04 މާޗް 2019 - 07:17

މަގުމަތީގައި އުޅުނު ބަލި ބުޅަލަކަށް އެހީވެގެން މިވަރުގެ ކަމަކާ ކުރިމަތިލާން ޖެހިދާނެ ކަމަކަށް އެއްވެސް މީހަކު ހިއެއް ނުކުރާނެ އެވެ. އެމެރިކާގެ މި އަންހެން މީހާގެ އަތުގައި ބުޅަލެއް ދަތް އަޅައިގެން ލިބުނު ކުޑަކުޑަ ޒަހަމަކަށް ފަރުވާ ހޯދަން ކުރިމަތިލާން ޖެހުނީ 50،000 ޑޮލަރުގެ ބިލަކާ އެވެ.

އެމެރިކާގެ ފްލޮރިޑާގެ އެވަގްލޭޑްސް ނެޝަނަލް ޕާކް ކައިރިން ވަރަށް އަނަރޫފަކޮށް އަދި ބަލިކޮށް އުޅުނު ބުޅަލެއް ފެނިގެން، ވައިލްޑްލައިފް ބައޮލޮޖިސްޓެއް ކަމަށްވާ ޖިއެނެޓް ޕާކާ، 44، ބޭނުންވީ ބުޅަލަށް އެހީވާށެވެ. އެހެންވެ، ކާރުގައި އޮތް މަސްދަޅެއް ކަނޑާލައިގެން ބުޅަލަށް މަސްކޮޅެއް ދޭން އުޅުމުގެ ތެރޭގައި އޭތި ވަނީ ޖިއެނެޓްގެ އަތުގައި ދަތް އަޅައިފަ އެވެ.
އެކަމަކު އެކަން އޭނާ މާ ބޮޑު ކަމަކަށް ނުހަދައި ހުއްޓައި އަތް ހިރުވަން ފެށުމުން އިންފެކްޝަން އުފެދިދާނެ ކަމަށް ގަބޫލު ކުރެވިގެން، ގެއަށް ގޮސް ފޮލޮރިޑާގެ ކީސްގެ ހެލްތު ޑިޕާޓްމަންޓަށް ގުޅި އެވެ. ނަމަވެސް އެތަން އެވަގުތު ބަންދުކޮށްފައި ހުރުމުން އެހީއެއް ހޯދޭނެ ގޮތެއް ނުވި އެވެ.
އެހެންވެ ޕާކާ ފަރުވާ ހޯދީ ގެއާ މާ ދުރު ނޫން ހިސާބެއްގައި ހުރި މެރީނާޒް ހޮސްޕިޓަލުންނެވެ. އެތަނަށް ދިއުމުން ދެ ގަޑިއެއްހާ އިރު މަޑުކުރަން ޖެހުނެވެ. ދެ ވައްތަރެއްގެ އިންޖެކްޝަނެއް ޖަހާފައި، އެންޓިބައޮޓިކެއް ދިނުމުން ޕާކާ އުފަލުން ގެއަށް ދިޔައީ އެވެ. އެކަމަކު ހޮސްޕިޓަލުން ލިބުނު ބިލް ފެނުމުން އޭނާ އަނބުރައިގަނެގެން ނުވެއްޓުނީ ކިރިޔާ އެވެ. ބިލަށް އޮތީ 50،000 (769،500ރ.) ޑޮލަރު އަރައިފަ އެވެ.
"އަހަރެން ޑޮކްޓަރަކަށް ވެސް ނުދައްކަން. ހޮސްޕިޓަލަށް ދިއުމުން ނަރުހަކު އަތް ބަލާފައި އިންޖެކްޝަނާއި ބޭސް ދިނީ،" ލިބުނު ބޮޑު ޝޮކްގައި ހުރި ޕާކާ ބުންޏެވެ.
އޭނާ ބުނީ އެހާ ކުޑަކުޑަ ކަމަކަށް އަތްނުފޯރާ ވަރުގެ ބިލެއް އައުމުން ހައިރާންވެ، ހަދާނެ ނަހަދާނެ ގޮތެއް ނޭނގުނު ކަމަށެވެ. އެކަމަކު ނަސީބު ދިމާކުރި ގޮތުން އޭނާއަކީ ހެލްތު އިންޝުއަރަންސް ލިބޭ މީހަކަށްވާތީ ބިލް ދައްކަން އެހީއަކަށްވި އެވެ.
"އަހަރެންގެ ޖަނާޒާ އަށް ވެސް މި ވަރުގެ ހަރަދެއް ނުދާނެ،" ޖިއެނެޓް ބުންޏެވެ.
އެވަގްލޭޑްސް ނެޝަނަލް ޕާކްގައި ފިރިމީހާ މަސައްކަތް ކުރާތީ ޖިއެނެޓަކީ އެމެރިކަން ޕޯސްޓަލް ވޯކާސް ޔުނިއަން (އޭޕީޑަބްލިއުޔޫ) ދަށުން އިންޝުއަރެންސްގެ ހިދުމަތް ލިބޭ މީހެކެވެ.
އޭނާ ބުނި ގޮތުގައި ހެލްތު އިންޝުއަރަންސް ނުލިބޭ މީހަކަށް ފިތްކަނޑައިގެންދާ ވަރުގެ ލިބިއްޖެ ނަމަ ވާނެ ގޮތް މިހާރު ވަރަށް ރަނގަޅަށް އިހުސާސް ކުރެވެ އެވެ.