މި ހަފުތާ އެއްކޮށް ގަދަޔަށް ވިއްސާރަ ކުރާނެ: މެޓް
މި ހަފުތާ އެއްކޮށް ގަދަޔަށް ވިއްސާރަ ކުރާނެ: މެޓް

މި ހަފުތާ ނިމެންދެން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ގަދަޔަށް ވިއްސާރަ ކުރާނެ ކަމަށް މޫސުމާ ބެހޭ އިދާރާ (މެޓް) އިން މިއަދު ބުނެފި އެވެ.

މެޓުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި މިއީ ރާއްޖެ ސަރަހައްދުގައި އުފެދިފައިވާ ލޯ ޕްރެޝަރު ޓްރަފެއްގެ ސަބަބުން ކުރާ ވިއްސާރައެކެވެ. އަދި މިހާރު ލަފާ ކުރެވޭ ގޮތުން ވިއްސާރަ ދިގުލައިގެން ހިނގައިދާނެ ކަމަށް އެ ތަނުން ބުންޏެވެ.

"ދޭތެރެ ދޭތެރެ އިން ވަރަށް ބޯކޮށްލާނެ. މި ގޮތަށް އަންނަ ބުރާސްފަތި ދުވަހާ ހަމައަށް ވާރޭ ވެހޭނެ،" އޮފިޝަލް ވިދާޅުވި އެވެ.

ރާއްޖޭގެ އެކި ހިސާބުތަކަށް ގަދަޔަަށް ވިއްސާރަ ކުރާތާ މިހާރު ދުވަސްކޮޅެއް ވެއްޖެ އެވެ.

މެޓުގެ އޮފިޝަލު ވިދާޅުވި ގޮތުގައި ވިއްސާރައިގައި ކަނޑާއި ވައި ވެސް ގަދަ ވާނެ އެވެ. އެ ގޮތުން ދެކުނުގެ އަތޮޅުތަކަަށް ހުޅަނގާއި ހުޅަނގު ދެކުނުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައި ގަދަވާނެ ކަމަށް މެޓުން ލަފާކުރެ އެވެ.

މި ވިއްސާރަ ކުރިއަށް އޮތް ބޮޑު އީދާ ހަމައަށް ދިގު ދެމިގެން ދާނެކަން ބުނަން އަދި ނޭނގޭ ކަމަށް މެޓުން ބުންޏެވެ.