސުއޮލޯގެ ޕޮލް ލިރޯލާ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ދެ ވަނަ ހާފުގައި ސަސުއޮލޯ އިން ވަނީ ވަރަށް ބޮޑަށް ނުރައްކާ ކުރަމުން އަންނަނިކޮށް މައްސަލަތަކެއް ދިމާވީ 64 ވަނަ މިނެޓުގައި އެ ޓީމުގެ ގޯލްކީޕަރު އަންދްރޭ ކޮންސިލީ އަތް ރަތްކާޑެއް ދެއްކުމުންނެވެ. އެއީ ފަހު ޑިފެންޑަރުގެ ގޮތުގައި ހުރެ މިލާނުގެ ކްރިޒްޓޮފް ޕިއޮންޓެކް އަށް ހުރަސް އެޅުމުންނެވެ.
ރޯމްގެ އޮލިމްޕިކް ސްޓޭޑިއަމުގައި ރޭ ރޯމާ އާއި ލާޒިއޯ ކުޅުނު މެޗުގެ 12 ވަނަ މިނެޓުގައި ފެލިއްޕޭ ކައިސެޑޯ ވަނީ ލާޒިއޯ އަށް ކުރި ހޯދައިދީފަ އެވެ. ދެ ވަނަ ގޯލް 73 ވަނަ މިނެޓުގައި ޕެނަލްޓީ އަކުން ޖެހީ ޗީރޯ އިމޮބިލޭ އެވެ. އަދި 89 ވަނަ މިނެޓުގައި ޑަނީލޯ ކަޓަލްޑީ ތިން ވަނަ ލަނޑު ޖަހާފައިވަނިކޮށް ރޯމާގެ އެލެކްޒެންޑާ ކޮލަރޯފަށް ވަނީ ރަތެއް ދައްކައިފަ އެވެ.