02 މާޗް 2019 - 23:16

ސްރީނަގަރް (މާޗް 2) - ޕާކިސްތާނުން ހިފެހެއްޓި އިންޑިއާގެ ޕައިލެޓް އަބީނާންދަން ވާމަތަން މިނިވަންކޮށް ހުކުރު ދުވަހުގެ ރޭ ދޫކޮށްލުމާ އެކު ކަޝްމީރުގައި ދެ ގައުމުގެ ސިފައިން އަނެއްކާ ވެސް ހަމަލާތައް ބަދަލު ކުރަން ފަށައިފި އެވެ.
ހަމަލާތަކުގައި ވަނީ އާއްމުންގެ ފަސް މީހުންނާއި ސިފައިންގެ ދެ މީހުން މަރުވެފަ އެވެ. ހޮނިހިރު ދުވަހުގެ ފަތިހު ދިން ހަމަލާތަކުގައި ވަނީ ކަޝްމީރުގައި އިންޑިއާއާވީ ފަޅިން ކުޑަ ދެ ކުދިންނާއި އެ ކުދިންގެ މަންމަ މަރުވެފަ އެވެ. އެ ތިން މީހުން މަރުވީ ޕާކިސްތާން ސިފައިން ބަޑިން ދިން ހަމަލާތަކުގައި ކަމަށް އިންޑިއާ ފުލުހުން ބުނެ އެވެ. ހަމަލާ އެރި އެ ކުދިންގެ ބައްޕަ އަށް ވެސް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.
އިންޑިއާގެ ހަމަލާތަކުގައި ވަނީ ކަޝްމީރުގެ ޕާކިސްތާން ފަޅިން ކުޑަ ފިރިހެން ކުއްޖަކާއި ފިރިހެނަކު މަރުވެފަ އެވެ. ޕާކިސްތާނުން ބުނެފައި ވަނީ އިންޑިއާގެ ހަމަލާތަކުގައި އެ ގައުމުގެ ސިފައިންގެ ދެ މީހުން ވެސް މަރުވެފައިވާ ކަމަށެވެ.
ކަޝްމީރުގެ މަސްރަހު ހޫނުވެފައި ވަނިކޮށް، އިންޑިއާ އާއި ޕާކިސްތާނުން ވަނީ އެއް ގައުމު އަނެއް ގައުމުގެ ސަރަހައްދަށް ވައިގެ ހަމަލާދީފަ އެވެ. ޕާކިސްތާނުން ހަމަލާދީ ވަައްޓާލި އިންޑިއާގެ ހަނގުރާމަ މަތީ ބޯޓުގެ ޕައިލެޓް ހިފެހެއްޓި ނަމަވެސް ޕާކިސްތާނުން ވަނީ "ސުލްހައިގެ ރަމްޒެއްގެ" ގޮތުން އޭނާ ދޫކޮށްލައިފަ އެވެ.