01 މާޗް 2019 - 23:45

އިސްލާމްއާބާދު (މާޗް 1) - ޕާކިސްތާނުން ހިފެހެއްޓި އިންޑިއާގެ ޕައިލެޓް މިރޭ މިނިވަންކޮށްފި އެވެ.

ވިންގް ކޮމާންޑަރު އަބިނާންދަން ވާތަމަން އިންޑިއާއާ ހަވާލުކުރީ ދެ ގައުމު ގުޅޭ ވަގަރު ބޯޑަރު ސަރަހައްދުގަ އެވެ. އިންޑިއާއާ ހަވާލު ކުރުމުގެ ކުރިން ޕާކިސްތާން ޓީވީ އަށް އަބިނާންދަން ބުނީ ޕާކިސްތާން ސިފައިން އޭނާއާ މެދު ކަންތައް ކުރި ގޮތާ މެދު ހިތްހަމަޖެހޭ ކަމަށެވެ. އަދި އެއީ ޕްރޮފެޝަނަލް ބައެއް ކަމަށް އޭނާ ބުންޏެވެ.

ޕައިލެޓް އަބީނާންދަން އަކީ މިހާރު އިންޑިއާގައި ބަތަލެކެވެ. އޭނާ މިނިވަންވުމުގެ އުފަލުގައި މިރޭ ނިއު ދިއްލީގައި ވަނީ ހަވާ ވެސް އަރުވައިފަ އެވެ.

ޕައިލެޓަށް ތައުރީފް ކުރައްވަމުން ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވިދާޅުވީ އޭނާގެ އާދަޔާޚިލާފު ހިތްވަރަށް މުޅި އިންޑިއާ ފަޚުރުވެރިވާ ކަމަށެވެ.
އިންޑިއާގެ އޮފިޝަލުން ބުނީ ޕައިލެޓުގެ މެޑިކަލް ޗެކަޕް ހެދުމަށް ފަހު ވައިގެ މަގުން ދިއްލީ އަށް ގެންދާނެ ކަމަށެވެ.
ޕައިލެޓަށް މަރުހަބާ ކިޔުމަށް މިއަދު ހެނދުނުން ފެށިގެން މީހުން ވަނީ ވަގާހް ބޯޑަރަށް ޖަމާވާން ފަށައިފަ އެވެ. ބައެއް މީހުން އިންޑިއާގެ ދިދަ ހިފައިގެންނެވެ. އަނެއް ބައި މީހުން ގައުމީ ދިދަ އެ މީހުންގެ ކޮލުގައި ކުރަހައިގެންނެވެ.
ދެކުނުގެ ޗެންނާއީ އަށް ނިސްބަތްވާ އަަބިނާންދަންގެ ބައްޕައަކީ ވެސް އެއާފޯސް ޕައިލެޓެކެވެ. އޭނާގެ މަންމައަކީ ޑޮކްޓަރެކެވެ. ޕައިލެޓަށް މަރުހަބާ ކިޔުމަށް އޭނާގެ އާއިލާ ވެސް ވަގާހު ބޯޑަރަށް ދިޔަ އެވެ.