28 އޯގަސްޓް 2016 - 06:42

ހުކުރު ދުވަހު ރިލީޒްކޮށްފައިވާ ޓައިގާ ޝްރޮފް ސުޕަހީރޯއެއްގެ ރޯލު އަދާކުރި "ފްލައިން ޖެޓް" ކުޑަކުދިންނަށް ވަރަށް މަޖާވި ފިލްމަކަށްވީއިރު އެ ފިލްމު ބެލި ބޮޑެތި މީހުން ބުނަނީ ފިލްމު ވަރަށް ފޫހި ކަމަށެވެ.
ޖެކްލީން ފެނާންޑިސް ބަތަލާގެ ރޯލް އަދާކޮށްފައިވާ މި ފިލްމުގައި ހިމެނޭ ސްޓަންޓްތަކާއި އެކްޝަންތަކުން ކުޑަކުދިންނަށް އުފާވެރިކަން ގެނެސްދިނެވެ. ނަތަން ޖޯންސްގެ ކެރެކްޓާ ވެސް ގިނަ ކުދިންނަށް ވަރަށް ކަމުދިޔަ އެވެ.
"ފިލްމުގައި ޓައިގަ ވަރަށް މޮޅު. އަހަރެމެންނަށް ޓައިގާ ވެސް އަދި ފިލްމުވެސް ވަރަށް މަޖާ. އަދި ސްޓަންޓްތައް އެހާމެ ސަޅި،" ފިލްމު ބަލާފައި ނުކުތް ކުޑަކުއްޖަކު ޓައިމްސް އޮފް އިންޑިއާއާ ވާހަކަ ދައްކަމުން ބުނެފައިވެ އެވެ.
ނަމަވެސް ކުދިން ގޮވައިގެން ދިޔަ ބޮޑެތި މީހުންނަށް އެ ފިލްމު އެއްގޮތަކަށް ވެސް ކަމަކު ނުދިޔަ އެވެ. ނަމަވެސް ކުދިން ބަލާހިތްވާތީ އެކުދިން މައިންބަފައިންނަށް ވެސް ފިލްމު ބަލަން މަޖުބޫރުވާނެ ކަމަށް ބެލެވެ އެވެ.
ފިލްމަށް ފުރަތަމަ ދުވަހު ބޮކްސް އޮފީހުގައި 70 މިލިއަން ރުޕީސް ލިބިފައިވާއިރު ކުރިޔަށް އޮތް ދުވަސްތަކުގައި މި އަދަދު އިތުރުވެގެން ދާނެކަމަށް ބެލެވެ އެވެ. އަދި ހިޓަކަށް ނުވިޔަސް އެވްރެޖްވަރެއްގެ ވިޔަފާރިއެއް މި ފިލްމަށް ކުރެވޭނެކަމަށް ފިލްމީ ވިޔަފާރީގެ މާހިރުން ލަފާކުރެވެ އެވެ.