ޓެޓޫ ޖަހަން ބޭނުންކުރާ ދެލީގައި ވިހަ
ޓެޓޫ ޖަހަން ބޭނުންކުރާ ދެލީގައި ވިހަ

ޓެޓޫ ޖަހަން ބޭނުންކުރާ ދެލީގެ ތެރޭގައި، ވިހަ މާއްދާތައް ގިނަ ކަމަށާއި އެ ވިހަތަކުގެ އަސަރު ޓެޓޫ ޖެހުމުގެ އެތައް އަހަރެއް ފަހުން ވެސް ހަށިގަނޑަށް ކޮށްފާނެ ކަމަށް ޔޫރަޕިއަން ކޮމިޝަންގެ ޖޮއިންޓް ރީސާޗް ސެންޓަރުގެ ރިޕޯޓެއްގައި ބުނެފި އެވެ.

ރިޕޯޓްގައި ބުނެފައި ވަނީ ޓެޓޫ ޖެހުމަށް ޔޫރަޕްގައި ބޭނުންކުރާ ދެލީގައި ވިހަ މާއްދާތައް ގިނަ އަދަދަކަށް ހުރިކަން ފާހަގަވެފައިވާ ކަމަށާއި މީގެ ތެރޭގައި ގިނައީ އެމެރިކާގައި އުފައްދާފައިވާ ދެލި ކަމަށެވެ. ކެންސަރަށް މަގު ފަހިކުރުވާ ވިހަ މާއްދާތައް ވެސް ދެލިން ފެނިފައިވެ އެވެ.

ޓެޓޫ ޖަހަން ގެންގުޅޭ ދެލީގައި އާސެނިކް، ލެޑް އަދި ނިކެލް އާއި ގިނަ ދުވަހު ދެލީގެ ކުލަ ހިފެހެއްޓުމަށް ބޭނުންކޮށްފައި ހުންނަ އޯގަނިކް ކޮމްޕައުންޑްތަކާއި ބެކްޓީރިއާގެ އިތުރުން ވިހަ އެހެން މާއްދާތައް ވެސް ހިމެނޭ ކަމަށް ރިޕޯޓްގައި ބުނެފައިވެ އެވެ.

"ޕާމަނަންޓް މޭކަޕް" ގެ ގޮތުގައި ވެސް މިހާރު ޓެޓޫ ދެލި ބޭނުންކުރުން އާންމުވަމުން އަންނައިރު މިފަދަ ދެލީގެ ރައްކާތެރިކަން ކަށަވަރުކުރަން ޖެހޭ ކަމަށާއި ދެލީގެ ރައްކާތެރިކަމާ ބެހޭ މިންގަނޑެއް އަލުން އެކުލަވާލަން ޖެހިފައިވާ ކަމަށް ވެސް ކޮމިޝަންގެ ރިޕޯޓްގައިވެ އެވެ. އަދި ޔޫރަޕިއަން ކެމިކަލް އެޖެންސީ (އީސީއެޗްއޭ) އިން މިކަން އިތުރަށް ބެލުމަށް ކޮމިޝަނުން ވަނީ އެދިފަ އެވެ.

"ކެންސަރު ޖައްސައި، ޖީން މިއުޓޭޓްވެ އަދި ވިހަވެ ދަރިމައިވުމުގެ ނިޒާމަށް ގެއްލުން ލިބޭ މާއްދާތައް ވެސް ޓެޓޫ ޖަހަން ބޭނުންކުރާ ދެލީގައި އެބަހުރި،" އީސީއެޗްއޭ އިން ބުނެފައިވެ އެވެ.

އެމެރިކާގައި ގިނަ އަދަދެއްގެ ބަޔަކު ޓެޓޫ ޖަހާފައި ވާއިރު އަދި ޓެޓޫ ޖަހާ މީހުންގެ އަދަދު އިތުރުވަމުން އަންނައިރު އެކަމާ ގުޅޭ ގޮތުން އަޅަންޖެހޭ ރައްކާތެރި ކަމުގެ ފިޔަވަޅުތައް ސިއްހީ ކަންކަމާ ބެހޭ އިދާރާތަކުން އަޅަމުން ނުދާކަން ބައެއް ޖަމާއަތްތަކުން ފާހަގަކުރެ އެވެ.

ތަޖުރިބާކާރުން ވިދާޅުވަނީ ވިހަވުމާއި އެލާޖިކް ވުމަކީ ޓެޓޫ ޖެހުމާ އެކު ދިމާވާ ކަމަކަށް ނުވެދާނެ ކަމަށާއި އެތައް އަހަރެއް ފަހުން ވެސް މައްސަލަތަކާ ކުރިމަތި ވެދާނެ ކަމަށެވެ.