ބިން ލާދިންގެ ދަރި ހަމްޒާގެ ބޮލަށް އެމެރިކާ އިން އެއް މިލިއަން ޑޮލަރު
ބިން ލާދިންގެ ދަރި ހަމްޒާގެ ބޮލަށް އެމެރިކާ އިން އެއް މިލިއަން ޑޮލަރު

ވޮޝިންޓަން (މާޗް 1) - އަލްގައިދާ ޖަމާއަތުގެ ކުރީގެ ލީޑަރު އުސާމާ ބިން ލާދިންގެ ފިރިހެން ދަރިފުޅު ހަމްޒާއާ ގުޅޭ މައުލޫމާތެއް ފޯރުކޮށްދިން ފަރާތަކަށް އެއް މިލިއަން ޑޮލަރުގެ އިނާމެއް އެމެރިކާ އިން ހުށަހަޅައިފި އެވެ.

އެމެރިކާގެ އޮފިޝަލުން ބުނި ގޮތުގައި ހަމްޒާ ބިން ލާދިން އަކީ އަލްގައިދާ ޖަމާއަތުގައި މިހާރު އަރަމުން އަންނަ ލީޑަރެކެވެ. އޭނާ ދިރިއުޅެމުން ދަނީ އަފްޣާން-ޕާކިސްތާން ބޯޑަރު ސަރަހައްދުގައި ކަމަށް ބެލެވެ އެވެ.

ދާދި ފަހުން އޭނާ ނެރުނު އޯޑިއޯ އަދި ވީޑިއޯ މެސެޖްތަކުގައި ބައްޕަގެ މަރުގެ ބަދަލު ހިފުމަށް އެމެރިކާއާ އަދި އެ ގައުމާ ގުޅިފައިވާ ހުޅަނގުގެ ގައުމުތަކަށް ހަމަލާ ދިނުމަށް ވަނީ ގޮވާލައިފަ އެވެ.

އެމެރިކާގެ ސްޕެޝަލް ފޯސަސް އިން ހަމަލާދީ ބިން ލާދިން މަރާލީ 2011 ވަނަ އަހަރު އެވެ. އޭރު ބިން ލާދިން އުޅެމުން ދިޔައީ ޕާކިސްތާނުގެ އަބޮޓްއާބާދުގަ އެވެ. ބިން ލާދިންގެ މޭސްތިރިކަމުގައި ސެޕްޓެމްބަރު 11، 2001 ގައި އެމެރިކާ އަށް ދިން ޓެރަރިސްޓް ހަމަލާގައި 3،000 އަށް ވުރެ ގިނަ މީހުން މަރުވި އެވެ.

އުމުރުން 30 އަހަރުގެ ހަމްޒާ ބިން ލާދިން އަކީ ޓެރަރިސްޓެއްގެ ގޮތުގައި އެމެރިކާ އިން ކަނޑައެޅީ މީގެ ދެ އަހަރު ކުރިންނެވެ. އޭނާ ކައިވެނިކޮށްފައި ވަނީ، ނިއު ޔޯކުގެ ވޯލްޑް ޓްރޭޑް ސެންޓަރަށް ހަމަލާ ދިނުމަށް ބޭނުންކުރި ހަތަރު މަތިންދާ ބޯޓުގެ ތެރޭން އެއް ބޯޓް ހައިޖެކް ކުރި މުހައްމަދު އަތާގެ ދަރިއަކާ ކަމަށްވެ އެވެ.