01 މާޗް 2019 - 09:29

ރިއޯ ޑި ޖެނީރޯ (މާޗް 1) – ރެއާލް މެޑްރިޑުގެ އުއްމީދީ އެޓޭކިން ކުޅުންތެރިޔާ ވިނީޝިއަސް ޖޫނިއާ އަށް ބްރެޒިލްގެ ގައުމީ ފުޓްބޯޅަ ޓީމުން ފުރަތަމަ ފަހަރަށް ފުރުސަތު ލިބިއްޖެ އެވެ.
މެޑްރިޑުން 46 މިލިއަން ޔޫރޯ އަށް ގަތް ވިނީޝިއަސް އެ ކްލަބުގެ ޔޫތު ޓީމަށް ކުޅުމަށް ފަހު މި ސީޒަނުގައި ސީނިއާ ޓީމާ ގުޅި އަންނަނީ ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ. އޭނާގެ ކުޅުމާ އެކު، ވޭލްސްގެ ވިންގާ ގެރެތު ބޭލް އަށް ވެސް މިހާރު މެޑްރިޑުގެ ފުރަތަމަ އެގާރައިން ފުރުސަތެއް ނުލިބެ އެވެ.
އުމުރުން 19 އަހަރުގެ ވިނީޝިއަސް އަށް ފުރުސަތު ލިބުނީ ކޮޕާ އެމެރިކާ އަށް ތައްޔާރުވުމުގެ ގޮތުން މި މަހުގެ 23 ގައި ޕެނަމާއާ ދެކޮޅަށް އަދި 26 ގައި ޗެކް ރިޕަބްލިކާ ދެކޮޅަށް ބްރެޒިލް ކުޅޭ މެޗުތަކަށް ނެގި ސްކޮޑުންނެވެ
ފުރުސަތު ލިބުނު ޒުވާން އެހެން ކުޅުންތެރިންގެ ތެރޭގައި އޭސީ މިލާނުގެ މިޑްފީލްޑަރު ލޫކަސް ޕަކޭޓާ އާއި ޕޯޓޯގެ ޑިފެންޑަރު އެޑާ މިލިޓާއޯ އާއި ބާސެލޯނާގެ އަރްތޫރު އާއި އެވަޓަންގެ ރިޗާލިސަން އާއި ގްރެމިއޯގެ އެވަޓަން ސޯސާ ސޯރެސް ހިމެނެ އެވެ.
ބްރެޒިލް ޓީމުގައި ނުހިމެނޭ ފާހަގަކޮށްލެވޭ ކުޅުންތެރިންނަކީ އަނިޔާގެ ސަބަބުން އޭޕްރިލް މަހުގެ ނިޔަލަށް ކުޅުމާ ދުރުގައި ހުރި ނޭމާ އާއި ރެއާލް މެޑްރިޑުގެ ތަޖުރިބާކާރު ފުލްބެކް މާސެލޯ އެވެ. އެކަމަކު ޕީއެސްޖީގެ ތަޖުރިބާކާރު ދެ ޑިފެންޑަރުން ކަމަށްވާ ތިއާގޯ ސިލްވާ އާއި ޑެނިއަލް އަލްވެސް ވަނީ އަލުން ޖާގަ ހޯދައިފަ އެވެ. މީގެ އިތުރުން ވެސްޓް ހޭމްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަންނަ ފެލިއްޕެ އެންޑަސަން އަށް ވަނީ 2015 ގެ ފަހުން ފުރަތަމަ ފަހަރަށް ފުރުސަތު ލިބިފަ އެވެ.
ޕްރިމިއާ ލީގުގެ އަށް ކުޅުންތެރިން ބްރެޒިލް ޓީމުގައި ހިމެނޭއިރު އޭގެ ތެރޭގައި ލިވަޕޫލުގެ ގޯލްކީޕަރު އެލިސަން ބެކާ އާއި ފޯވާޑް ރޮބާޓޯ ފިރްމީނިއޯ އާއި މިޑްފީލްޑަރު ފަބީނިއޯ އާއި މެންޗެސްޓާ ސިޓީގެ ފޯވާޑް ގެބްރިއަލް ޖީސުސް އަދި ޑިފެންޑަރު ފަބީނިއޯ ފާހަގަކޮށްލެވެ އެވެ.