01 މާޗް 2019 - 09:26

ނިޔޯން (މާޗް 1) – ޗެމްޕިއަންސް ލީގުގައި މިދިޔަ މަހުގެ 14 ވަނަ ދުވަހުގެރޭ އަޔަކްސްއާ ދެކޮޅަށް ރެއާލް މެޑްރިޑް ކުޅުނު މެޗުގައި އެ ޓީމުގެ ކެޕްޓަން ސާޖިއޯ ރާމޯސް ގަސްދުގައި ރީނދޫ ކާޑެއް ހޯދި މައްސަލައިގައި ޔުއެފާ އިން އޭނާ އެއް މެޗަށް ސަސްޕެންޑްކޮށްފި އެވެ.
ރެއާލް މެޑްރިޑް 2-1 އިން ކުރީގައި އޮއްވާ މެޗުގެ 89 ވަނަ މިނެޓުގައި ރާމޯސް އަށް ރެފްރީ ރީނދޫ ކާޑު ދެއްކީ އަޔަކްސްގެ ކެސްޕާ ޑޯލްބާގަށް ކުރި ފައުލަކަށެވެ. އެ ކާޑާ އެކު ދެ ވަނަ ލެގަށް އޭނާ ސަސްޕެންޑްވި އެވެ.
އެއީ އޭރު ނަތީޖާ އޮތްގޮތުން، މުހިއްމުކަން ކުޑަވެފައި އޮއތް ދެ ވަނަ ލެގަށް ސަސްޕެންޑްވެ، މުބާރާތުގެ ފަހު ބަޔަށް ކާޑުގެ ސާފުކުރަން ރާމޯސް ކުރި ކަމެއް ކަމަށް ބެލެވެން ފެށީ މެޗަށް ފަހު ދެއްކި ވާހަކައަކުންނެވެ. ނޫސްވެރިން ގާތު އޭނާ ބުނީ ކާޑު ހޯދަން ބާރު ނުލަމޭ ބުނެފި ނަމަ އެ ހެދެނީ ދޮގެއް ކަމަށެވެ. އެކަމަކު ފަހުން ބުނީ އޭނާ އިޝާރާތްކުރީ އެ ފައުލްކުރަން ބާރުލީ ވާހަކައަށް ކަމަށާއި ރީނދޫ ކާޑެއް ހޯދަން ބާރުލީ ވާހަކައަށް ނޫން ކަމަށެވެ.
"އެއީ ވަރަށް ނުރައްކާތެރި ކައުންޓާ އެޓޭކެއް 88 ވަނަ މިނެޓުގައި އައި،" ރާމޯސް ބުންޏެވެ.
އެ ކާޑާ ގުޅިގެން މިހާރު ވެސް ދެ ވަނަ ލެގަށް ސަސްޕެންޑްވެފައިވާ ރާމޯސް އަށް ޔުއެފާގެ އަދަބާ އެކު، ކުއާޓާ ފައިނަލަށް މެޑްރިޑް ދަތުރުކޮށްފި ނަމަ ފުރަތަމަ ލެގުގައި ނުކުޅެވޭނެ އެވެ.