އިންޑިއާ އިން ހަމަލާ ދިނީ ގަސްތަކަކަށް، މައްސަލަ އދ. އަށް
އިންޑިއާ އިން ހަމަލާ ދިނީ ގަސްތަކަކަށް، މައްސަލަ އދ. އަށް

އިސްލާމްއާބާދު (މާޗް 2) - ޖައިޝީ މުހައްމަދު ޖަމާއަތުގެ މައި ކޭމްޕަށް ހަމަލާ ދިން ކަމަށް ބުނެ އިންޑިއާ ސިފައިންގެ ވައިގެ ހަމަލާތަކުގައި ޖަންގަލީގެ އެތައް ބައިވަރު ގަސްތަކެއް ވައްޓާލާފައިވާތީ އެ ގައުމާ ދެކޮޅަށް "އިކޯ-ޓެރަރިޒަމް" ގެ މައްސަލައެއް އދ. އާއި ކަމާބެހޭ އެހެން ޖަމާއަތްތަކަށް ހުށަހަޅާނެ ކަމަށް ޕާކިސްތާނުން ބުނެފި އެވެ.

އިންޑިއާގެ ހަނގުރާމަ މަތީ ޖެޓްތަކުން އަންގާރަ ދުވަހު ހަމަލާދީފައި ވަނީ ޕާކިސްތާނުގެ އުތުރުން އޮންނަ ބަލަކޮޓް ޓައުނަށެވެ. އިންޑިއާ އިން ބުނެފައި ވަނީ ވައިގެ ހަމަލާތަކުގައި ޖައިޝީ މުހައްމަދުގެ މައި ޓްރޭނިން ކޭމްޕް ހަލާކުކޮށްލައި އެތައް ސަތޭކަ ހަނގުރާމަވެރިން މަރާލާފައިވާ ކަމަށެވެ.

ޕާކިސްތާނުގެ ކްލައިމެޓް ޗޭންޖް މިނިސްޓަރު މާލިކް އަމިން އަސްލަމް ވިދާޅުވީ އިންޑިއާގެ ޖެޓްތަކުން ބޮން އެޅީ "ފޮރެސްޓް ރިޒާވް" އަކަށް ކަމަށެވެ. އަދި ޕާކިސްތާނުގެ ސަރުކާރުން މިހާރު ދަނީ ޖަންގަލީގެ ގަސްތަކަށް ދިން ގެއްލުން ބަލަމުން ކަމަށް ވިދާޅުވި އެވެ.

"އިންޑިއާ އިން ހިންގާފައި ވަނީ ތިމާވެށީގެ ޓެރަރިޒަމްގެ އަމަލެއް. ތިމާވެށީގެ ބޮޑު ގެއްލުމެއް ދީފައި ވަނީ،" ރޮއިޓާސްއާ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވި އެވެ.

ރައްދުގައި ޕާކިސްތާނުން ދިން ހަމަލާތަކުގައި އިންޑިއާގެ ހަނގުރާމަ މަތީ ދެ ބޯޓު ވައްޓާލައި ޕައިލެޓަކު ވަނީ ހައްޔަރުކޮށްފަ އެވެ. ނަމަވެސް އެ ޕައިލެޓް ވަނީ ހުކުރު ދުވަހުގެ ރޭ އިންޑިއާއާ ހަވާލުކޮށްފަ އެވެ.