03 މާޗް 2019 - 07:38

ރިލީޒްކުރިތާ ތިން ދުވަހުގެ ތެރޭގައި އިންޑިއާގައި ދައްކައިގެން 50 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ހޯދި ކޮމެޑީ ފިލްމު "ޓޯޓަލް ދަމާލް" ނުވަ ދުވަހުގެ ތެރޭގައި 100 ކްރޯޑް ހަމަކޮށްފި އެވެ.
މިދިޔަ މަހުގެ 22 ވަނަ ދުވަހު ރިލީޒްކުރި އިންދަރު ކުމާރުގެ "ދަމާލް" ފްރެންޗައިޒްގެ ތިން ވަނަ ފިލްމު 100 ކްރޯޑް ހަމަކުރީ ހޮނިހިރު ދުވަހު އެވެ. ބޮޑު ކާސްޓެއް ވެސް ހިމެނޭ "ޓޯޓަލް ދަމާލް" އިންޑިއާ އާއި އެ ގައުމުން ބޭރުގެ މާކެޓްތަކުގައި ދައްކައިގެން ހޮނިހިރު ދުވަހާ ހަމައަށް ވަނީ ޖުމްލަ 158.28 ކްރޯޑް ރުޕީސް ހޯފައިފަ އެވެ.
ގިނަ އަދަދަކަށް ވީއެފްއެކްސް (ސްޕެޝަލް އިފެކްޓްސް) ވެސް ހިމެނޭ މި ފިލްމު ހަދަން 100 ކްރޯޑް ހޭދަކޮށްފައިވެ އެވެ.
ވާހަކައިގައި މާ ބޮޑު އޮއްޓަރެއް ނެތް ނަމަވެސް ފިލްމުގައި ވަރަށް މަޖާ ކަންތައްތަކެއް ހިމެނޭތީ ބޮޑު ތަރުހީބެއް ލިބެމުން އަންނަ "ޓޯޓަލް ދަމާލް" ބެލުންތެރިންނަށް ކަމުދިޔަ އެއް ސަބަބަކީ މަޝްހޫރު ތަރިންތަކެއް ވެސް ހިމެނިފައިވުމެވެ. އޭގެ ތެރޭގައި ހިންދީ ސިނަމާގެ އެންމެ މަގުބޫލު އެއް ޖޯޑު ކަމަށްވާ އަނިލް ކަޕޫރާއި މަދޫރީ ޑިކްސިޓް ހިމެނެ އެވެ.
"ޓޯޓަލް ދަމާލް" އަކީ 100 ކްރޯޑްގެ އާމްދަނީއެއް ހޯދި މަދޫރީގެ ފުރަތަމަ ފިލްމެވެ.
މި ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި އަޖޭ ދޭވްގަން، ރިތޭޝް ދޭޝްމުކް، އަރުޝަދު ވަރުސީ، ޖާވިދު ޖެފްރީ، ޖޯނީ ލީވާ، އީޝާ ގުޕްތާ އަދި ސަންޖޭ މިޝްރާ ހިމެނެ އެވެ. އަދި ފިލްމުގެ ލަވައަކުން ސޮނާކްޝީ ސިންހާ ފެނިގެންދާ އިރު، އާމިރު ހާންގެ ހާއްސަ ފެނިލުމެއް ވެސް "ޓޯޓަލް ދަމާލް" ގައި ހިމެނެ އެވެ.
މި ފިލްމަކީ މި އަހަރު 100 ކްރޯޑް ކުލަބަށް ވަން ހަތަރު ވަނަ ފިލްމެވެ. މި އަހަރުގެ މިހާތަނަށް 100 ކްރޯޑް ރުޕީސް އަށް ވުރެ ބޮޑު އާމްދަނީއެއް ހޯދި ފިލްމުތަކަކީ ވިކީ ކޯޝަލްގެ "އުރީ: ސާޖިކަލް ސްޓްރައިކް"، ކަންގަނާ ރަނާވަތުގެ "މަނިކަރުނިކާ: ދި ކްއީން އިފް ޖާންސީ" އަދި ރަންވީރު ސިންގް އާއި އާލިއާ ބަޓްގެ "ގަލީ ބޯއި" އެވެ.
މިދިޔަ އަހަރަކީ ބޮލީވުޑްގައި 100 ކްރޯޑް ރުޕީސް އަށް ވުރެ ބޮޑު އާމްދަނީއެއް 13 ފިލްމަކުން ކަށަވަރު ކުރި އަހަރެކެވެ. ބެލެވޭ ގޮތުން މި އަހަރަކީ ވެސް ބޮލީވުޑަށް ވަރަށް ފާގަތި އަހަރަކަށް ވާނެ އެވެ.
ވަރަށް ފާހަގަކޮށްލެވޭ ފިލްމުތަކެއް ރިލީޒް ކުރަން ތާވަލުކޮށްފައިވާ އިރު، މިދިޔަ ހުކުރު ދުވަހު ރިލީޒް ކުރި ރޮމޭންޓިކް ކޮމެޑީ "ލުއްކާ ޗުއްޕީ" އާއި ކްރައިމް ޑްރާމާ "ސޯންޗިޅިޔާ" އަށް ވެސް އަންނަނީ ރަނގަޅު ތަރުހީބެއް ލިބެމުންނެވެ.