27 އޯގަސްޓް 2016 - 11:23

ބާޒާރުމަތީގައި ހުރި ފިހާރައެއްގައި ރޭ ދަންވަރު އަލިފާން ރޯވެ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި މަސްމާރުކޭޓު ކައިރީގައި ހުންނަ ސީމާސް ފިހާރައިގައި ރޯވި ކަމުގެ ރިޕޯޓު ލިބުނީ ރޭ ދަންވަރު 2:00 ޖަހަން އުޅެނިކޮށެވެ. ބައި ގަޑިއެއްހާއިރު ތެރޭގައި އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނު ނަމަވެސް ފިހާރައިގައި ހުރި މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެކަމަކު ގެއްލުންތަކުގެ ތަފްސީލެއް އަދި ނުލިބެ އެވެ.
އެއީ ކާބޯތަކެއްޗާއި އާއްމު މުދާ ވިއްކާ ފިހާރައެކެވެ. އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް އަދި އިމާރާތަށް ވެސް ގެއްލުމެއް ނުލިބެ އެވެ.
ފިހާރައިގައި ރޯވާން ދިމާވި ސަބަބެއް އަދި ނޭނގެ އެވެ. ފުލުހުންނާއި އެމްއެންޑީއެފްގެ ފަޔަ އެންޑް ރެސްކިއު ޓީމު ގުޅިގެން އަންނަނީ އެ ހާދިސާ ތަހުގީގުކުރަމުންނެވެ.