ހެޔޮލަފާ ޟަމީރެއް ވާނަމަ އަމާނާތްތެރިވެ ކިޔަމަންވާން ފަސޭހަވާނެ
ހެޔޮލަފާ ޟަމީރެއް ވާނަމަ އަމާނާތްތެރިވެ ކިޔަމަންވާން ފަސޭހަވާނެ

އީމާންތެރިކަމުން ތަރުބިޔަތު ވެފައިވާ ޟަމީރު ތަކަކީ ކޮންމެ މުޖުތަމައެއްގައި ވެސް ރިވެތި އަޚުލާގީ ސިފަތައް ފެތުރިފައި އޮތުމަށްޓަކައި ވަރަށް މުހިންމު ކަމެކެވެ. އެއީ އެކަމުގެ ހެޔޮ އަސަރު ދިރިއުޅުމުގެ ތަފާތު މައިދާން ތަކުން ފެނިގެން ދާތީ އެވެ. މިގޮތުން މާލީ ހައްގުތައް އަދާކުރުމުގައާއި، ކުށްތަކަށް އިއުތިރާފުވެ އުގޫބާތް ތަހައްމަލް ކުރުމުގަ އާއި، ގާނޫނުތަކަށް ބޯލަނބައި އަމާނާތްތަކަށް ރައްކާތެރިވުމުގަ އާއި، ސިޔާސަތުތައް ހިންގައި ހުކުމް ކުރުމުގަ އާއި، ވިޔަފާރި އާއި މުއާމަލާތުތަކުގަ އާއި، ހެޔޮފޯރުވައި އެހެން މީހުންނަށް އިސްކަން ދިނުން ފަދަ މައިދާންތަކުން މިކަން ފެންނާނެ އެވެ. މިހެންވެ ހެޔޮލަފާ ޟަމީރުތަކެއް ތަރުބިޔަތު ކުރުމަށް އިސްލާމް ދީނުގައި ވަރަށްބޮޑަށް ބާރުއަޅާފައިވެ އެވެ. ނަތީޖާއެއްގެ ގޮތުން އިސްލާމީ ތާރީޚަށް ބަލާއިރު މިފަދަ މިސާލުތައް ފެނެއެވެ. މި ލިޔުމުގައި މިބަލާލަނީ މި އިޝާރާތް ކުރި މައިދާން ތަކުގެ ތެރެއިން އަމުރަށް ކިޔަމަންވުމާއި އަމާނާތްތެރިވުމުގައި ހެޔޮލަފާ ޟަމީރަކުން ފެނިގެންދާ ހެޔޮ އަސަރުގެ މައްޗަށެވެ.

ކޮންމެ މުޖުތަމައެއްގައި ވެސް އެ މުޖުތަމައުގެ ކަންކަން ހަމަޖެހޭ ނިޒާމަކުން ގެންދިއުމަށްޓަކައި އެންމެން ތަބާވާން ޖެހޭ އަމުރުތަކެއް ހުރެ އެވެ. މިގޮތުން ގާނޫނުތަކާއި ގަވައިދުތަކާއި އުސޫލުތައް އެކަށައަޅަ އެވެ. އަދި ހާލަތު ނިޔާކުރާގޮތުން ވެރިންގެ ފަރާތުން ވަކި ކަންކަމަށް ހާއްސަ އަމުރުތައް ނެރެމުން ދެއެވެ. މިފަދަ އަމުރުތަކަށް ތަބާވުމަކީ ރައްޔިތުންނަށް ލާޒިމު ކަމެކެވެ. ތަބާ ނުވާ ނަމަ އަދަބުތައް ދޭގޮތަށް ވެސް ކަނޑައެޅިފައި ހުރެ އެވެ. އެހެންނަމަވެސް ބައެއް މީހުން މިފަދަ އަމުރުތަކަށާއި ގާނޫނާއި ގަވައިދުތަކަށް ކިޔަމަންވުމުގައި އެކި ސަބަބުތަކާ ހުރެ ނާކާމިޔާބުވެ އެވެ.

އިސްލާމީ ނަޒަރުން ބަލާއިރު ވެރިންގެ އަމުރުތަކަށް (ﷲ އަށް އުރެދުމެއް ނުވާ ނަމަ) ކިޔަމަންވުމަކީ ވާޖިބެކެވެ. މި ވާޖިބަށް ތަބާވުމުގައި އިންސާނާގެ ޟަމީރު އީމާންތެރިކަމުން ތަރުބިޔަތުވެފައިވާ ނަމަ ހިތުން ރުހުމުން ކިޔަމަންވާން ފަރުވާތެރިވާނެ އެވެ. އަމުރުތަކަށް ކިޔަމަންވޭތޯ ބަލަން ދައުލަތުގެ ފަރާތުން މީހަކު ހުރޭތޯ ނުވަތަ ނޫންތޯ ނުބަލާނެ އެވެ. މީގެ ވަރަށް ރީތި މިސާލެއް ޢުމަރުގެފާނުގެ ޒަމާނުގައި ފެނިގެން ދިޔަ އެވެ. އެއީ ގެރިބަކަރީގެ ކިރު ވިއްކާ ބައެއް މީހުން ގިނަ ފައިދާ ހޯދަންވެގެން އެއަށް ފެން އަޅައިގެން އިތުރު ކޮށްފައި ވިއްކަމުން ދާތީވެ އެކަން މަނާކުރުމަށްޓަކައި އުމަރުގެފާނު ނެރުއްވި އަމުރަށް ކިޔަމަންވި މީހުންނެވެ. އެ މީހުން ކިޔަމަންތެރިވީ ހަމައެކަނި އަމުރު އޮތުމަކުން ނޫނެވެ. ނުވަތަ އަމުރަށް ނުކިޔަމަންތެރިވާ މީހުން ބަލަން ބަޔަކު ތިބެގެނެއް ނޫނެވެ. ނުވަތަ އަމުރާ ޚިލާފުވާ މީހުންނަށް އަދަބުދޭތީ އެކަމުން ސަލާމަތްވާން ވެގެން އެކަންޏެއް ނޫނެވެ. މިކަންކަމަށް އެކަނި ބަލާނަމަ ނުކިޔަމަންތެރިވުމުގެ ފުރުސަތު ހޯދިދާނެ އެވެ.

ވީމާ މިކަމަށް އޮތް އެންމެ މޮޅު ހައްލަކީ އީމާންތެރިކަމުން ތަރުބިޔަތު ވެފައިވާ ހެޔޮލަފާ ޟަމީރުތަކެއް އުފެއްދުމެވެ. އޭރުން އަމުރަށް ނުކިޔަމަންތެރިވޭތޯ ބަލައި ފާރަލާނީ އެ ޟަމީރުތަކެވެ. އޮޅިގެން ނުވަތަ ޣާފިލުކަމެއްގެ ތެރެއިން ނުކިޔަމަންތެރިވެވޭ ގޮތެއް މެދުވެރި ވިޔަސް ގާނޫނުން ލިބެންވާ އަދަބެއް ލިބިގަނެ އަލުން އިސްލާހު ވާނެ އެވެ. ކިރުގެ ތެރެއަށް ފެން އަޅައިގެން މަކަރު ނުހެދުމަށް އުމަރުގެފާނު އަމުރު ކުރައްވާފައި އޮތް ދުވަސްވަރު ކިރުވިއްކަން އުޅުނު އަންހެނަކު ފެން އަޅައިގެން އިތުރުކޮށްގެން ވިއްކަން ޚިޔާލު ކުރި އެވެ. ނަމަވެސް އުމަރުގެފާނުގެ އަމުރުފުޅު އޮތްކަން އޭނާގެ އަންހެން ދަރިފުޅު އޭނާ އަށް ހަންދާން ކޮށްދިނެވެ. އެ ވަގުތު މަންމަ ބުންޏެވެ.

"އަހަރެމެން މި އުޅޭ ތަނަކީ އަމީރުލް މުއުމިނީން އުޅުއްވާ ތަނާ ވަރަށް ދުރު ތަނެކެވެ. އެހެންވީމާ އެކަލޭގެފާނަކަށް މިކަން އެނގިވަޑައެއް ނުގަންނަވާނެ އެވެ."

އެ ވަގުތު އަންހެން ކުއްޖާ ބުންޏެވެ. "މަންމާ އެވެ! އަމީރުލް މުއުމިނީން އަށް މިކަން އެނގިވަޑައި ނުގަތަސް އެކަލޭގެފާނުގެ ވެރި ރަސްކަލާނގެ އަށް މިކަން ވަންހަނާ ވެގެން ނުވާނެ އެވެ."

އަމުރަށް ކިޔަމަންވުމުގައި ހެޔޮލަފާ ޟަމީރުގެ އަސަރު މިގޮތަށް ފެންނަ ފަދައިން އަމާނާތްތައް އަދާ ކުރުމުގައިވެސް ހެޔޮލަފާ ޟަމީރު މުހިންމު ދައުރެއް އަދާކުރެ އެވެ. މީގެ މިސާލުތައް ވެސް އިސްލާމީ ތާރީޚުން ފެނިގެން ދެ އެވެ. އިމާމް އައްޠަބަރީ ރިވާ ކުރެއްވިއެވެ. މުސްލިމުން ފާރިސް ކަރައިގެ ވެރިރަށް މަދާއިނު ފަތަހަކޮށް ޣަނީމާތައް ޖަމާކޮށް ނިމުނު ފަހުން، މުދަލެއް ހިފައިގެން މީހަކު އައިސް ހަވާލު ކުރިއެވެ. މިއީ އާންމު ކަމަކަށް ނުވާތީ އަޖައިބުވެގެން ބައެއް މީހުން ސުވާލު ކުރިއެވެ. އަދި މިކަމުގެ ބަދަލުގައި އޭނާ އަށް އެއްޗެއް ނުނަގަންތޯ އޮޅުންފިލުވި އެވެ. އެވަގުތު އޭނާ ބުނީ "ތިމަން މި ހިފައިގެން މިތަނަށް އައީ ހަމައެކަނި ﷲ އަށްޓަކަ އެވެ." މިއީ ކާކުކަން ނޭނގޭތީ ކާކުތޯ ސުވާލު ކުރިއެވެ. އޭނާ ބުނީ "ތިމަންނައަކީ ކާކުކަން ނުބުނާނަމެވެ. އެއީ ތިޔަބައި މީހުން ނުވަތަ އެހެން ބަޔަކުވިޔަސް ތިމަންނައަށް ތައުރީފުކޮށް ޝުކުރު ކުރަން ތިމަން ބޭނުން ނުވާތީ އެވެ. ﷲ އަށް ތިމަން ޙަމްދު ކުރަމެވެ. އަދި އެކަލާނގެ ޙަޒްރަތުން ހެޔޮ ދަރުމައަށް އެދެމެވެ." މިހެން ކިޔައި އޭނާ ހިނގައްޖެ އެވެ. ފަހުން އެނގުނު ގޮތުގައި އެއީ ޢާމިރު ބުނު ޢަބްދު ޤައިސު އެވެ.

މިފަދަ އެހެން ބައެއް ހާދިސާ ތަކަކީ ތަފާތު އެކި ފަތަހަ ތަކުގައި އުމަރުގެފާނާ ހަމައަށް ނަގުލު ކުރެވުނު ގިނަ ޣަނީމާތަކެވެ. އޭގެ ތެރޭގައި ވަރަށް އަގުބޮޑު ތަކެތި ވެސް ހިމެނެ އެވެ. އެހެން ނަމަވެސް އެ ތަކެތި ގެނެސްދެއްވި ބޭކަލުންނަކީ ﷲ ގެ ވަޖުހުފުޅަށްޓަކައި އެތަކެތި އުފުލައި ގެންގޮސްދިން މާތް ބޭކަލުން ތަކެކެވެ. އެބޭކަލުން އެކަން އެގޮތަށް ކުރެއްވީ އަމީރުލް މުއުމިނީންގެ ފަރާތުން ނުވަތަ އެހެން ބައެއްގެ ފަރާތުން ވެސް ހެޔޮ ކަމަކަށް ނުވަތަ ޝުކުރުގެ ބަހަކަށް އެދިގެނެއް ނޫނެވެ. އެހެންނަމަވެސް އުމަރުގެފާނު، އެބޭކަލުންގެ އެ އަމާނާތްތެރިކަމާ މެދު ހިތްޕުޅު ހަމަޖެހިވަޑައިގެން ތައުރީފު ކުރެއްވެވި އެވެ.

އަމާނާތްތެރި ވުމުގައި ހެޔޮލަފާ ޟަމީރެއްގެ އަސަރު ދައްކައިދޭ އެހެން ހާދިސާއެއް ޢަބްދުﷲ ބުނު ދީނާރުގެ ކިބައިން ރިވާ ވެގެންވެ އެވެ. އެކަލޭގެފާނު ވިދާޅުވި އެވެ. ތިމަންމެން އުމަރުގެފާނާ އެކު އެއް ފަހަރު ތަނަކަށް ވަޑައިގަންނަވަން ނުކުމެ މަގުމަތީގެ ވަކި ހިސާބަކުން ތަންކޮޅެއް ހިޔާ ކޮށްލައިގެން މަޑުކޮށްލީމެވެ. އެގޮތަށް ތިއްބައި އެތަނުގައި ހުރި ފަރުބަދައަކާ ދިމާލުން ބަކަރި ހުއިހައްޕާ މީހަކު ތިރިއަށް ފައިބައިގެން އައެވެ. އެމީހާ އަތުން ކަންބަޅިއެއް ބައްލަވައިގަންނަން އުމަރުގެފާނު އެދިވަޑައިގަތެވެ. އޭނާ ބުނީ "ތިމަންނާ އަކީ މި ތަކެތީގެ ވެރި މީހާގެ އަޅެކެވެ." މުރާދަކީ އެއީ އޭނާގެ އެއްޗެއް ކަމަށް ނުވާތީ ވެރިމީހާ އަށް ނޭނގި އެ ނުވިއްކާނަމެވެ. އެހިނދު އޭނާ ޓެސްޓު ކޮށްލުމަށް އުމަރުގެފާނު ހިތްޕުޅަށް އަރާވަޑައިގެން ވިދާޅުވި އެވެ.

"މިނިކާ ކުއްތާއެއް އައިސް އޭތި ކާލީ ކަމަށް ވެރިމީހާ ގާތުގައި ބުނާށެވެ!". އަޅުކަލޭގެ ހަމަވަގުތުން ބުންޏެވެ. "އޭރުން ދެން ﷲ ކޮބައިހެއްޔެވެ؟" މުރާދަކީ ﷲ ގެ ހަޒްރަތުގައި ތިމަންނާ ދަންނަވާނީ ކޮން ވާހަކައެއް ހެއްޔެވެ؟ އެ ވަގުތު އުމަރުގެފާނަށް ކީރިތި ކުރެއްވުނެވެ. އަދި އެ އަޅުކަލޭގެއާ އެކު އޭނާގެ ސާހިބުމީހާ ގާތަށް ވަޑައިގެން އެ ކަންބަޅި ބައްލަވައިގަންނަވައި އަދި އަޅުކަލޭގެ މިނިވަން ވެސް ކުރެއްވި އެވެ. އަދި ވިދާޅުވި އެވެ. "މި ދުނިޔޭގައި ތިބާ މިނިވަންވާން މެދުވެރިވީ ތިބާ ތިޔަބުނި ބަހެވެ. ތިމަންކަލޭގެފާނުގެ އުންމީދަކީ އާޚިރަތުގައި ވެސް ތިބާ އަށް މިންޖުވުން އެބަހުގެ ސަބަބުން ހާސިލު ވުމެވެ."

މިނޫނަސް މިފަދަ އެތައް މިސާލުތަކެއް އަމާނާތްތެރި ވުމުގައްޔާއި އަމުރުތަކަށް ކިޔަމަންވުމުގައި އިސްލާމީ ތާރީޚުން ފެނެ އެވެ. އީމާންތެރިކަމުން ތަރުބިޔަތު ވެފައިވާ ހެޔޮލަފާ ޟަމީރުތަކެއް ވާނަމަ މި ކަހަލަ ބައިވަރު މިސާލުތައް މިއަދު ވެސް ފެންނާނެ އެވެ. ވީމާ އަމުރުތަކަށް ކިޔަމަންވުމުގަ އާއި އަމާނާތްތެރިވުމުގައި އަދި މިނޫނަސް ދިރިއުޅުމުގެ ހުރިހާ މައިދާން ތަކުގައި ވެސް އެންމެ ފުރިހަމަ ގޮތުގައި އަމަލުތައް ބަހައްޓައި މުޖުތަމައުގައި މާތް ސިފަތައް އަށަގެންނެވުމަށްޓަކައި ހެޔޮލަފާ ޟަމީރު ތަކެއް ވަރަށް މުހިންމެވެ. މިކަން ވާނީ އީމާންތެރިކަމުން އަޅުގަނޑުމެންގެ ޟަމީރުތައް ތަރުބިޔަތު ކުރެވޭތޯ ފަރުދީ ގޮތުންނާއި ތަރުބިޔަތުގެ މުއައްސަސާތަކުން ގަދައަޅައި މަސައްކަތް ކޮށްގެންނެވެ.