02 މާޗް 2019 - 20:55

ނިއު ދިއްލީ (މާޗް 2) - ޕާކިސްތާނުން ހިފެހެއްޓުމަށް ފަހު ހުކުރު ދުވަހު މިނިވަން ކުރި ޕައިލެޓް އަބިނާންދަން ވާތަމަންއާ އިންޑިއާގެ ޑިފެންސް މިނިސްޓަރު ނިރްމަލާ ސިތާރާމް މިއަދު ބައްދަލު ކުރައްވައިފި އެވެ.
ޑިފެންސް މިނިސްޓަރު ބައްދަލު ކުރެއްވި އިރު ޕައިލެޓް އޮތީ މެޑިކަލް ޓެސްޓްތައް ހެދުމަށް ހޮސްޕިޓަލުގަ އެވެ. ޕައިލެޓުގެ ހިތްވަރަށް މުޅި އިންޑިއާ ފަޚްރުވެރިވާ ކަމަށް ޑިފެންސް މިނިސްޓަރު ވަނީ ޕައިލެޓަށް ދަންނަވައިފަ އެވެ. ޕީޓީއައި އިން ބުނީ ޕާކިސްތާނުގެ ބެލުމުގެ ދަށުގައި ހުރި 60 ގަޑިއިރު ހިނގައިދިޔަ ކަންކަން ޕައިލެޓް ވަނީ ޑިފެންސް މިނިސްޓަރަށް ކިޔައިދީފަ އެވެ.
ޕައިލެޓުގެ މެޑިކަލް ޓެސްޓްތައް ނިމުމުން ޕާކިސްތާނުގެ ބެލުމުގެ ދަށުގައި ހުރި އިރު ކަންކަން ކުރިގޮތާ ބެހޭ ގޮތުން އިންޓަލިޖެންސް އޮފިސަރުން ސުވާލު ކުރާނެ އެވެ. އޭގެ ތެރޭގައި ޕައިލެޓް މެދުވެރިކޮށް އެއްވެސް ޖާސޫސީ މައުލޫމާތެއް ޕާކިސްތާނުން ހޯދައިފައިވޭތޯ ވެސް ބަލާނެ އެވެ.
ޕައިލެޓް މިއަދު ވަނީ އޭނާގެ އާއިލާއާ ވެސް ބައްދަލުކޮށްފަ އެވެ. އަދި އެއާ ފޯސްގެ އިސް އޮފިޝަލުންނާ ވެސް ވަނީ ބައްދަލުކޮށްފަ އެވެ.
އުމުރުން 35 އަހަރުގެ ޕައިލެޓް ދުއްވި ބޯޓު ވައްޓާލުމަށް ފަހު ޕާކިސްތާނުގެ ބެލުމުގެ ދަށަށް ގެންދިޔައީ ބުދަ ދުވަހު އެވެ.