02 މާޗް 2019 - 10:31

މެންޗެސްޓާ (މާޗް 2) - މެންޗެސްޓާ ޔުނައިޓެޑްގެ ދާއިމީ ކޯޗުކަން މިހާރު ހުރި އޮލެ ގުނަ ސޯލްޝެއާ އަށް ހައްގުވާ ކަމަށާއި އޭނާ ބަހައްޓަން މަސައްކަތްކުރާނެ ކަމަށް ޔުނައިޓެޑްގެ ބައެއް ބޯޑު މެމްބަރުންނާ ހަވާލާދީ މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.
މިދިޔަ ޑިސެމްބަރު މަހު ހޯސޭ މޮރީނިއޯ މަގާމުން ދުރުކޮށް މި ސީޒަނުގެ ނިޔަލަށް ޔުނައިޓެޑްގެ ކޯޗަކަށް ސޯލްޝެއާ ހަމަޖެއްސީ އޭނާ އަށް ޓީމުގެ ހާލަތު ރަނގަޅުކުރެވޭނެ ކަމުގެ އިތުބާރު ޔުނައިޓެޑަށް އޮތުމުންނެވެ. މިހާތަނަށް ސޯލްޝެއާގެ ކޯޗުކަމުގެ ދަށުގައި ޔުނައިޓެޑުން ކުޅުނު 15 މެޗުގެ ތެރެއިން ބަލިވީ ޗެމްޕިއަންސް ލީގުގައި ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީއާ ދެކޮޅަށް ކުޅުނު މެޗުން އެކަންޏެވެ.
ޔުނައިޓެޑުން ލީގުގައި މިހާތަނަށް ސޯލްޝެއާގެ އިރުޝާދުގެ ދަށުން ކުޅުނު 11 މެޗުން ބަލިވެފައިނުވާއިރު، އަލަށް ޓީމަކާ ހަވާލުވެ އެންމެ ރަނގަޅު ނަތީޖާތަކެއް ޕްރިމިއާ ލީގުގައި ނެރުނު ކޯޗަކީ ވެސް ސޯލްޝެއާ އެވެ. އަދި ޔުނައިޓެޑަށް މިހާރު ދިމާވެފައިވާ އަނިޔާގެ މައްސަލަތަކާ އެކު ވެސް ސޯލްޝެއާ ވަނީ ނަތީޖާ ނެރެފަ އެވެ. އެ ގޮތުން ބުދަ ދުވަހުގެރޭ ރަށުންބޭރުގައި ވަނީ ކްރިސްޓަލް ޕެލަސްގެ މައްޗަށް 3-1 އިން ކުރި ހޯދި އެވެ.
"އެލެކްސް (ފާގަސަން)ގެ ފަހުން އަހަރެމެން ޓީމަށް އައި ތިން ކޯޗުންނަށް ވެސް ސަޕޯޓަރުންގެ ލޯބި އެންމެ ފުރިހަމަ އަށް ނުލިބި އޮއްވައި މަންޒަރު ބަދަލުވީ ސޯލްޝެއާ ގެނައި ފަހުން. މި ޓީމުގެ ވިސްނުން ދަންނަ ކޯޗެއް ސޯލްޝެއާ އަކީ. އަހަރެމެންގެ ވިސްނުމަކީ ސޯލްޝެއާ މަގާމުގައި ބެހެއްޓުން. އެ ގޮތަށް މަސައްކަތް ކުރާނީ ވެސް،" ޔުނައިޓެޑްގެ ބޯޑު މެމްބަރަކާ ހަވާލާދީ އިނގިރޭސި މީޑިއާއެއް ކަމަށްވާ ބީޓީ ސްޕޯޓްސް އިން ރިޕޯޓްކޮށްފައިވެ އެވެ.
ޔުނައިޓެޑްގެ ވައިސް ޗެއާމަން އެޑް ވުޑްވާޑާ އެކު މިދިޔަ ހަފްތާގައި ސޯލްޝެއާ ވަނީ ބައްދަލުވުމެއް ބާއްވައިފަ އެވެ. އެ ގޮތުން އަންނަ ސީޒަނުގައި ޔުނައިޓެޑަށް ގެންނާނެ ބަދަލުތަކާ ބެހޭގޮތުން އެ ބައްދަލުވުމުގައި މަޝްވަރާކުރި ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ޔުނައިޓެޑުން މި ސީޒަނުގެ ލީގަށް ކަނޑައަޅާފައިވާ ޓާގެޓަކީ ގަދަ ހަތަރެއްގެ ޖާގަ ކަށަވަރުކުރުމެވެ. އެކަމަކު ސޯލްޝެއާގެ އަމާޒު ހުރީ ހަމައެކަނި ގަދަ ހަތަރަކަށް ނޫން ކަމަށާއި މުބާރާތެއް ކާމިޔާބުކުރަން ބޭނުންވާ ކަމަށް ވަނީ ބުނެފަ އެވެ.
ސޯލްޝެއާ ޔުނައިޓެޑްގެ ކޯޗަކަށް ބަހައްޓަން ބޭނުންވާ ކަމަށް އޭނާއާ އެކުގައި ޔުނައިޓެޑަށް ކުޅުނު ގިނަ ކުޅުންތެރިން ތާއީދުކުރެ އެވެ. އޭގެ ތެރޭގައި ގެރީ ނެވިލާއި ޕައުލް ސްކޯލްސް އަދި ޕީޓަ ޝްމައިކަލް ހިމެނެ އެވެ. ޔުނައިޓެޑުން އެންމެ ފަހުން ބުނެފައިވަނީ ސޯލްޝެއާއާ ގުޅޭގޮތުން ވަކި ގޮތެއް ނިންމާނީ މި ސީޒަން ނިމުމުން ކަމަށެވެ.
ޔުނައިޓެޑުން ވަނީ އެ ޓީމުގެ ކޯޗަކަށް ޓޮޓެންހަމްގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ގެންނަން ވެސް މަސައްކަތްކޮށްފަ އެވެ. އަދި އެ ޓީމާ ހަވާލުވާން ރެއާލް މެޑްރިޑްގެ ކުރީގެ ކޯޗު ޒިނެދިން ޒިދާންއާ މަޝްވަރާކުރި ކަމަށް ވެސް ވެ އެވެ.
ލީގުގައި މިރޭ ޔުނައިޓެޑް ކުޅޭ މެޗުގައި އަމިއްލަ ދަނޑުގައި ނުކުންނާނީ ސައުތެމްޓަންއާ ދެކޮޅަށެވެ. އެ މެޗު ފަށާނީ ރާއްޖެ ގަޑިން 8 ޖަހާއިރު އެވެ.