02 މާޗް 2019 - 10:38

ޕެރިސް (މާޗް 2) - އަންނަ ޖޫން މަހު ބާއްވާ އަންހެނުންގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުން ނުފެނުނު ނަމަވެސް ސަޕޯޓަރެއްގެ ގޮތުގައި ހުންނާނެ ކަމަށް ބެލޮންޑިއޯ އެވޯޑްސްގެ އެންމެ މޮޅު އަންހެން ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ހޯދި ނޯވޭގެ އާޑާ ހެގަބާގް ބުނެފި އެވެ.

ފްރާންސްގެ ލިޔޯނަށް ކުޅެމުން އަންނަ ހެގަބާގަކީ ބެލޮންޑިއޯ އެވޯޑްސް އިން އަލަށް ތައާރަފްކުރި އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ މަގާމު ހޯދި ފުރަތަމަ ކުޅުންތެރިޔާ އެވެ. އުމުރުން 23 އަހަރުގެ ހެގަބާގް ވަނީ ޖެހިޖެހިގެން ދެ އަހަރު ލިޔޯނަށް ޗެމްޕިއަންސް ލީގު ހޯދައިދޭން އެހީތެރިވެފަ އެވެ. އޭނާ އަށް ބެލޮންޑިއޯ ލިބުނީ ވެސް ލިޔޯނުގައި ހޯދި ކާމިޔާބީގެ ސަބަބުންނެވެ.
ހެގަބާގް ގައުމީ ޓީމަށް ކުޅުން ހުއްޓާލީ 2017 ވަނަ އަހަރުގެ ޔޫރޯގައި އެ ޓީމުގެ ނަތީޖާތައް ދަށްވެ، އެކަމާ ގުޅިގެން އަމާޒުވި ފާޑުކިޔުންތަކުގެ ސަބަބުންނެވެ. ހެގަބާގް ކުޅުން ހުއްޓާލުމުގެ ކުރިން ބުނީ ނޯވޭގެ ފުޓްބޯލް ފެޑެރޭޝަނުން ވެސް އެކަމުގައި އޭނާ އަށް އެހާބޮޑު އެއްބާރުލުމެއް ނުލިބުނު ކަމަށެވެ.
ޑިސެމްބަރު މަހު ބެލޮންޑިއޯ އެވޯޑް ލިބުމުން ހެގަބާގް އަލުން ނޯވޭ ޓީމަށް ގުޅެން އުޅޭ ކަމަށް އަޑުފެތުރުނެވެ. އަދި ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ހޯދުމަށް މަޝްވަރާ ބައްދަލުވުންތަކެއް ބޭއްވި އެވެ. ދާދި ފަހުން ނޯވޭ ގައުމީ ޓީމުގެ ކޯޗު މާޓިން ސްޔޯގްރެން ބުނީ ބޭއްވި ބައްދަލުވުންތަކުގައި އެކަށީގެންވާ ކުރިއެރުމެއް ނުލިބުނު ކަމަށާއި އެހެންވެ މި ފަހަރުގެ ވޯލްޑް ކަޕްގައި ހެގަބާގް އެ ޓީމުން ނުފެންނާނެ ކަމަށެވެ.
"ބައެއް ފަހަރު ހަޔާތުގައި ޖެހޭނެ ވަރަށް އުނދަގޫ ނިންމުންތަކެއް ނިންމަން. ގައުމީ ޓީމާ ދުރަށް ދިއުމަކީ އޭގެ ތެރެއިން އެއް ނިންމުން. އެއީ އަހަރެންގެ ކެރިއަރުގައި ކުރިއަށް ދިއުމަށް ވަރަށް ވިސްނާފައި ނިންމި ނިންމުމެއް،" ވޯލްޑް ކަޕްގައި ގައުމީ ޓީމަށް ނުކުޅެން ނިންމި ނިންމުމާ ބެހޭގޮތުން އޭއެފްޕީ އަށް ހެގަބާގް ބުންޏެވެ.
މި ފަހަރުގެ ވޯލްޑް ކަޕްގައި ނޯވޭ ހިމެނެނީ ފްރާންސާ އެއް ގްރޫޕެއްގަ އެވެ. ހެގަބާގް ނުލައި ނޯވޭ ގައުމީ ޓީމުން ވަނީ ރަނގަޅު ނަތީޖާތަކެއް ނެރެފަ އެވެ. ވޯލްޑް ކަޕް ފައިނަލަށް ނޯވޭ ދަތުރުކޮށްފިނަމަ އެ ޓީމު މެޗު ކުޅޭނީ ހެގަބާގް ދިރިއުޅެމުން އަންނަ ލިޔޯން ސަރަހައްދުގައި ހުރި ސްޓޭޑިއަމްގަ އެވެ. އޭނާ ބުނީ ޓީމުގައި ނެތަސް އޭނާ އަބަދުވެސް ހުންނާނީ އެއް ވަނަ ސަޕޯޓަރުގެ ގޮތުގައި ކަމަށެވެ.
"ގައުމީ ޓީމަށް ނުކުޅެން ނިންމީ ވަރަށް ކުރިން. މުބާރާތުގެ ޝެޑިއުލަކަށް ނުބަލަން. ހަގީގަތުގައި އަހަރެން ޓީމުގައި ނެތް ކަމަކު އަބަދުވެސް ޓީމަށް ކާމިޔާބަށް އެދެން. އަހަރެން ހުންނާނަން ޓީމަށް ސަޕޯޓްކުރަން. މެޗުތަކަށް ވެސް ދާނަން،" ހެގަބާގް ބުންޏެވެ.
ގައުމީ ޓީމަށް އަލުން ކުޅުމާ މެދު ވަކި ގޮތެއް ނުނިންމާ ކަމަށާއި އެކަމާ މެދު ވިސްނާނީ ވަރަށް ރަނގަޅަށް ހާލަތު ދެނެގަތުމަށް ފަހު ކަމަށެވެ. ރިޕޯޓްތައް ބުނާގޮތުން ހެގަބާގްގެ ހިތްހަމަ ނުޖެހެނީ ނޯވޭގެ ފުޓްބޯލް ފެޑެރޭޝަނުން އަންހެން ފުޓްބޯޅައިގައި ގެންގުޅޭ ތަފާތު ކުރުންތަކުގެ ސަބަބުންނެވެ. އަދި އަންހެން ޓީމާއި ފިރިހެން ޓީމާ ދެމެދު ބޮޑު ތަފާތުކުރުންތަކެއް ގެންގުޅޭތީ އެވެ. އަދި އަންހެން ޓީމަށް ފާޑުކިޔުން އަމާޒުވާއިރު، ފުޓްބޯލް ފެޑެރޭޝަން ހިމެނޭނުން އޮންނާތީ އެވެ.
ނޯވޭ އާއި ފްރާންސްގެ އިތުރުން މި ފަހަރުގެ ވޯލްޑް ކަޕްގައި އެ ގްރޫޕުގައި ހިމެނެނީ ދެކުނު ކޮރެއާ އަދި ނައިޖީރިއާ އެވެ.